ސްކައި ސްޕޯޓްސްގެ ބޮޑު ހަރަކާތެއް މާލޭގައި ބާއްވަނީ، އޮންލައިން މީޑިއާ ޕާޓްނަރަކަށް ސަން

މި މަހުގެ 26 ވަނަ ދުވަހު ބާއްވާ ސްކައި ސްޕޯޓްސް ހަރަކާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ސަން އޮންލައިން ހަމަޖެއްސުމަށްޓަކައި ޕާޓްނަޝިޕް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރައްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ރާއްޖެއަށް މުޅިން އަލަށް ސްކައި ސްޕޯޓްސް ތައާރަފް ކުރުމާ ގުޅިގެން މި މަހުގެ 26 ވަނަ ދުވަހު އެސޯސިއޭޝަން އޮފް ސްކައި ސްޕޯޓްސް މޯލްޑިވްސް އިން މާލޭގައި ކުރިއަށްގެންދާ ބޮޑު ހަރަކާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ސަން އޮންލައިން ހަމަޖައްސައިފި އެވެ.

އެ ހަރަކާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ސަން އޮންލައިން ހަމަޖެއްސުމަށްޓަކައި މިއަދު މެންދުރު ސަން ޓީވީ ސްޓޫޑިއޯގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ސަން އޮންލައިންގެ ފަރާތުން ސޮއިކުރެއްވީ ސަން މީޑިއާ ގްރޫޕްގެ ޖެނެރަލް މެނޭޖަރު ސޭލްސް އެންޑް މާކެޓިން މިންހާ ފާއިޒް އެވެ. އަދި އެސޯސިއޭޝަން އޮފް ސްކައި ސްޕޯޓްސް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަން ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް ދުމްޔާ އަހްމަދެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ސަން މީޑިއާ ގްރޫޕްގެ ޖެނެރަލް މެނޭޖަރު ސޭލްސް އެންޑް މާކެޓިން މިންހާ ވިދާޅުވީ، އެ ހަރަކާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ސަން ހަމަޖެއްސި ކަމަށްޓަކައި ޝުކުރު އަދާ ކުރާ ކަމަށާއި ރާއްޖެއަށް އަލަށް ތައާރަފް ވެގެންދާނެ ސްކައި ސްޕޯޓްސް އަކީ ޒުވާނުންގެ މެދުގައި ވަރަށް ބޮޑު މަގްބޫލުކަމެއް ލިބިގެންދާނެ ކުޅިވަރެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި މިހާރު ވެސް ސްކައި ސްޕޯޓްސް ތަޖުރިބާކޮށްލުމަށް ގިނަ އަދަދެއްގެ ދިވެހިން ރާއްޖޭން ބޭރަށްދާ ކަމަށް މިންހާ ވިދާޅުވި އެވެ.

މި މަހުގެ 26 ވަނަ ދުވަހު ބާއްވާ ސްކައި ސްޕޯޓްސް ހަރަކާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ސަން އޮންލައިން ހަމަޖެއްސުމަށްޓަކައި ޕާޓްނަޝިޕް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރައްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

"މި ހުޅުވާލި ދޮރުގެ ސަބަބުން މާލޭގައި ތިބެގެން ވެސް ޒުވާނުންނަށް ފުރުސަތުތައް ލިބިގެންދާނެ. ވޯޓާ ސްޕޯޓްސް ފަދަ ކުޅިވަރުތަކަކީ ވެސް ދިވެހިންގެ މެދުގައި މަގުބޫލު ކުޅިވަރެއް. އެހެންވީމަ މިކަހަލަ ކަމެއް ފެށީތީވެ، އެސޯސިއޭޝަނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. މި އިވެންޓްގެ އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ސަން ވެގެން ދިއުމަކީ ވެސް އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް. އަޅުގަނޑުމެން އުންމީދުކުރަނީ ކުރިއަށް އޮތްތަނުގައި ވެސް އަޅުގަނޑުމެންނާއެކު މަސައްކަތްކޮށް، ދިވެހިންނަށް މި ކުޅިވަރު އިތުރަށް ހުޅުވާލައި، ކުރެވޭނެ އެކިއެކި ކަންތައްތަކާ މެދު މަޝްވަރާކޮށްގެން ކުރިއަށްދާނެ ކަމަށް،" މިންހާ ވިދާޅުވި އެވެ.

އެސޯސިއޭޝަން އޮފް ސްކައި ސްޕޯޓްސް މޯލްޑިވްސްގެ ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް ދުމްޔާ ވިދާޅުވީ، ކުރިއަށްއޮތް ތަނުގައި ވެސް ސަންއާ ގުޅިގެން މަސައްކަތްކޮށް ކުރިއަށްދެވޭނެ ކަމަށް ގަބޫލުކުރާ ކަމަށާއި އެ ހަރަކާތް ކުރިއަށްގެންދަނީ ގިނަ ބައެއްގެ އެއްބާރުލުމާއި އެހީތެރިކަމާއެކު ކަމަށެވެ.

"އެސޯސިއޭޝަން އޮފް ސްކައި ސްޕޯޓްސް މޯލްޑިވްސް އަކީ ކުރިއަށްއޮތް ތަނުގައި ސްކައި ސްޕޯޓްސް ރެގިއުލޭޓް ކުރާނެ ބޮޑީ. ހަރަކާތުގެ އެންމެ ބޮޑު ޕާޓްނަރަކީ ސްކައި ގައިޒް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއް. އެ ބޭފުޅުން ރާއްޖެއަށް އަލަށް މި ގެންނަނީ ޕެރަގްލައިޑިންގް ސްކައި ސްޕޯޓްސް. އޮފިޝަލް މީޑިއާ ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސަނީ ޕީއެސްއެމް. ސަން އޮންލައިން އަކީ އަޅުގަނޑުމެންގެ އޮންލައިން މީޑިއާ ޕާޓްނަރު. އެކޮމޮޑޭޝަން ޕާޓްނަރަކީ އެއާޕޯޓް ބީޗް އިން ހޮޓެލް. ސޯޝަލް މީޑިއާ ޕާޓްނަރަކީ ޒޯ އާޓްސް. އަދި ކޭޓެރިންގް ޕާޓްނަރަކީ އެފްއެސް ކޭކްސް،" އޭނާ ވިދާޅުވި އެވެ.

ރަސްފަންނުގައި ބާއްވާ އެ ހަރަކާތް ކުރިއަށްދާނީ މި މަހުގެ 26 ވަނަ ދުވަހުގެ 15:00 އިން ފެށިގެން 19:00ގެ ނިޔަލަށެވެ. އެ ހަރަކާތް ކުރިއަށްދާނީ ހައުސިން މިނިސްޓްރީ އާއި، ޔޫތު މިނިސްޓްރީ އާއި، ޓޫރިޒަމް މިނިސްޓްރީ އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބޮޑު އެއްބާރުލުމަކާއެކު އެވެ.

comment ކޮމެންޓް