ވެލެންސިއާ އާއި ޒެނިތު ފައިނަލަށް

ގައުމީ ނެޓްބޯޅަ މުބާރާތުގެ ފައިނަލުގައި އެއްކޮޅުން ނުކުންނަ ޒެނިތު ސްޕޯޓްސް ކްލަބު: އެ ޓީމުން މާދަމާ ރޭ ފައިނަލުގައި ނުކުންނާނީ ވެލެންސިއާ ސްޕޯޓްސް ކްލަބާ ދެކޮޅަށް --- ފޮޓޯ/ ނެޓްބޯލް އެސޯސިއޭޝަން

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ގައުމީ ނެޓްބޯޅަ މުބާރާތުގެ ފައިނަލަށް ވެލެންސިއާ ސްޕޯޓްސް ކްލަބާއި ޒެނިތު ސްޕޯޓްސް ކްލަބު ދަތުރުކޮށްފި އެވެ.

ވެލެންސިއާ ސްޕޯޓްސް ކްލަބާއި ޒެނިތު ސްޕޯޓްސް ކްލަބު ފައިނަލުގެ ޖާގަތައް ހޯދާފައި ވަނީ ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި އިއްޔެ ކުޅުނު އެ މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތަކުން މޮޅުވެގެންނެވެ.

ސެމީގެ ފުރަތަމަ މެޗުގައި ވެލެންސިއާ ވަނީ ކުޅުދުއްފުށީ ޔޫތު އެންޑް ރެކްރިއޭޝަން ކްލަބު އަތުން މޮޅުވެފައެވެ. އެ މެޗުން ވެލެންސިއާ މޮޅުވެފައި ވަނީ 75-30 ޕޮއިންޓުންނެވެ.

އިއްޔެ ކުޅުނު ސެމީގެ ދެ ވަނަ މެޗުގައި މޮޅު ކުޅުމަކާއެކު ޒެނިތު ސްޕޯޓްސް ކްލަބު ވަނީ ޓީސީ ސްޕޯޓްސް ކްލަބުގެ މައްޗަށް ކުރި ހޯދައިފައެވެ. އެ މެޗުން ޒެނިތު މޮޅުވެފައި ވަނީ 94-56 ޕޮއިންޓުންނެވެ.

ޖުމްލަ 16 ޓީމަކާއެކު މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ އެ މުބާރާތުގެ ފައިނަލުގައި ވެލެންސިއާ އާ ދެކޮޅަށް ޒެނިތު ނުކުންނާނީ މާދަމާ ރޭ 9:30 ގައެވެ.

comment ކޮމެންޓް