މިދިޔަ އަހަރު މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ހިންގާފައިވާ ބައެއް މަޝްރޫއުތައް ހިންގުމާއި މަޝްރޫއު ހިންގުމަށް ހަވާލުކުރުމުގައި، ދައުލަތުގެ މާލިއްޔަތާ ބެހޭ ގަވައިދާ ޚިލާފުވެފައިވާ ކަމަށް އެ މިނިސްޓްރީގެ އޮޑިޓު ރިޕޯޓުން ދައްކައިފި އެވެ.
އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު، މިދިޔަ މަހުގެ ފަހުކޮޅު ނެރުއްވާފައިވާ، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ 2015 ވަނަ އަހަރުގެ މާލީ އޮޑިޓުގައި މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވާ މައްސަލައަކީ، 25،000 ރުފިޔާ އަށް ވުރެ އަގުބޮޑު މަޝްރޫއުތައް ހިންގުމަށް ހަވާލުކުރަން ޖެހޭނީ އާންމުކޮށް އިއުލާނުކޮށްގެން، ލިބޭ އަންދާސީ ހިސާބުތަކަށް ބަލައިގެން ކަމަށް މާލިއްޔަތު ގަވައިދުގައި ކަނޑައަޅާފައިވާ އިރު، އެ މިނިސްޓްރީން އެގޮތަށް ކަން ކޮށްފައި ނުވާ ކަމެވެ.
އެގޮތުން، މިދިޔަ އަހަރުގެ ފަހުކޮޅު، މަޖީދީމަގުގައި ހުންނަ "މުނި އުފާ" ޔޫތު ސެންޓަރު މަރާމާތު ކުރުމަށް 223،747 ރުފިޔާ ޚަރަދު ކޮށްފައިވާ އިރު، އެ މަސައްކަތް ކުރީ އިއުލާނު ނުކޮށްކަމަށް އޮޑިޓު އޮފީހުން ބުނެ އެވެ. އެ މަސައްކަތަކީ ކުއްލި ގޮތަކަށް ކުރަން ޖެހުނު ކަމެއް ކަމަށް ބުނެ، ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުމަށް ޔޫތު މިނިސްޓްރީން އެދިފައި ވަނީ، މަސައްކަތް ބަޔަކާ ހަވާލުކުރިތާ މަހަކަށް ވުރެ ގިނަ ދުވަސް ފަހުން ކަމަށް އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން ބާރަށުގައި ފުޓްސަލް ދަނޑު އެޅުމަށް ސިފައިންނާ ހަވާލުކުރުމުގައި އެއްބަސްވުމެއް ހަދާފައި ނުވާކަން ފާހަގަކޮށްފައިވާ އިރު، އެ ދަނޑު އެޅުމަށް އެމްއެންޑީއެފްގެ 15 މީހަކު، 80 ދުވަހު ބާރަށުގައި ހުރުމާއި ކެއުމުގެ ކަންކަން ހަމަޖައްސަން އަމިއްލަ ފަރާތަކާ ހަވާލުކޮށްގެން 250،000 ރުފިޔާ ޚަރަދުކޮށްފައި ވަނީ އިއުލާން ކޮށްގެން އަންދާސީ ހިސާބު ހޯދުމެއް ނެތި ކަމަށް އޮޑިޓުގައި ފާހަގަކުރެ އެވެ.
އަދި މިނިވަން 50ގެ މުނާސަބަތުގައި ބޭއްވި ފުޅަނދު ބުރުގައި، ޔޫތު މިނިސްޓްރީގެ ދަށުން ހިންގާ ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން (އެންބީސީ)ގެ ފުޅަނދު ހެދުމަށް އެންބީސީގެ ރެކްރިއޭޝަން ކްލަބާ ވެސް ހަވާލުކުރީ އާންމުކޮށް އިއުލާނު ނުކޮށް ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެ އެވެ. ފުޅަނދު ހެދުމަށް ހޯމް މިނިސްޓްރީން ހަމަޖެއްސި 250،000 ރުފިޔާ އާއި ޔޫތު މިނިސްޓްރީގެ ބަޖެޓުން 45،500 ރުފިޔާއާ އެކު ޖުމްލަ 295،500 ރުފިޔާ، އެންބީސީގެ ރެކްރިއޭޝަން ކްލަބާ ހަވާލުކުރި އެވެ.
ސަރުކާރު ކުންފުނިތަކަށް މަޝްރޫއު ހަވާލުކުރުމުގައި ވެސް މައްސަލަތަކެއް!
އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ އިތުރު މައްސަލަތަކަށް ބަލާއިރު، ސަރުކާރުގެ ކުންފުނިތަކަށް މަޝްރޫއުތައް ހަވާލުކުރުމުގައި ވެސް މާލިއްޔަތު ގާނޫނާ ޚިލާފަށް އަމަލުކޮށްފައިވާކަން ފާހަގަކުރެ އެވެ.
