އެޗްއައިވީ އަށް ޓެސްޓް ކޮށްފިންތަ؟ އަވަހަށް ޓެސްޓުކުރޭ!

މިއަދަކީ ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި އެޗްއައިވީ އަދި އޭޑްސް ބައްޔާމެދު ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ދުނިޔޭގެ ފެންވަރުގައި ފާހަގަކުރަމުން އަންނަ ދުނިޔޭގެ އޭޑްސް ދުވަހެވެ.

އޭޑްސް ބައްޔަކީ އެޗްއައިވީ ނުވަތަ ހިއުމަން އިމިއުނޯ ޑެފިޝެންސީ ވައިރަސް އިން ޖައްސާ ނުރައްކާތެރި ބައްޔެކެވެ. މިއީ އަދި މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައިނުވާ އިންސާނާ ނިކަމެތި ކޮށްލާ ވޭނެކެވެ.

އެޗްއައިވީ ޖެހިފައިވާ މީހުންގެ އަދަދު ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާ އިރު ރާއްޖޭގައި ނިސްބަތުން މަދުވި ނަމަވެސް މިއީ ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރި އެބައްޔެއްގައި އެތައް މިލިއަން މީހުން މަރުވާ އެއް ބައްޔެކެވެ. ދިވެހިން ވެސް އެކަމާމެދު ސަމާލުވާންޖެހިފައިވާ ބިރެކެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ޑަބްލިއުއެޗްއޯ އިން ލަފާކުރާ ގޮތުގައި 2015 ވަނަ އަހަރު ނިމުނު އިރު އެޗްއައިވީ ޖެހިފައިވާ 36.7 މިލިއަން މީހުން ދުނިޔޭގައި ތިއްބެވެ. އޭގެތެރެއިން އެޗްއައިވީ ޖެހިފައިވާ މީހުންގެ ތިންބައުކުޅަ ދެބައި ދިރިއުޅެނީ އެފްރިކާ ބައްރުގަ އެވެ.

ނަމަވެސް އަލަށް މިބަލީގެ ހާލަތު ބޮޑުވަމުންދާ ގައުމުތަކުގެ ތެރޭގައި އޭޝިއާ ބައްރުގެ ދިވެހިން އާއްމުކޮށް ދަތުރުކޮށް އުޅޭ ގައުމުތައް ހިމެނެ އެވެ.

އޭޑްސް ބަލީގައި މިދިޔަ އަހަރުގެ ނިޔަލަށް މުޅި ދުނިޔޭން 1.1 މިލިއަން މީހުން މަރުވެފައިވާ އިރު، މިދިޔަ އަހަރު 2.1 މިލިއަން މީހުންނަށް އަލަށް އެޗްއައިވީ ޖެހިފައިވެ އެވެ. މިއީ 2000 ވަނަ އަހަރާ އަޅާ ބަލާއިރު 35 ޕަސެންޓް މަދު އަދަދެއް ކަމަށް ވެސް ޑަބްލިއުއެޗްއޯއިން ބުނެ އެވެ.

ރާއްޖޭގައި އޭޑްސްގެ ހާލަތަށް ބަލާއިރު، ރާއްޖެއިން އެންމެ ފުރަތަމަ އެޗްއައިވީ ޖެހިފައިވާ މީހެއް ފެނިފައި ވަނީ 1991 ވަނަ އަހަރު އެވެ. އަދި މިދިޔަ އަހަރުގެ ނިޔަލަށް މިހާތަނަށް 23 ދިވެއްސަކަށް އެޗްއައިވީ ޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެ އެވެ.

އޭގެ ތެރެއިން 12 މީހަކު އެ ބަލީގައި މަރުވެފައިވާއިރު ރާއްޖޭގައި މިވަގުތު އެޗްއައިވީ އަދި އޭޑްސް ބަލީގައި ދިރިއުޅެމުންދަނީ ނުވަ މީހަކެވެ. ނަމަވެސް އެޗްއައިވީ ޖެހިފައިވާ އިތުރު މީހުން ރާއްޖޭގައި ދިރިއުޅެމުން ދާނެކަމަށް ލަފާކުރެވޭ ކަމަށް ބުނެފައިވެއެވެ.

އޭޑްސް ޖެހޭ ސަބަބުތަކަކީ މިއީ!

އޭޑްސް ޖައްސާ އެޗްއައިވީ ވައިރަސް އެކަކު ގައިން އަނެކަކު ގަޔަށް ފެތުރެނީ ރައްކާތެރިނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުމާއި ކަށި ބޭނުންކޮށްގެން މަސްތުވާތަކެތި ބޭނުންކުރާ މީހުން އެކަކު ބޭނުންކުރާ ސިރިންޖް ނުވަތަ ކަށި ފަދަ ތަކެތި އަނެކަކު ބޭނުން ކުރުމުން ނުވަތަ ރައްކާތެރިނޫން ލޭ އެޅުން ފަދަ އަމަލު ތަކުންނެވެ.

