ޕޮލިސް ބަލިކޮށް، އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން މިސްކިތްމަގު ޓީމުން ހޯދައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި މިސްކިތްމަގު އެންމެންގެ ގުޅުން: އެ ޓީމުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ޕޮލިސް ކްލަބުގެ މައްޗަށް ކުރި ހޯދައިގެން ---

ގައުމީ ވޮލީބޯޅަ މުބާރާތުގެ ކާމިޔާބު ޓީމު ޕޮލިސް ކްލަބު ބަލިކޮށް، ޏ. ފުވައްމުލަކުގެ މިސްކިތްމަގު އެންމެންގެ ގުޅުމުން އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

އެ މުބާރާތުގެ ޗެމްޕިއަންކަން މިސްކިތްމަގު އެންމެންގެ ގުޅުމުން ހޯދީ، މިއަދު ހަވީރު ކުޅުނު އަންހެން ޑިވިޝަނުގެ ފައިނަލުގައި ޕޮލިސް ކްލަބުގެ މައްޗަށް 3-1 ސެޓުން ކުރި ހޯދައިގެންނެވެ.

މިސްކިތްމަގުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެ މެޗުގެ ފުރަތަމަ ސެޓު އެ ޓީމުން 20-25 އިން ގެންދިޔަ އިރު، ދެ ވަނަ ސެޓު އެ ޓީމުން ގެންދިޔައީ 22-25 އިންނެވެ. ޕޮލިސް ކްލަބް 25-23 އިން ތިން ވަނަ ސެޓު ގެންދިޔަ ނަމަވެސް، ފަހު ސެޓު 20-25 އިން ގެންގޮސް މިސްކިތްމަގުން މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެވެ.

އެ މުބާރާތުގެ ފައިނަލް މެޗަށްފަހު ވަނަވަނަ އަށް ހޮވުނު ކުޅުންތެރިންނާއި ޓީމުތަކަށް ތަށްޓާއި އިނާމު ހަވާލުކޮށްފައިވެ އެވެ. ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލް މެޗާއި އެ މުބާރާތުގެ އަންހެން ޑިވިޝަންގެ އިނާމުދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް އާދަމް އެވެ.

ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް މިސްކިތްމަގުގެ ބިދޭސީ ކުޅުންތެރިޔާ ރަތިކާ މަލީ ހޮވުނު އިރު، 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ޕޮލިސް ކްލަބުގެ ފާތިމަތު ޖޫދާން އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ދިވެހި ކުޅުންތެރިޔަކަށް ހޮވުނީ މިސްކިތްމަގުގެ ފާތިމަތު މަޒިއްޔާ އެވެ.

comment ކޮމެންޓް