ޓުއަރިސްޓް ރިސޯޓުތައް ހެދުމަށް ދޫކުރާ ބިންތަކާއި ރަށްތަކުގެ މުއްދަތު އިތުރު ކުރުމަށް ފަހު ދައްކަން ޖެހޭ ފައިސާ ދެ އަހަރު ދުވަހުގެ ތެރޭގައި ދައްކަން ޖެހޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ބާތިލު ކުރަން ނުޖެހޭ ކަމަށް ހައި ކޯޓުން ކަނޑައަޅައިފި އެވެ.
އަމިއްލަ ކުންފުންޏެއް ކަމަށްވާ އެކިޓާސް ކޮންސަލްޓެންޓްސްގެ ފަރާތުން ހައިކޯޓަށް މައްސަލަ ހުށަހެޅީ ޓުއަރިސްޓް މަސައްކަތަށް ދޫކުރެވޭ ރަށްތަކާއި ބިންތައް ކުއްޔަށް ހިފާ މުއްދަތު އިތުރުކޮށް ކޮށްފިނަމަ ދެ އަހަރު ދުވަހުން ކުލި ދައްކައި ނިންމަން ޖެހޭ ގޮތަށް ޓުއަރިޒަމް ގާނޫނަށް ގެނެވުނު އިސްލާހު ބާތިލުކޮށްދިނުމަށް އެދި އެވެ.
އެ މާއްދާ ބާތިލުކޮށް ދިނުމަށް އެކިޓާސް ކުންފުނިން ހުށެހެޅީ އެ އިސްލާހަކީ ގާނޫނު އަސާސީގައި ބުނެފައިވާ ލިބިދޭ މުދާ ހޯދުމުގެ ހައްގާއި، އެހައްގު ބަދަލު ދިނުމެއް ނެތި ނިގުޅައި ނުގަނެވޭނެ ކަމަށް ބުނާ މާއްދާއާ ހިލާފު އިސްލާހެއް ކަމަށް ބުނެ އެވެ.
އަދި މީގެ ކުރިން މުއްދަތު އިތުރުކޮށްފައިވާ ރަށްތަކާއި ބިންތަކުގެ މައްޗަށް އިސްލާހު ގެނެވުނު ގާނޫނު ހިނގާ ގޮތަށް ކަނޑައަޅާފައި ވަނީ ރަނގަޅަށް ނޫން ކަމަށް ވެސް އެކިޓާސް ކުންފުނިން ބުނެފައިވެ އެވެ.
އެ މައްސަލަ ބަލައި ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ މަދަނީ ގާނޫނެއްގައި އެ ގާނޫނު ރަޖުޢީކޮށް މާޒީގެ މައްޗަށް ތަތުބީގުކޮށް ހިންގިދާނެ ކަމަށް ކަނޑައެޅިގެން ސާފުކޮށް ބަޔާންކޮށްފައިވާ ނަމަ އެ ގާނޫނެއްގެ ހުކުމް މާޒީއަށް ހިންގިދާނެ ކަމަށެވެ. އަދި އެއީ ގާނޫނީ އުސޫލުން ބޭރުން ކުރެވޭ ކަމެއް ކަމުގައި ނުބެލެވޭނެ ކަމަށް ހައިކޯޓު ހުކުމުގައިވެ އެވެ.
ހައިކޯޓު ހުކުމުގައި ބުނެފައި ވަނީ އެ ގާނޫނުގެ ސަބަބުން މީހެއްގެ ހައްގު ބަދަލު ދިނުމެއް ނެތި ނިގުޅައުގަނެވޭ ކަމަށް ބަޔާންކޮށްފައިވާ ސަބަބަކީ އެއްވެސް އަސާސެއް ނެތް ސަބަބެއް ކަމަށެެވެ. އެއީ ޓުއަރިޒަމް މަސައްކަތަށް ކުއްޔަށް ދެވޭ ބިންތަކާއި ރަށްރަށަކީ ދައުލަތުގެ ތަންތަން ކަމަށް ވެފައި އެއީ މީހެއްގެ އަމިއްލަ ހައްގަށް ނުވާތީ ކަމަށް ހުކުމުގައިވެ އެވެ. އަދި އެ ގާނޫނުގައި ވެސް މީހެއްގެ މުދަލެއް ނުވަތަ މިލްކެއް އަތުލާނެ ކަމަށް ބުނެފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ.
ދެ އަހަރުން ކުލި ދައްކާ ނިންމަންޖެހޭ ގޮތަށް ގާނޫނަށް ގެނެވުނު އިސްލާހު ފާސްކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަމިއްލަ މަސްލަހަތެއް އޮތް ކަމަށް ސާބިތު ވެފައި ނުވާ ކަމަށްވެސް ހުކުމުގައިވެ އެވެ.
އެހެންކަމުން ގާނޫނަށް ގެނެވުނު އިސްލާހަކީ އަދާލަތުގެ ހަމަތަކާ ފުށުއަރާ އިސްލާހެއް ނޫންކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ. އަދި އެ އިސްލާހު ޝަރުއީ އަދި ގާނޫނީ ގާއިދާއަކާ ވެސް ހިލާފު ނުވާ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.
ޓުއަރިސްޓް ރިސޯޓެއް ނުވަތަ ބިމެއް ކުއްޔަށް ދޫކުރެވޭނީ އެންމެ ގިނަ ވެގެން 50 އަހަރަށް ކަމަށް ޓުއަރިޒަމް ގާނޫނުގައި ބުނެފައިވެ އެވެ. އަދި އެ މުއްދަތު ހަމަވެގެން އިތުރުކުރާ ކޮންމެ އަހަރަކަށް ނަގާނީ އެއްލައްކަ އެމެރިކާ ޑޮލަރު ކަމަށެވެ.
އޭރު ގާނޫނުގައި ބުނެފައިވާ ގޮތުން އެ ފައިސާ ދައްކަން ޖެހޭނީ މުއްދަތު އިތުރުކުރާ އަހަރުތަކަށް ކޮންމެ މަހަކަށް ވާ ފައިސާ ބަހާލައިގެންނެވެ. ނަމަވެސް 2014ގައި ޓޫރިޒަމްއާ ބެހޭ ގާނޫނަށް ބަދަލު ގެނެސް މުއްދަތު އިތުރު ކޮށްފިނަމަ ދައްކަން ޖެހޭ ފައިސާ ދެ އަހަރުން ދައްކާ ނިންމަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.
އެ ފައިސާ ނުދައްކައިފިނަމަ ކުރިން މުއްދަތު އިތުރުކޮށްފައި އޮތް އޮތުން ބާތިލުވާނެ ކަމަށާއި މުއްދަތު އިތުރު ކުރުމަށް އެއްބަސްވުންތަކުގައި ހިމަނާފައިވާ މާއްދާތައް ވެސް ބާތިލުވާނެ ކަމަށް ގާނޫނުގައިވެ އެވެ.