މާލިއްޔަތު ގާނޫނު ބުނާ ގޮތުން، ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތެއް ބިޑްކުރުމަކާ ނުލައި، އަދި ޓެންޑަރ އިވެލުއޭޝަން ބޯޑަށް ހުށަހެޅުމަކާނުލައި، ސަރުކާރުގެ މެޖޯރިޓީ ޙިއްސާ އޮންނަ ކުންފުންޏަކާ ނުވަތަ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓް ކޮށްފައިވާ ސަރުކާރުގެ ޙިއްސާ ހިމެނޭ ކުންފުންޏަކާ ޙަވާލުކޮށްގެން އެ މަސައްކަތެއް ކުރެވިދާނެ އެވެ.
އެހެން ނަމަވެސް މިކަން ކުރުމުގެ އުސޫލަކީ މަސައްކަތުގެ ބާވަތާއި އަގާއި މަސައްކަތް ހަވާލުކުރާ ފަރާތުގެ މައުލޫމާތު ފިނޭންސަށް ހުށަހަޅައި، އެ މިނިސްޓްރީގެ ހުއްދަ ހޯދައިގެން މަސައްކަތް ކުރުމެވެ.
އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި، ފަސް ރަށެއްގެ ފުޓްސަލް ދަނޑު އެޅުމަށް އެމްއާރުޑީސީ އަށް ހަވާލުކުރުމުގެ ހުއްދައަށް ޔޫތު މިނިސްޓްރީން އެދިފައި ވަނީ މަޝްރޫއުގެ ތަފްސީލުތައް ވަކިވަކިން ހުށަހެޅުމުގެ ބަދަލުގައި ހުރިހާ މަޝްރޫޢެއްގެ ޖުމްލަ އަގު ޖަހައިގެންނެވެ. އަދި ފިނޭންސުން އެ މަސައްކަތުގެ ހުއްދަ ދިނީ ވެސް ވަކިވަކި މަޝްރޫއުތަކުގެ ޚަރަދު ކަނޑަނާޅައި، ޖުމްލަކޮށް ކަމަށް އޮޑިޓުގައި ބުނެ އެވެ.
އެ މަޝްރޫއުތަކަކީ އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، ހުޅުދޫ އަދި މީދޫގައި ފުޓްސަލް ދަނޑު އެޅުމަށް ކޮންމެ ރަށަކަށް 1،171،909 ރުފިޔާއާއި، ގއ. ވިލިނގިލި ފުޓްސަލް ދަނޑަށް 1،331،909 ރުފިޔާ އެވެ.
އިތުރު މައްސަލަތަކަށް ބަލާއިރު ގދ. ތިނަދޫ ސްޓޭޑިއަމްގެ ދުވާ ޓްރެކަށް ފެންޖަހައި، މުޅި ސްޓޭޑިއަމްގެ ވިނަ ނޮޅައި ސާފުކުރުމަށް އެމްއާރުޑީސީއަށް 104،424 ރުފިޔާއާއި، ފުވައްމުލަކު ހޯދަނޑު އަވަށުގެ ފުޓުބޯޅަ ދަނޑު ދިއްލުމަށް ފެނަކަ ކޯޕަރޭޝަނާ 49،335 ރުފިޔާ ޔޫތު މިނިސްޓްރީން ދިނީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ނުހޯދައި، އަދި އެ ކުންފުނިތަކާ އެގްރިމެންޓު ނުހަދާ ކަމަށް އޮޑިޓު ރިޕޯޓުގައިވެ އެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ޔޫތު މިނިސްޓަރުގެ މަގާމުގައި ހުންނެވީ މުހައްމަދު މަލީހު ޖަމާލެވެ. ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދުގެ ދެބެއިންގެ ދެދަރި ބޭފުޅެއް ކަމުގައިވާ މަލީހު އެ މަގާމުން ވަކި ކުރެއްވުމަށް ފަހު، ޔޫތު މިނިސްޓަރުކަމަށް އައްޔަނުކުރީ އޭރު ހެލްތު މިނިސްޓަރުގެ ގޮތުގައި ހުންނެވި އަހްމަދު ޒުހޫރެވެ.
އަދި ހޯމް މިނިސްޓަރުކަމުގައި ހުންނެވި އުމަރު ނަސީރު މިއަހަރުގެ ތެރޭގައި އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމަށް ޒުހޫރު އައްޔަނު ކުރުމާ އެކު ހުސްވި ޔޫތު މިނިސްޓަރުގެ މަގާމަށް އައްޔަނުކުރީ އޭރުގެ ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމެވެ.