އޭޑްސް ބައްޔަކީ ރާއްޖޭގައި ނިސްބަތުން މަދު ބައްޔެއް ނަމަވެސް ހިތްހަމަ ޖެހިލައިގެން ތިބެވޭކަށް ނެތް: މިނިސްޓަރު

ދުނިޔޭގައި މިއަދު ފާހަގަކުރާ އޭޑްސް ދުވަސް ރާއްޖޭގައި ފާހަގަކުރުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި، ހެލްތު މިނިސްޓަރު ނާޒިމް އާއި ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އަރުވިންދު މާތުރު ބައިވެރިވެވަޑައިގަންނަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރަހައްދުގެ އެހެން ގައުމުތަކާ އަޅައިބަލާއިރު ރާއްޖެއަކީ އެޗްއައިވީ އަދި އޭޑްސް ޖެހިފައިވާ މީހުން ނިސްބަތުން މަދު ގައުމެއް ނަމަވެސް އެއީ ހިތްހަމަ ޖެހިލައިގެން ތިބެވެން އޮތް ސަބަބެއް ނޫން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގައި މިއަދު ފާހަގަކުރާ އޭޑްސް ދުވަސް ރާއްޖޭގައި ފާހަގަކުރުމަށް މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އޭޑްސް ބައްޔާމެދު މީހުން ހޭލުންތެރިކުރުވުމަށް އަދިވެސް މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.

ސަަބަބެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވީ، ދިވެހިން ގޮސް އުޅޭ ގިނަ ގައުމުތަކަކީ އޭޑްސް ބަލީގެ ނުރައްކާތެރިކަން އޮތް ގައުމުތަކަކަށް ވުމާއި ދިވެހި މުޖުތަމައުން މިއަދު އާއްމުވަމުންދާ ބައެއް އަމަލުތަކުގެ ސަބަބުން އޭޑްސް ބަލި ފަދަ ބަލިތައް ހަލުވިކަމާއެކު ފެތުުރިގެން ދިއުމެވެ.

އެހެންކަމުން އޭޑްސް ބަލި ރާއްޖޭގައި ނިސްބަތުން މަދުވި ނަމަވެސް ހިތްހަމަ ޖެހިލައިގެން ތިބެވެން ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިއަދުގެ މުޖުތަމައުން އާއްމުވަމުންދާ ބައެއް އަމަލުތަކަކީ، ފެންނަމުންދާ ބައެއް މަންޒަރުތަކަކީ އޭޑްސްފަދަ ބައްޔެއް ފަސޭހައިން ފެތުރިދާނެފަދަ ކަންކަންކަމަށް ވުމާއެކު ހެލްތުގެ ކަންކަން ޕްރޮމޯޓްކުރާ އިންސްޓިޓިއުޓްތަކުން މި ބައްޔާމެދު މީހުން ހޭލުންތެރިކުރުވުމަށް އަދިވެސް މަސައްކަތްކުރަންޖެހޭ،" މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މައުލޫމާތުދޭ ގޮތުގައި ރާއްޖޭން އެންމެ ފުރަތަމަ އެޗްއައިވީ ޖެހިފައިވާ މީހެއް ފެނިފައި ވަނީ 1991 ވަނަ އަހަރުއެވެ. އަދި މިދިޔަ އަހަރުގެ ނިޔަލަށް 23 ދިވެއްސަކަށް އެޗްއައިވީ ޖެހިފައިވާއިރު އޭގެ ތެރެއިން 12 މީހަކު އެ ބަލީގައި މަރުވެފައިވާ ކަމަށް އެ އޭޖެންސީން ބުނެއެވެ.

އެޗްޕީއޭ އިން ބުނީ، ރާއްޖޭގައި މިވަގުތު ތިބީ އެޗްއައިވީ އަދި އޭޑްސް ޖެހިފައިވާ ނުވަ މީހުން ކަމަށެވެ. ނަމަވެސް އެ ބަލި ޖެހިފައިވާ އިތުރު މީހުން ރާއްޖޭގައި އުޅެމުންދާނެ ލަފާކޮށްފައިވާއިރު އޭގެ ތެރެއިން ގިނަ މީހުންނަށް އެމީހުންގެ ހަށިގަނޑުގައި އެޗްއައިވީ ހުރިކަން ނުއެނގުމަކީ އެކަށީގެންވާ ކަމެއްކަމަށް ފާހަގަކޮށްފައިވެއެވެ.

އެޗްއައިވީ ފެތުރުން ހުއްޓުވުމަށް ޓަކައި ދުނިޔެއިން އެ ބަލި ފެނުނުތާ ވަރަށް ކުރީކޮޅުގައި ސަރުކާރުން ވަނީ ރާއްޖެއަކީ އެޗްއައިވީ މަދު ގައުމެއްގެ ގޮތުގައި ދެމެހެއްޓުމަށް ޓަކައި ފިޔަވަޅުތަކެއް އަޅައިފައެވެ.

އެގޮތުން ރާއްޖޭން އެޗްއައިވީ ނައްތާލުމަށް ޓަކައި ކުރަންޖެހޭ ކަންކަން ކަނޑައަޅައި ލަފާދިނުމަށް 1987 ވަނަ އަހަރުން ވަނީ 'ނެޝެނަލް އޭޑްސް ކައުންސިލް'ގެ ނަމުގައި ކައުންސިލެއް އުފައްދައިފައެވެ.

އޭގެ އިތުރުން އެޗްއައިވީ އާއި އޭޑްސް އަދި ޖިންސީ ގުޅުމުން އަރާ ބަލިތައް ހުރި މިންވަރު ދަނެގަނެ އެ ބަލިތަކުން މީހުން ރައްކާތެރިކޮށް ކޮންޓްރޯލް ކުރުމަށާއި ބަލި ޖެހިފައިވާ މީހުންނަށް ދޭންވާ ފަރުވާ ފޯރުކޮށްދިނުމަށް 1991 ވަނަ އަހަރު "ނެޝެނަލް އޭޑްސް ޕްރޮގްރާމް"ގެ ނަމުގައި ޕްރޮގްރާމެއް ދަނީ ހިންގަމުންނެވެ.

އެ ޕްރޮގްރާމްގެ ތެރެއިން އެޗްއައިވީ އަދި އޭޑްސް އަށް ބޭނުންވާ ފަރުވާ އެ ބޭނުންވާ މީހުންނަށް ސަރުކާރުން ހިލޭ ފޯރުކޮށްދޭ އިރު، އެ ބަލިން ރައްކާތެރިކުރުމަށް ބޭނުންވާ މައުލޫމާތާއި ވަސީލަތްތައް ފޯރުކޮށްދެއެވެ.

comment ކޮމެންޓް