އޮކްޓޫބަރު ނިމުނުއިރު ރިޒާވްގައި 543.1 މިލިޔަން ޑޮލަރު!

އެމްއެމްއޭ: ---- ސަން ފައިލް ފޮޓޯ

މިއަހަރުގެ އޮކްޓޫބަރު މަސް ނިމުނު އިރު، ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 543.1 މިލިޔަން ޑޮލަރު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހާމަކޮށްފިއެވެ.

އެމްއެމްއޭއިން ނެރުނު، އޮކްޓޫބަރު މަހުގެ އިގްތިސާދީ ރިވިއު ދައްކާ ގޮތުގައި އޮކްޓޯބަރުގެ ނިޔަލަށް ރިޒާވްގައި ހުރި 543.1 މިލިއަން ޑޮލަރުގެ ތެރެއިން ބޭނުންކުރެވޭ ރިޒާވްގައި ހުރީ 186.8 މިލިއަން ޑޮލަރެވެ. ބޭނުންކުރެވޭ ރިޒާވްގައި ހުރި އަދަދަކީ މަހުން މަހަށް ބަލާއިރު ހަތަރު ޕަސެންޓު ދަށް އަދަދަކަށްވާއިރު، އަހަރުން އަހަރަށް ބަލާއިރުވެސް އެ އަދަދު ވަނީ ނުވަ ޕަސެންޓު ދަށްވެފައެވެ.

ޔޫޒެބަލް ރިޒާވް ދަށްވި ނަމަވެސް، މަހުން މަހަށް ބަލާއިރު ރަސްމީ ރިޒާވްގައި ހުރި މިންވަރު ވަނީ ސެޕްޓެމްބަރު މަހާ އަޅައިބަލާއިރު 1.8 މިލިޔަން ޑޮލަރު އިތުރުވެފައެވެ. ސެޕްޓެމްބަރު މަހު، ރަސްމީ ރިޒާވްގައި ހުރީ ޖުމްލަ 541.4 މިލިޔަން ޑޮލަރެވެ.

ޖުލައި މަހު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 611.8 މިލިޔަން ޑޮލަރެވެ. އެ އަދަދުު އޯގަސްޓް މަހު 532.5 މިލިޔަން ޑޮލަރަށް ދަށްވި ނަމަވެސް، ސެޕްޓެމްބަރު މަހު އެ އަދަދު ވަނީ އިތުރުވެފައެވެ. ސެޕްޓެމްބަރު މަހު 541.4 މިލިއަން ޑޮލަރުގައި ހުރެފައި، އޮކްޓޯބަރު މަހު އެ އަދަދު ވަނީ 1.8 މިލިއަން ޑޮލަރަށް އިތުރުވެ 543.1 މިލިއަން ޑޮލަރަށް އަރާފައެވެ.

ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވެފައިވާއިރު، އެމްއެމްއޭއިން ވަނީ ޑޮލަރު ދޫކުރުމަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސައި ބޭރަށް ފުރާ ކޮންމެ ޓިކެޓަކަށް 500 ޑޮލަރުގެ ރޭޓުން ޑޮލަރު ދޫކުރަން ފަށާފައެވެ. އެ އޮތޯރިޓީން އެ ޚިދުމަތް ދޭން ފެށީ ބޭންކުތަކުން ދޫކުރަމުން އައި ޑޮލަރު ދޫކުރުން ހުއްޓުވުމަށްފަހު އެވެ.

comment ކޮމެންޓް