ފަސް ރުފިޔާގެ ފައިސާފޮތި ނުނެރޭ ގޮތަށް ނިންމައިފި

ދައުލަތުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީއަށް މަރުކަޒީ ބޭންކްގެ ގަވަރުނަރާއި އޮޑިޓަރ ޖެނެރަލް ހާޒިރުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހި ފައިސާގައި ބޭނުންކުރަމުން އަންނަ ފަސް ރުފިޔާގެ ނޫޓު އުވާލައި، އޭގެ ބަދަލުގައި ފައިސާފޮއްޗެއް ނެރެން ކުރީން ނިންމާފައި ވީ ވަނަމަވެސް، އެ ނިންމުން ބަދަލުކޮށްފައި ވާ ކަމަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފިއެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ގަވަރުނަރު ޑރ. އަޒީމާ އާދަމް ވިދާޅުވީ، މިދިޔަ އަހަރު އަލަށް ތައާރަފްކުރި ފައިސާއާ އެކު، ފަސް ރުފިޔާގެ ނޫޓް އުވާލައި ފަސް ރުފިޔާއަކީ ފައިސާ ފޮއްޗަކަށް ހެދުމަށް ނިންމާފައިވީ ނަމަވެސް މިހާރު ނިންމާފައި ވަނީ، ފަސް ރުރިޔާގެ އާ ނޫޓެއް ތައާރަފް ކުރުމަށް ކަމަށެވެ.

ގަވަރުނާ ވިދާޅުވީ ކުރީގެ ނިންމުން ބަދަލުކުރީ ގިނަ ބަޔަކު އެކަމަށް އެދެމުންދާތީ ކަމަށެވެ.

އަލަށް ތައާރަފްކުރާ ފަސް ރުފިޔާގެ ނޫޓަކީ ޕޮލިމާ ނޫޓެއް ކަމަށާއި އެނޫޓު އަންނަ އަހަރު ކުރީކޮޅު ނެރޭނެ ކަމަށްވެސް ގަވަރުނާ ވިދާޅުވިއެވެ.

މިހާރުގެންގުޅޭ ދެ ރުފިޔާގެ ފައިސާ ފޮތީގެ ބަދަލުގައި އަލަށް ހަދާ ފައިސާފޮތި ލުއިކޮށް ވަރަށް އަވަހަށް ނެރޭނެ ކަމަށްވެސް ގަވަރުނާ ވިދާޅުވިއެވެ.

މިނިވަން 50 އާއި ގުޅިގެން އެމްއެމްއޭއިން ވަނީ ދިވެހި ފައިސާއަށް ޒަމާނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

comment ކޮމެންޓް