ގައުމީ ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން ރޮކް ސްޓްރީޓް ސްޕޯޓްސް ކްލަބާއި ރެޑް ލައިން ސިޓީ (އާރްއެލްސީ)އިން ހޯދައިފި އެވެ.
އެ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ރޮކް ސްޓްރީޓުން ހޯދި އިރު، އާރްއެލްސީން ހޯދީ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަމެވެ.
އެ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު އަންހެން ޑިވިޝަންގެ ފައިނަލުގައި ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ)އާ ވާދަކޮށް ރޮކް ސްޓްރީޓުން ކުރި ހޯދީ 32-3 ލަނޑުންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ރޮކް ސްޓްރީޓްގެ ނަޝްފާ އާމިރެވެ.
އަންހެން ޑިވިޝަންގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަށް ހޮވުނީ ރޮކް ސްޓްރީޓްގެ މަރިޔަމް ސައީދާ އާއި، އެ ޓީމުގެ ޝިޒްނާ ރަޝީދާއި، އެ ޓީމުގެ ފާތިމަތު ރިޝްމާ އާއި، އެ ޓީމުގެ އިސްރާއު އަބްދުލް ޝުކޫރާއި، އެ ޓީމުގެ ނަޝްފާ އާމިރާ އާއި، އެ ޓީމުގެ ޒުލައިޚާ އިބްރާހިމް އަދި ލަޔަންސް ޓީމުގެ މައީޝާ އަބްދުލް ހަންނާނެވެ. އަންހެން ޑިވިޝަންގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ޑީއެސްސީގެ ފާތިމަތު ޝަހުމާ ހޮވުނު އިރު، 21 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ ލަޔަންސްގެ މަލްހާ އާދަމް އެވެ.
ރޭ ކުޅުނު ފިރިހެން ޑިވިޝަންގެ ފައިނަލުގައި ޑީއެސްސީގެ މައްޗަށް އާރްއެލްސީން ކުރި ހޯދީ 33-32 އިންނެވެ. ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އާރްއެލްސީގެ އަހްމަދު އިނާޝް އެވެ.
ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަށް ހޮވުނީ އާރްއެލްސީގެ އަހްމަދު އިނާޝް އާއި، އެ ޓީމުގެ އަބްދުﷲ ޒިޔާއު އާއި، ޑީއެސްސީގެ މުހައްމަދު މަހުދީ އާއި، އެ ޓީމުގެ ޔޫސުފް ނިސާރު އާއި، އެ ޓީމުގެ އަހްމަދު ރަޒުނީ އާއި، ޕޮލިސް ކްލަބުގެ އިސްމާއިލް އަހްމަދު އަދި އެ ޓީމުގެ އިބްރާހިމް މުސްފިރެވެ. އެންމެ އުންމީދީ ކުޅުންތެރިޔަކަށް ޑީއެސްސީގެ މުހައްމަދު ޝިފާން ހޮވުނު އިރު، 21 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ އާރްއެލްސީގެ މުހައްމަދު ފިރުނާޝް އެވެ.