މީގެ އިތުރުން އެޗްއައިވީ ޖެހިފައިވާ މައެއްގެ ފަރާތުން މާބަނޑު ދުވަސްވަރާއި ވިހެއުމުގެ ތެރޭގައި ދަރިފުޅަށް އެޗްއައިވީ ފެތުރުން އެކަށީގެންވެ އެވެ.

މިއީ އޭޑްސް ފެތުރޭ ކަންކަމެއް ނޫން!

މަދިރީގެ ސަބަބުން އެކަކު ގައިން އަނެކަކު ގަޔަށް އެޗްއައިވީއެއް ނުފެތުރޭނެ އެވެ. އަދި އެޗްއައިވީ ޖެހިފައިވާ މީހަކާ އެއް ތަށިން ކެއުން ނުވަތަ އެކުގައި ކެއުމުގެ އިތުރުން އެ ބަލި ޖެހިފައިވާ މީހަކު ބޭނުން ކުރާ ފާހާނާއެއް ނުވަތަ އެފަދަ މީހަކު ބޭނުންކޮށްފައިވާ އަންނައުނު ބޭނުން ކުރުމުން އެ ބައްޔެއް ނުޖެހޭނެ އެވެ.

އޭޑްސް ބަލިން ތިމާއަށާއި އަނެކާއަށް ވެސް ގެއްލުން!

އެޗްއައިވީ ވައިރަސް ހަށިގަނޑަށް ވަނުމަށް ފަހު ހަށިގަނޑުގެ ދިފާއީ ނިޒާމަށް ހަމަލާދެ އެވެ. ދިފާއީ ނިޒާމު އެއްކޮށް ހަލާކުވުމުން އެހެނިހެން ބަލިތަކަށް އެމީހަކު ހުށަހެޅެ އެވެ. އޭޑްސް ޖެހުނުކަމަށް ބެލެވެނީ މިގޮތަށް މުޅި ދިފާއީ ނިޒާމު ހަލާކުވެ އެހެނިހެން ބަލިތައް ޖެހެން ފެށުމުންނެވެ.

އެޗްއައިވީ ހަށިގަނޑަށް ވަނުމަށް ފަހު އޭޑްސް އަށް ބަދަލުވުމާ ދޭތެރޭ ވަރަށް ގިނަ އަހަރުތަކެއް ވެސް ނަގާފާނެ ކަމަށް ޑޮކްޓަރުން ބުނެ އެވެ. އެ މުއްދަތުގެ ތެރޭގައި އެއްވެސް އަލާމާތެއް ނުފެނުނަސް އެމީހެއްގެ ފަރާތުން އެހެން މީހުނަށް ބަލި ފެތުރުމުގެ ފުރުސަތު އެބައޮތެވެ. އެހެން ކަމުން ގަވާއިދުން ޓެސްޓްކުރުމަކީ ހާއްސަކޮށް ބަލިޖެހުމުގެ ފުރުސަތު ބޮޑު މީހުންނަށް މުހިއްމުކަމެކެވެ.

އޭޑްސް ބަލިން ރައްކާތެރިވުމަށް މިކަންކަމަށް ސަމާލުވޭ!

އޭޑްސްއިން ރައްކާތެރިވުމަށް ރައްކާތެރިގޮތުގައި ޖިންސީ ގުޅުން ހިންގުމާއި އެޗްއައިވީ ހުރިތޯ ބެލުމަށް ޓެސްޓްކުރެވިފައިވާ ލޭ އެޅުމުގެ އިތުރުން ބޭނުންކޮށްފައިވާ ސިރިންޖް ނުވަތަ ކަށި ފަދަ ތަކެތި އެހެން މީހުން ބޭނުން ނުކުރުން މުހިއްމެވެ.

އޭގެ އިތުރުން އެ ބަލި ފެތުރޭ ގޮތުގެ ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުމާއި ބައްޔަށް ހުށަހެޅޭ ނުވަތަ ބަލިޖެހުމަށް މަގުފަހިވާ ކަންތައްތަކުން ދުރުވެ ރައްކާތެރިވުން ބުއްދިވެރި އެވެ.

އޭޑްސް އަށް ދާއިމީ ޝިފާއެއް ނެތް!

