ޖުމްލަ ދިހަ ޓީމަކާއެކު ގައުމީ ނެޓްބޯޅަ މުބާރާތް ފަށައިފި އެވެ.
ސޯޝަލް ސެންޓަރުގައި އިއްޔެ ހަވީރު އެ މުބާރާތް ފަށާފައި ވަނީ ގްލޯރިއަސް ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސްގެ މެޗުންނެވެ.1
އިއްޔެ ހަވީރު ކުޅުނު ގްރޫޕް އެކެއްގެ މެޗުގައި ގްލޯރިއަސް ސްޕޯޓްސް ކްލަބު އަތުން ޓީސީ ސްޕޯޓްސް ކްލަބު މޮޅުވީ 82-24 ޕޮއިންޓުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައި ވަނީ ޓީސީ ސްޕޯޓްސް ކްލަބުގެ ލަޔާން އަލީ ރަޝީދެވެ.
އިއްޔެ އިން ފެށިގެން އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ ގްރޫޕް އެކެއްގައި ހިމެނޭ ޓީމުތަކަކީ ޓީސީ ސްޕޯޓްސް ކްލަބާއި، ގްލޯރިއަސް ސްޕޯޓްސް ކްލަބާއި، ވެލެންސިއާ ސްޕޯޓްސް ކްލަބާއި ޔޫތު ސްޕޯޓްސް ކްލަބު އަދި ސްޕޯޓްސް ކްލަބު ސްކައިލާކް އެވެ. ގްރޫޕް ދޭއްގައި ހިމެނެނީ އައިޑިއާސް އާއި، ޒެނިތު ސްޕޯޓްސް ކްލަބާއި، ލޮރެންޒޯ ސްޕޯޓްސް ކްލަބާއި ކޭވައިއާރްސީ އަދި ކްލަބު އޯލް ސްޓާ އެވެ.
ގައުމީ ނެޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ކޮންމެ ގްރޫޕެއްގެ ވެސް އެންމެ ކުރީގައި އޮންނަ ދެ ޓީމު ދަތުރުކުރާނެ އެވެ. އެ މުބާރާތުގެ ސެމީގެ މެޗުތައް އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހު އެވެ.