"ނުރައްކާތެރި ބަލި ހުރި ބިދޭސީންނަށް ފޭކު މެޑިކަލް ރިޕޯޓު ދަނީ ހަދަމުން"

އުދައެރި ސަރަހައްދެއް ސާފު ކުރުމުގައި ބިދޭސީއެއް: ފޭކް މެޑިކަލް ރިޕޯޓު އިމިގްރޭޝަނަށް ހުށަހެޅި ކަމުގެ ތުހުމަތު ވަނީކޮށްފައި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބިދޭސީންގެ ވިސާ އާ ކުރުމަށާއި އަލަށް ވިސާ ހޯދުމަށް ސައްހަ ނޫން މެޑިކަލް ރިޕޯޓު ހުށަހަޅަމުންދާ ކަމަށް ޑިޕާޓްމެންޓް އޮފް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

އެޑިޕާޓްމެންޓުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ބިދޭސީންގެ ވިސާ އަށް އެދި ސައްހަ ނޫން މެޑިކަލް ރިޕޯޓު ހުށަހަޅަމުންދާތީ، އެ ފަދަ ބައެއް މައްސަލަތައް ދައުލަތުގެ ކަމާ ބެހޭ ބައެއް މުއައްސަސާތަކާ ގުޅިގެން ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. އަދި އެ ތަހުގީގު ނިމެންދެން ބައެއް ކްލިނިކްތަކާއި ހޮސްޕިޓާތަކުން ދޫކުރަމުން އަންނަ މެޑިކަލް ރިޕޯޓު ބަލައިގަތުން މަޑުޖައްސާފައިވާ ކަމަށް އެ ޑިޕާޓްމެންޓުން ބުނެފައިވެ އެވެ.

އަދި އެ އިދާރާއިން ބެލިބެލުމުގައި އެފަދަ ސައްހަ ނޫން ރިޕޯޓު ހުށަހަޅާފައިވާ ބިދޭސީންނަކީ އެ ބިދޭސީންގެ ގައިގައި ނުރައްކާތެރި ބަލި ހުރި ކަމަށް، އެ ބިދޭސީން ކުރިން ހަދާފައިވާ މެޑިކަލް ރިޕޯޓުތަކުން ފާހަގަވެފައިވާ ބިދޭސީން ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން އެ އިދާރާއިން ބުނީ، ބައެއް ކްލިނިކްތަކާއި ހޮސްޕިޓާތަކުން ހައްދައި ދޭ މެޑިކަލް ރިޕޯޓު ބަލައިގަތުން ވަގުތީ ގޮތުން ހުއްޓާލީ އެއްވެސް ފަރާތަކަށް ފައިދާއެއް ނުވަތަ ގެއްލުމެއް ދިނުމުގެ ގޮތުން ނޫން ކަމަށާއި އެއީ އިމިގްރޭޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ވަގުތީ ގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ.

"މިފަދަ ކަންކަމަކީ މުޖުތަމައުގެ ސަލާމަތާ ރައްކާތެރިކަމާ ގުޅިފައިވާ ކަންކަމަށް ވާތީ މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި މި އިދާރާއިން އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމަށްވެސް ފަހަތަށް ނުޖެހޭނެ ވާހަކަ ދެންނެވީމެވެ،" އިމިގްރޭޝަނުގެ ބަޔާނުގައި ވެއެވެ.

އެ އިދާރާއިން މިފަދަ ބަޔާނެއް ނެރެފައިވާއިރު، ބިދޭސީންގެ ވިސާ އާ ކުރުމަށާއި އަލަށް ވިސާއަށް އެދި ހުށަހަޅާ މީހުންންނަށް އޭޑީކޭ ހޮސްޕިޓަލުންނާއި އޭއެމްޑީސީން ހަދައިދޭ މެޑިކަލް ރިޕޯޓް ބަލައިގަތުން އިމިގްރޭޝަނުން ވަނީ ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ.

comment ކޮމެންޓް