އެމެރިކާގެ ގެޓްލިންބާގްގައި އަލިފާން ރޯވެ އަނދަނީ

އެމެރިކާގެ ދެކުނުގައި އޮންނަ ޓެންނެއްސީގައި އޮންނަ ގެޓްލިންބާގްގައި އަލިފާން ރޯވެ އަނދަނީ

އެމެރިކާގެ ދެކުނުގައި އޮންނަ ޓެންނެއްސީގައި އޮންނަ ގެޓްލިންބާގްގެ ބޮޑު ސަރަހައްދެއްގައި އަލިފާން ރޯވެ އަނދަމުން އެބަ ދެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެ އަލިފާންގަނޑުން ސަލާމަތްވުމަށް 10،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ގޮސްފައެވެ. މިހާދިސާގައި މިހާތަނަށް މީހަކު މަރުވެފައި ނުވި ނަމަވެސް ގިނަ އަދަދެއްގެ ބަޔަކު ފިހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެމެރިކާގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ޓެންނެސްސީގެ ޖަންގަލީގައި ރޯވި މި އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި މީހުން ދިރިއުޅޭ ހިސާބަށް ފެތުރި 250 އަށް ވުރެ ގިނަ އިމާރާތްތައް ވަނީ އަނދާ ހުލިވެފައެވެ.

އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި އަނދައިގެން ގޮސްފައިވާ ތަންތަންތަނުގެ ތެރޭގައި 16 ބުރީގެ ހޮޓަލަކާއި އެޕާޓްމެންޓް ކޮމްޕްލެކްސް އެއް ވެސް ހިމެނެއެވެ. އަދި މިހާރު އެ އަލިފާންގަނޑުގެ މިސްރާބު ހުރީ ޕިޖަން ފޯޖްގައި ހުންނަ ޑޮލީވުޑް ނަމަކަށް ކިޔާ ތީމް ޕާކަކާ ދިމާލަށެވެ.

އެ ޕާކުގައި އެކުއޭރިއަމެއް ހުންނަ އިރު، ގިނަ އަދަދެއްގެ ޖަނަވާރުތައްވެސް ޕާކުގައި ތިބެއެވެ. އެޕާކަށް ޒިޔާރަތް ކުރަން ގޮސް ތިބި ގެސްޓުންވެސް ވަނީ މިހާރު ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.

އަލިފާންގަނޑު ފެތުރެމުންދާއިރު، އެސަރަހައްދަށް ގަޑިއަކު 128 ކިލޯމީޓަރު ބާރު މިނުގައި ވައި ޖެހެމުން އެބަ ދެއެވެ. ގަދައަށް ވައި ޖެހެމުންދާތީ އަލިފާން ނިއްވުމުގައި ގިނަ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަމަށް އެމަސައްކަތުގައި ހަރަކާތްތެރިވާ އޮފިޝަލުން ބުނެއެވެ.

comment ކޮމެންޓް