ޕީޕީއެމް މެމްބަރަކު ކައުންސިލް އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހަޅާފައެއް ނުވާނެ: ޕީޕީއެމް

ޕީޕީއެމުން ބޭއްވި އަސްލު ޖަލްސާގެ ތެރެއިން --- ސަންފައިލް ފޮޓޯ

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ އެއް ވަނަ ދުވަހަށް ހަމަވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައިވާ އިރު ޕީޕީއެމްގެ އެއްވެސް މެމްބަރަކު އަދި ފޯމު ހުށަހަޅާފައިނުވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ލޯކަލް ކައުންސިލް އިންތިހާބަށް މިހާތަނަށް 900 އަށް ވުރެ ގިނަ މެމްބަރުން ކުރިމަތިލާފައިވާ ކަމަށެވެ. މިހާރު ކުރިމަތި ލުމުގެ މުއްދަތު ހަމަވެފައިވާ އިރު ދެވަނަ ފުރުސަތަކަށް ހުޅުވާލުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ވެސް އިލެކްޝަނުން ވަނީ ބުނެފަ އެވެ.

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިންތިހާބު ފަސްކޮށްދިނުމަށް އެދި ކޯޓަށް ދާން މަޖުބޫރުވީ ވެސް އިންތިހާބަށް ކުރިމަތިލެވޭ ފެންވަރަށް މައުލޫމާތު ނެތިގެން ކަމަށެވެ.

އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނި ނަމަވެސް ދަށު ކޯޓުން ކުރި ހުކުމާ އެއްގޮތަށް އަދި ފުރުސަތު ދޭން ޖެހޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ފުރުސަތު ނުދޭ ކަމަށްވާ ނަމަ، އިންތިހާބު ފަސްކުރުމުގެ މާނައެއް ނެތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމުން ޕްރައިމެރީ ބާއްވަން ޖެހޭ ތަންތަނުގައި ޕްރައިމެރީ ވެސް ބާއްވާނެ ކަމަށެވެ. ނަމަވެސް އަދި ޕްރައިމެރީ ބާއްވަން ވަކި ތާރީހެއް ކަނޑަނާޅާ ކަމަށް އަބްދުއް ރަހީމް ވިދާޅުވި އެވެ.

"ޕީޕީއެމްގެ ޓިކެޓުގައި ކުރިމަތިލީ އެއްވެސް މީހަކު ނުހިމެނޭނެ މިހާރު ކުރިމަތިލީކަމަށް ބުނާ މީހުންގެ ތެރޭގައެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމް ޓިކެޓުގައ ކައުންސިލް އިންތިހާބަށް ވާދަކުރުމަށް އެދި 700 އާ ގާތްކުރާ އަދަދަކަށް ފޯމު ލިބިފައިވާ ކަމަށް ޕީޕީއެމްގެ ޖެނެރަލް ސެކްޓްރީ އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް ވިދާޅުވި އެވެ.

comment ކޮމެންޓް