އެޗްއައިވީއަށް ދާއިމީ ޝިފާއެއް ހޯދިފައި ނުވިކަމުގައިވީ ނަމަވެސް، މިހާރު މި ބައްޔަކީ ފަރުވާ ކުރެވޭ އަދި ގަވާއިދުން ފަރުވާ ކުރުމުން ރަނގަޅު ސިއްހަތެއްގައި ގިނަ ދުވަހު ދެމިހުރެވޭ ބައްޔެކެވެ. އެޗްއައިވީއަށް ދެވޭ ފަރުވާއަކީ ބަލީގެ ވައިރަސްއާ ދެކޮޅަށް ހަރަކާތްތެރިވާ 'އެންޓިރެޓްރޯވައިރަލް' (އޭއާރްވީ) ބޭހެވެ.

ގަވާއިދުން ބޭސް ބޭނުން ކުރުމުން ހަށިގަނޑުގައި އެޗްއައިވީ ވައިރަސް ހުންނަ މިންވަރު ވަރަށް ބޮޑަށް ދަށްކުރެވި ބައެއް މީހުންގެ ލެއިން ވައިރަސް ނުފެންނަ މިންވަރަށް ވެސް މަދުކުރެވެ އެވެ.

ޓެސްޓުކުރަން ބިރު ނުގަނޭ!

އޭޑްސް ޖެހޭ ފަދަ ކަމެއް ތިމާ ނުކުރިނަމަވެސް އަމިއްލައަށް ޔަގީންކަން ހޯދުމަށް އެޗްއައިވީ އަދި އޭޑްސް އަށް ތިމާ ޓެސްޓުކުރުމަކީ މުހިއްމު ކަމެކެވެ. ފަސޭހަކަމާ އެކު ގާތްގަނޑަކަށް ވިއްސަކަށް މިނެޓް ތެރޭގައި ނަތީޖާ ލިބޭއިރު ކާކުކަން ނޭނގޭ ގޮތަށް ވެސް ޓެސްޓް ކުރެވޭނެ އެވެ. އަދި ނަތީޖާ އެއްވެސް ފަރާތަކަށް ހާމައެއް ނުކުރާނެ އެވެ.

ހާއްސަކޮށް ބަލިވެ އިންނަ އަންހެނަކު، ބަލިވެ އިންނަތާ އެންމެ ލަސްވެގެން ފުރަތަމަ ތިން މަސް ތެރޭގައި އެޗްއައިވީ ޓެސްޓް ކުރުން ވަރަށް މުހިއްމެވެ.

އޭގެ އިތުރުން އެޗްއައިވީއަށް ހުރި ނުރައްކާ އަމިއްލައަށް ދެނެގަތުމަށްޓަކައި ބޭނުންކުރެވޭނެ 'އެޕް' އެއް ވަނީ ތައްޔާރުކުރެވިފަ އެވެ.

'އެނގޭތަ' ނަމުގައި ތައްޔާރުކުރެވި، އެޕަލް އަދި އެންޑްރޮއިޑް ފޯންތަކުން ބޭނުންކުރެވޭ ގޮތަށް ތައްޔާރުކުރެވިފައިވާ މި އެޕްގައި، ތިމާގެ އަމަލުތައް ހުރިގޮތުން އެޗްއައިވީ އަށް މަގުފަހިވާ މިންވަރު ދެނެގަތުމާއެކު އެޗްއައިވީއަށް ހުރި ނުރައްކާ ކުޑަކުރުމަށް ކުރަންވީ ކަންތައްތަކާބެހޭ މައުލޫމާތު ލިބޭނެއެވެ.

ދުނިޔޭގެ އޭޑްސް ދުވަހުގެ މިއަހަރު ޝިއާރަކީ "އެޗްއައިވީން ރައްކާތެރިވުމަށް އަތްތައް އުފުލާލާ" އެވެ.

އެ ޝިއާރުގެ ދަށުން ރާއްޖޭގައި މިއަހަރު އިސްކަން ދިނުމަށް ހަމަޖެހިފައި ވަނީ އެޗްއައިވީއަށް ޓެސްޓްކުރުމުގެ މުހިއްމުކަން ހާމަކޮށްދިނުމާއި ސިއްރު ހިފެހެއްޓޭ އަދި ވަގުތުން ނަތީޖާ ލިބޭގޮތަށް ހިލޭ އެޗްއައިވީ ޓެސްޓް ކުރުމަކީ ވަރަށް ފަސޭހައިން ކުރެވޭނެ ކަމެއްކަން އަންގައިދިނުމެވެ.

އެގޮތުން މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި އެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަރަކާތެއް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ. ހަރަކާތުގެ ތެރެއިން އާއްމުންނަށް ހިލޭ އެޗްއައިވީ ޓެސްޓް ކުރުމުގެ އިންތިޒާމު ވެސް ހަމަޖެހިގެން ދާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެ އެވެ.

comment ކޮމެންޓް