ގައުމީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަން ފައިނަލުގެ ފަހު ޖާގަ ޕޮލިސް ކްލަބު ބަލިކޮށް، ލީގު ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބު ހޯދައިފި އެވެ.
ސިފައިންގެ ކްލަބު ފައިނަލުގެ ޖާގަ ހޯދާފައި ވަނީ ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި ރޭ ކުޅުނު ސެމީގެ ތިން ވަނަ މެޗުގައި ޕޮލިސް ކްލަބުގެ މައްޗަށް 3-1 ސެޓުން ކުރި ހޯދައިގެންނެވެ.
އެ މެޗުގެ ފުރަތަމަ ދެ ސެޓު ގެންގޮސްފައި ވަނީ ސިފައިންނެވެ. އެ ދެ ސެޓު ސިފައިން ގެންދިޔައީ 23-25 އަދި 19-25 އިންނެވެ. ތިން ވަނަ ސެޓު 25-22 އިން ޕޮލިހުން ގެންދިޔަ ނަމަވެސް، ފަހު ސެޓު 19-25 އިން ގެންގޮސް ސިފައިން ވަނީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފަ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައި ވަނީ ސިފައިންގެ އިޝާން މުހައްމަދު (ބަޓިސް) އެވެ.
ރޭ ކުޅުނު އެ މެޗަށް ފަހު، ފިރިހެން ޑިވިޝަނުގެ ތިން ވަނަ ޓީމަށް ވަނީ މެޑަލް ހަވާލުކޮށްފަ އެވެ. ތިން ވަނަ އަށް ހޮވިފައި ވަނީ ރޭ ކުޅުނު މެޗުން ބަލިވި ޕޮލިސް ކްލަބެވެ.
މާދަމާ ރޭ ކުޅޭ ފިރިހެން ޑިވިޝަންގެ ފައިނަލުގައި ސިފައިން ނުކުންނަން ޖެހޭނީ މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ދެކޮޅަށެވެ. މޯލްޑިވިއަނުން ފައިނަލުގެ ޖާގައެއް ހޯދީ ސެމީގެ ފުރަތަމަ މެޗުގައި ސިފައިންގެ މައްޗަށް ކުރި ހޯދައިގެންނެވެ.