ދުވަހަކު ވެސް ބާސާއާ ނުގުޅޭނަން: ކްރޫސް

ރެއާލް މެޑްރިޑްގެ ޖަރުމަން މިޑްފީލްޑަރު ޓޯނީ ކްރޫސް: ރެއާލްގައި ހުރެ ކުޅުން ހުއްޓާލުމާމެދު އޭނާ ވިސްނާ ---

ސްޕެއިންގެ ރެއާލް މެޑްރިޑްގެ ޖަރުމަން މިޑްފީލްޑަރު ޓޯނީ ކްރޫސް ދުވަހަކު ވެސް ވާދަވެރި ބާސެލޯނާއާ ނުގުޅޭނެ ކަމަށް އޭނާ ބުނެފި އެވެ.

ކުރިން ފުޓްބޯޅައިގައި ވިދާލި ގިނަ ތަރިންތަކެއް ބާސެލޯނާ އާއި ރެއާލް މެޑްރިޑަށް ކުޅެފައިވެ އެވެ. އެގޮތުން ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ރޮނާލްޑޯ އާއި މައިކަލް ލޯޑްރުޕް އާއި ލުއިސް އެންރީކޭ އަދި ލުއިސް ފީގޯ ފާހަގަކޮށްލެވެ އެވެ.

ޖަރުމަން މިޑްފީލްޑަރު ކްރޫސް ވަނީ ރެއާލްއާ އެކު ހަދާފައިވާ އެއްބަސްވުން މިދިޔަ މަހު އާކޮށްފައެވެ. އެ އެއްބަސްވުމުން ނިމުމަކަށް އަންނާނީ 2022 ވަނަ އަހަރު އެވެ. އެހެންކަމުން އޭނާގެ އުމުރުން 32 އަހަރު ވަންދެން ރެއާލްގައި މަޑުކުރެވޭނެ އެވެ.

ކިކާ އަށް ދިން އިންޓަވިއުއެއްގައި ކްރޫސް ބުނީ، ރެއާލްއާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން އެހެން ކްލަބަކަށް ބަދަލުނުވެ، ކުޅުން ހުއްޓާލަން ނިންމުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"އަހަރެން ބާސެލޯނާއަކާ ނުގުޅޭނަން. ބައެއް ޓްރާންސްފާތަކަކީ ނުވާނެ ކަންތައްތައް. އެކަން އަންނަނީ ކްލަބާއި ސަޕޯޓަރުން ކުރާ އިހުތިރާމެއްގެ ސަބަބުން. އަހަރެންގެ އެއްބަސްވުން ހަމަވާއިރު އަހަރެންނަށް 32 އަހަރުވެފަ ހުންނާނީ. އުމުރުން 38 ނުވަތަ 39 އަހަރު ވަންދެން ފުޓްބޯޅަ ކުޅުމުގެ ވިސްނުމެއް ނެތް،" އޭނާ ބުންޏެވެ.

ކްރޫސް ބުނީ، ރެއާލް މެޑްރިޑަށް ކުޅެމުންދަނީ އުފަލާއެކު ކަމަށާއި ފާއިތުވެދިޔަ ދެ އަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި ގިނަ ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށެވެ. އަދި ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ޓީމުގެ ކުޅުންތެރިންނާއި ކޯޗުން އަދި ސަޕޯޓަރުންގެ ތައުރީފްގެ ބަސްތައް ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.

މިހާރު އުމުރުން 26 އަހަރުވެފައިވާ ކްރޫސް ރެއާލްއާ ގުޅުނީ 2014 ވަނަ އަހަރު ޖަރުމަނުގެ ބަޔާން މިއުނިކުން 25 މިލިއަން ޔޫރޯގެ އަގަކަށެވެ.

comment ކޮމެންޓް