ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ)ގެ ރައީސް ޝެއިޚް ސަލްމާން ބިން އިބްރާހިމް އަލް ޚަލީފާ، ރާއްޖޭގެ ކުޅިވަރުގެ އިސްފަރާތްތަކާ ބައްދަލުކުރައްވައިފިއެވެ.
މިދިޔަ އާދިއްތަ ދުވަހު މާލެ ވަޑައިގެންނެވި ޝެއިހް ސަލްމާން އިއްޔެ ހަވީރު ފުރަތަމަ ބައްދަލު ކުރެއްވީ ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް އާދަމްއާ އެވެ. ކުޅިވަރާބެހޭ ވުޒާރާގައި ބޭއްވި އެ ބައްދަލުވުމުގައި އިރުތިޝާމްގެ އިތުރުން ޑެޕިއުޓީ މިނިސްޓަރު އަބްދުލްމުހުސިން ހަމީދު (ޖޭފޯ) އާއި ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ނަޝީދު (ޑޭވް) ބައިވެރިވެވަޑައިގަތެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގެ ވީއައިޕީގައި އިއްޔެ ހަވީރު ޝެއިހް ސަލްމާން ކުޅިވަރުގެ އިސްވެރިންނާ ބައްދަލުކުރައްވަނީ --- ފޮޓޯ/ އަޝްހާދު އަބްދުﷲ
އެ ބައްދަލުވުމަށްފަހު ޝެއިހް ސަލްމާން ވަނީ އެފްއޭއެމް އަށް ވަޑައިގެން ދާދި ފަހުން އެ އިދާރާގެ ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި ބައްސާމް އަދީލް ޖަލީލްއާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި އެފްއޭއެމްގެ ކުރީގެ ނޯމަލައިޒޭޝަން ކޮމެޓީގެ ރައީސް މުހައްމަދު ޝަވީދު ވެސް ބައިވެރިވެލެއްވި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި އިއްޔެ ހަވީރު ޝެއިހް ސަލްމާން ކުޅިވަރުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށްފަހު ޖޫނިއާ ކުޅުންތެރިންނާ ބައްދަލުކުރައްވަނީ --- ފޮޓޯ/ އަޝްހާދު އަބްދުﷲ
އިއްޔެ އެންމެ ފަހުން ޝެއިހް ސަލަމާން ބައްދަލުކުރެއްވީ ސްޕޯޓްސް ކޯޕަރޭޝަންގެ އިސްވެރިންނާ އެވެ. ގައުމީ ފުޓްބޯޅަ ދަނޑަށް ވަޑައިގެން ވީއައިޕީގައި ކުރިއަށްގެންދިޔަ އެ ބައްދަލުވުމުގައި ފުޓްބޯޅަ އަދި ކުޅިވަރުގެ ގިނަ އިސްފަރާތްތަކެއް ވަނީ ބައިވެރިވެފަ އެވެ.