މަސްވެރިންގެ ދަރަނި އަދާކޮށް ނިންމި ކަމުގެ ޔަގީންކަން މިފްކޯ އިން ވަނީ ދީފައި: ޝައިނީ

ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަސްވެރިންނަށް ދަރާފައިވާ ދަރަނީތައް މިފްކޯ އިން އަދާކޮށް ނިންމާފައިވާ ކަމުގެ ޔަގީންކަން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދުލީ އިސްމާއީލް ދެއްވާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ގއ. ގެމަނަފުށީގައި މަސްވެރިކަމުގެ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝައިނީ ވިދާޅުވީ މަސްވެރިންނަށް އަދާކުރަންޖެހޭ ދަރަނި ރޭގެ ނިޔަލަށް އެއްކޮށް ދައްކައި ޚަލާސްކޮށްފައިވާ ކަމުގެ އުފާވެރި ޚަބަރު، އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދުލީ ދެއްވާ ކަމަށެވެ.

"މިފްކޯގެ އެމްޑީގެ ފަރާތުން އުފާވެރި ޚަބަރެއްވެސް ދޭން ބޭނުން. މިހާތަނަށް، ރާއްޖޭގެ ހުރިހާ ހިސާބަކަށް. އެއްވެސް ހިސާބަކަށް ދަރަންޏެއް އޮތް ކަމަށް ވަންޏާމު އެމަނިކުފާނު ޔަގީންކަން ދެއްވައިފި ރޭގެ ނިޔަލަށް އެ ހުރިހާ ދަރަންޏެއް ފިލުވާފަ ވާނެ ކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

ޑރ. ޝައިނީ ވިދާޅުވީ، އަންނަ އަހަރުގެ ފެބްރުއަރީގެ ކުރިން، މިފްކޯ ތެރޭގައި ހުރި މައްސަލަތައް ސަރުކާރާއި، އެސްޓީއޯއާ ގުޅިގެން ހައްލު ކުރާނެ ކަމުގެ ޔަގީންކަން ވެސް އަދުލީ ދެއްވާފައިވާ ކަމަށެވެ. އަދި އެމައްސަލަތައް ހައްލު ކުރުމަށް މަސްވެރިންނާ މަޝްވަރާކޮށްގެން މަސައްކަތްކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދަރަނި ބޮޑުވެ ހުއްޓުމަކަށް އައިސްފައި އޮތް މިފްކޯ އެސްޓީއޯގެ ދަށަށް ގެނައި އިރު އެކުންފުނީގެ ދަރަނީގެ ގޮތުގައި 300 މިލިއަން ރުފިޔާ ހުއްޓެވެ. ނަމަވެސް އެ ދަރަނި އަދި އަދާކުރެވިފައެއް ނުވެއެވެ.

comment ކޮމެންޓް