ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ މުބާރާތްތަކުގެ ހިއްސާ ޕްރައިވެޓް އިންވެސްޓަރުންނަށް ވިއްކާލުމަށް ރޭވި ޕްލޭން ކާމިޔާބުނުވެ ދޫކޮށްލަން ޖެހުމަށްފަހު، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އޭނާ މަގާމުން ވަކިކުރަން ބޭނުންވާ ފުޓްބޯޅައިގެ އިސް ވެރިންނާ ސްވިޒަލެންޑުގެ ޒިއުރިކްގައި ބައްދަލުކުރަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އަލް ޖަޒީރާއިން އާންމުކުރި ރިޕޯޓެއްގައިވާ ގޮތުން މިއީ މި އަހަރުގެ އޭޕްރީލް މަހުގެ ފަހުން ފީފާގެ ކައުންސިލް އެއްތަނަކަށް އެއްވެ ބައްދަލުވުމެއް ބާއްވާ ފުރަތަމަ ފަހަރެވެ.
އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލާފައިވަނީ ފުޓްބޯޅައިގެ ނުފޫޒުގަދަ ތިން ކޮންފެޑެރޭޝަނެއްގެ ރައީސުންނެވެ. އެއީ ޔޫރަޕުގެ ޔޫއެފާ، އޭޝިއާގެ އޭއެފްސީ އަދި އުތުރު އަދި މެދުތެރޭ އެމެރިކާގެ ކޮންކާކަފްއެވެ.
މި ތިން އިދާރާގެ އިސްވެރިންގެ އިތުރުން އެފްރިކާ، ދެކުނު އެމެރިކާ އަދި އޯޝޭނިއާގެ މަންދޫބުން ބައިވެރިވާ 37 މެންބަރުންގެ ކައުންސިލް ބައްދަލުވުމުގައި، ފީފާ ހިންގުމުގެ ނިޒާމާއި އިންފަންޓީނޯގެ ބާރުތައް ހަނިކުރުމާ ގުޅޭގޮތުން ބަހުސްކުރާނެ ކަމަށް ބެލެވެއެވެ.
މި މައްސަލަ ބޮޑުވެގެން ދިޔައީ ވޯލްޑް ކަޕް ހިމެނޭހެން ފީފާގެ މުހިންމު މުބާރާތްތަކުގެ ހިއްސާ އަމިއްލަ ފަރާތްތަކަށް ވިއްކުމަށް ހުށަހެޅި "ފީފާ ފޯވާޑް އެންޓަޕްރައިޒް" (އެފްއެފްއީ) ސްކީމް ފެންމަތިވި ހިސާބުންނެވެ.
ޖުލައި މަހު އިއުލާނުކުރި މި ޕްލޭނުގައި ލީޑް އިންވެސްޓަރެއްގެ ގޮތުގައި ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާގެ ކޮއްކޮ ޖޯޝުއާ ކުޝްނާގެ ކުންފުންޏެއް ހިމެނުމުން ފާޑުކިޔުން އަމާޒުވެ، ދުވަސްކޮޅެއްގެ ތެރޭގައި އެ ޕްލޭން ވަނީ ދޫކޮށްލަން މަޖުބޫރުވެފައެވެ.
އުމުރުން 56 އަހަރުގެ އިންފަންޓީނޯ، 2027 ވަނަ އަހަރުގެ މާޗު މަހު ބާއްވާ އިންތިޚާބުގައި އިތުރު ދައުރަކަށް ވާދަކުރައްވަން ނިންމަވާފައިވާއިރު، ކެންޑިޑެސީ ހުށަހެޅުމުގެ ސުންގަޑިއަކީ ނޮވެމްބަރު 18 އެވެ. އިދިކޮޅު ފަރާތްތަކުން އަދި މިހާތަނަށް އިންފަންޓީނޯއާ ވާދަކުރާނެ އެއް ކެންޑިޑޭޓަކު ކަނޑައަޅާފައެއް ނުވެއެވެ.
މީގެއިތުރުން އިންފަންޓީނޯއަށް އެފްރިކާ އަދި ދެކުނު އެމެރިކާގެ ގައުމުތަކުގެ އިތުރުން އަރަބި ބައެއް ގައުމުތަކުގެ ބޮޑު ތާއީދެއް އޮތްކަން ވަނީ ހާމަވެފައެވެ.
މި ބައްދަލުވުމުގައި ފީފާގެ މެންބަރު އެސޯސިއޭޝަންތަކަށް ފައިސާ ދޫކުރުމުގެ ބޮޑު ޕްލޭނަކަށް ރުހުން ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި އަހަރުން ފެށިގެން 2030 އަށް 6.35 ބިލިއަން ޑޮލަރުގެ ޑިވެލޮޕްމަންޓް ފަންޑެއް ގާއިމުކޮށް، ފީފާގެ 211 މެންބަރު ގައުމުގެ ތެރެއިން ކޮންމެ ގައުމަކަށް 25 މިލިއަން ޑޮލަރު ދިނުމަށް ވަނީ ހުށަހަޅާފައެވެ.
މީގެ އިތުރުން ފީފާގެ ޑިސިޕްލިނަރީ އުސޫލުތަކާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް މިދިޔަ އަހަރު ދިން ފީފާ ޕީސް ޕްރައިޒްގެ މައްސަލަވެސް މި ބައްދަލުވުމުގައި މަޝްވަރާކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.