ބޮޑު ތަފާތަކުން ޔޫވީ ބަލިކޮށް، މާޒިޔާ ގްރޫޕްގެ އެއް ވަނަ ހޯދައިފި

ޕްރެޒިޑެންޓްސް ކަޕްގައި މާޒިޔާ އާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މާޒިޔާ މޮޅުވެފައި ވަނީ 8-0 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޕްރެޒިޑެންޓްސް ކަޕްގައި އަސަދުﷲ އަބްދުﷲ (އަސައްކޮ)ގެ ހަތަރު ލަނޑާއެކު ބޮޑު ތަފާތަކުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށް، މާޒިޔާ ސްޕޯޓްސް ކްލަބުން ގްރޫޕް ދޭއްގެ އެއް ވަނަ ހޯދައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅޭ މެޗަށް މާޒިޔާ އާއި ޔޫވީ ނުކުތް އިރު ވެސް، ގްރޫޕް ދޭއްގެ ސެމީ ފައިނަލުގެ ޖާގަތައް އެ ދެ ޓީމަށް ވަނީ ކަށަވަރުވެފަ އެވެ. މިރޭ ކުޅުނު އެ މެޗުން މާޒިޔާ މޮޅުވެފައި ވަނީ 8-0 ލަނޑުގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ 15 މިނެޓްގެ ކުރިން މާޒިޔާ އިން ވަނީ ތިން ލަނޑުގެ ލީޑެއް ހޯދައިފަ އެވެ. މެޗުގެ ހަތް ވަނަ މިނެޓުގައި މާޒިޔާގެ ފުރަތަމަ ލަނޑު އަޝްފާގް އަލީ (ދަގަނޑޭ) ކާމިޔާބުކޮށްދިން އިރު، މެޗުގެ 14 ވަނަ މިނެޓުގައި އެ ޓީމުގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން އަސައްކޮ އެވެ. އޭގެ މިނެޓެއް ފަހުން ވެސް އަސައްކޮ ވަނީ އޭނާގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ.

ޕްރެޒިޑެންޓްސް ކަޕްގައި މާޒިޔާ އާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މާޒިޔާ މޮޅުވެފައި ވަނީ 8-0 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާ އިން ވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށްފަ އެވެ. މެޗުގެ 30 ވަނަ މިނެޓުގައި މާޒިޔާގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދީ، އަސައްކޮ ހެޓްރިކެއް ފުރިހަމަކުރި އިރު، މެޗުގެ 35 ވަނަ މިނެޓުގައި މާޒިޔާގެ ފަސް ވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އިރުފާން (އިރޭ) އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 5-0 ލަނޑުން މާޒިޔާ ކުރީގައި އޮވެގެންނެވެ.

މެޗުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ މާޒިޔާގެ ފަރާތުން ދެ ވަނަ ހާފުގައި ވެސް ނުރައްކާތެރި ކުޅުމެއް ފެނިގެންދިޔަ އެވެ. މެޗުގެ ދެ ވަނަ ހާފު ފެށިތާ މިނެޓެއް ފަހުން މާޒިޔާގެ އަސައްކޮ ވަނީ އޭނާގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ. މެޗުގެ 70 ވަނަ މިނެޓުގައި ދަގަނޑޭގެ ދެ ވަނަ ލަނޑު ފެނިގެންދިޔަ އިރު، އޭގެ މިނެޓެއް ފަހުން މާޒިޔާގެ އަށް ވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އުމައިރެވެ.

ގްރޫޕް ދޭއްގެ އެއް ވަނަ ހޯދި މާޒިޔާ އަށް ކުޅުނު ތިން މެޗުން ހަ ޕޮއިންޓް ލިބުނު އިރު، ކުޅުނު ތިން މެޗުން ޔޫވީ އަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ. އަދި އެ ގްރޫޕްގެ ފުލުގައި އޮތް ސ. ފޭދު އަށް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ ސެމީގެ ފުރަތަމަ މެޗުގައި ގްރޫޕް އެކެއްގެ އެއް ވަނަ ހޯދި ކްލަބު އީގަލްސް އާއި ޔޫވީ ބައްދަލުކުރާ އިރު، އަންނަ ހުކުރު ދުވަހުގެ ރޭ ކުޅޭ ސެމީގެ ދެ ވަނަ މެޗުގައި ބައްދަލު ކުރާނީ މާޒިޔާ އާއި ގްރޫޕް އެކެއްގެ ދެ ވަނަ ހޯދި ޓީސީ ސްޕޯޓްސް ކްލަބެވެ.

comment ކޮމެންޓް