އަންނަ އަހަރުގެ އިންވެސްޓްމެންޓް ފޯރަމް ޤަތަރުގައި

މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް 2016 ގެ ގާލާ ޖާފަތް ހަފްލާގެ ތެރޭން: އަންނަ އަހަރުގެ އިންވެސްޓްމެންޓް ފޯރަމް ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ވަނީ އިއުލާނުކޮށްފައި -- ސަން ފޮޓޯ/ މާހިލް މުހައްމަދު

ދިވެހިރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ހުރި ފުރުސަތުތައް އަންގައިދިނުމަށް ދިވެހި ސަރުކާރުގެ ފަރާތުން ބޭރުގެ ގައުމުތަކުގައި ބާއްވާ "މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް"ގެ ހަތަރުވަނަ ފޯރަމް، އަންނަ އަހަރު ބާއްވާނީ ޤަތަރުގެ ވެރިރަށް ދޯހާގައި ކަން ސަރުކާރުން އިއުލާން ކޮށްފިއެވެ.

އިންޑިއާގެ ނިއުދިއްލީގައި މިހާރު ކުރިއަށްދާ ތިންވަނަ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމްގެ ހަވާސާގައި އިއްޔެ މީޑިއާތަކާ ބައްދަލުކުރައްވައި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ހަތަރުވަނަ އިންވެސްޓްމެންޓް ފޯރަމް އޮންނާނީ ދޯހާގައި ކަމަށެވެ.

އިކޮނޮމިކް މިނިސްޓަރު ވިދާޅުވި ގޮތުގައި، ހަތަރުވަނަ އިންވެސްޓްމެންޓް ފޯރަމް ބޭއްވުމަށް ދޯހާ އިޚްތިޔާރުކުރެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

މިނިސްޓަރު ވިދާޅުވީ، ދޯހާގައި އެ ފޯރަމް ބޭއްވުމަކީ، މެދު އިރުމައްޗާއި އަރަބި އިސްލާމީ ދުނިޔެއަށް ރާއްޖޭގެ އިންވެސްޓްމެންޓް ފުރުސަތުތައް ހުޅުވާލެވޭނެ ކަމަކަށް ވާނެ ކަމަށެވެ.

ތިންވަނަ އިންވެސްޓްމެންޓް ފޯރަމް ނިއުދިއްލީގެ ތާޖް ޕެލެސް ހޮޓެލްގައި މިހާރު ފެށިގެން ކުރިޔަށް ދާ އިރު، މި ފޯރަމްގައި އިންޑިއާއާއި އެހެނިހެން ގައުމުތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ ވިޔަފާރިވެރިން ދަނީ ބައިވެރިވެ، ރާއްޖޭގައި އިންވެސްޓްމެންޓަށް ހުރި ފުރުސަތުތައް ބަލަމުންނެވެ.

އެންމެ ފުރަތަމަ އިންވެސްޓްމެންޓް ފޯރަމެއް ބާއްވާފައިވަނީ 2014 ވަނަ އަހަރުގެ އޭޕްރިލް މަހު، ސިންގަޕޫރުގައެވެ. އެއަށް ފަހު ދެވަނަ ފޯރަމެއް ބާއްވާފައިވަނީ ޗައިނާގެ ވެރިރަށް ބެއިޖިންގްގައި، 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.

comment ކޮމެންޓް