ވިއްސާރައިގެ ސަބަބުން ފަސްކުރެވުނު ސްކައި ސްޕޯޓްސް ހަރަކާތް އަންނަ ހޮނިހިރު ދުވަހު ބާއްވާގޮތަށް އެސޯސިއޭޝަން އޮފް ސްކައި ސްޕޯޓްސް މޯލްޑިވްސް (އޭއެސްއެސްއެމް) އިން ނިންމައިފި އެވެ.
ރާއްޖެ އަށް މުޅިން އަލަށް ސްކައި ސްޕޯޓްސް ތައާރަފް ކުރުމަށް ކުރިއަށްގެންދަން ހަމަޖެހުނު ހަރަކާތް ކުރިން ތާވަލްވެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
ރަސްފަންނުގައި އަންނަ ހޮނިހިރު ދުވަހުގެ މެންދުރުފަހު 3:15ގައި ކުރިއަށްގެންދާ ސުކައި ސްޕޯޓްސް ހަރަކާތުގައި މިނިސްޓަރުންނާއި ސަރުކާރު އޮފިޝަލުންނާއި، ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންނާއި ރިސޯޓް އަދި ގެސްޓް ހައުސްތަކުން ބައިވެރިވާނެ ކަމަށް އޭއެސްއެސްއެމް އިން މައުލޫމާތުދެ އެވެ.
އެ ހަރަކާތުގައި އދ. މަންދޫގައި ހަރަކާތްތެރިވާ ސްކައި ގައިޒް ޕްރައިވެޓް ލިމިޓެޑްގެ އެހީތެރިކަމާ އެކު ރާއްޖެ އަށް ޕެރަގްލައިޑިން ސްކައި ސްޕޯޓްސް އާންމުންނަށް ދައްކާލުމަށް ހަމަޖެހިފައިވެ އެވެ. އެ ކުޅިވަރު ދައްކާލުމަށް ތުރުކީގެ ހަތަރު ޕެރަގްލައިޑަރެއް ބައިވެރިވާނެ އެވެ.
އެސޯސިއޭޝަން އޮފް ސްކައި ސްޕޯޓްސް މޯލްޑިވްސް އަކީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި ސްކައި ސްޕޯޓްސްގެ ހަރަކާތްތައް ބާއްވައި، ބައިނަލްއަގުވާމީ ސުކައި ސްޕޯޓްސްގެ ހަރަކާތްތައް ރާއްޖޭގައި ރާވާ ހިންގާނެ އެސޯސިއޭޝަނެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ސުކައި ސްޕޯޓްސް ހަރަކާތުގެ ޓައިޓަލް ސްޕޮންސަރަކީ ސްކައި ގައިޒް އެވެ. މެއިން ސްޕޮންސަރުންނަށް ހެޕީ މާކެޓާއި ޓާކިޝް އެއާލައިން ހަމަޖައްސާފައިވާ އިރު، ޕްރީމިއަމް ޕާޓްނަރަކީ ދަ ބީހައިވް އެވެ.
އެ ހަރަކާތުގެ އެހެން ޕާޓްނަރުންގެ ތެރޭގައި ހިމެނެނީ މީޑިއާ ޕާޓްނަރު ޕަބްލިކް މީޑިއާ ސާވިސް (ޕީއެސްއެމް) އާއި އޮންލައިން މީޑިއާ ޕާޓްނަރު ސަން އޮންލައިން އާއި، އެކޮމޮޑޭޝަން ޕާޓްނަރު އެއާޕޯޓް ބީޗް ހޮޓެލް އާއި ސޯޝަލް މީޑިއާ ޕާޓްނަރު ޒޯއާޓްސް އާއި ޕްރައިޒް ޕާޓްނަރު ލޮޓަސް އާއި ކޭޓެރިންގް ޕާޓްނަރު އެފެސް ކޭކްސް އާއި، ވީޑިއޯ އެންޑް ފޮޓޯގްރަފީ ޕާޓްނަރު ޕޯޓްރެއިޓް އަލްބަމް އަދި ސައުންޑް އެންޑް ލައިޓްސް ޕާޓްނަރު ސްޓޭޖް ކޯ އެވެ.