ފޯލްކްސްވާގެންގެ 30،000 މުވައްޒަފުން ކަނޑާލަނީ

ފޯލްކްސްވާގެންގެ ސީއީއޯ މަތިޔަސް މުލާ -- ފޮޓޯ/ އޭއެފްޕީ

ކާރު އުފައްދާ، ދުނިޔޭގެ އެންމެ ބޮޑު ކުންފުނި ކަމުގައިވާ ޖަރުމަނުގެ ފޯލްކްސްވާގެންއިން އެކުންފުނީގައި ވަޒީފާ އަދާކުރާ 30،000 މުވައްޒަފުން ކަނޑާލުމަށް ނިންމައިފިއެވެ.

ފޯލްކްސްވާގެންގެ ކާރުތަކުން ވައިގެ ތެރެއަށް ދޫކުރާ ގޭސް ނުވަތަ އެމިޝަންސް، ހުންނަންޖެހޭ ވަރަށް ވުރެ އިތުރުވެ، އެ މައްސަލަ މިދިޔަ އަހަރު ފެންމަތިވި އިރު، އެ މައްސަލައިގައި ފޯލްކްސްވާގެންއަށް ވަނީ ބޮޑެތި މާލީ ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެކުންފުނިން އަދިވެސް ގެންދަނީ އެ ދަތިތަކުން އަރައިގަތުމުގެ މަސައްކަތް ކުރަމުންނެވެ.

އެ މައްސަލައިގައި، ފޯލްކްސްވާގެންއިން ވަނީ، ކާރުގެ އެމިޝަން ލިމިޓު ހުރަސްކުރުމަށް މަކަރުހެދިކަމަށް އެއްބަސްވެފައެވެ. ފޯލްކްސްވާގެންގެ ކާރުތައް އެމިޝަން ޓެސްޓު ކުރެވޭ ވަގުތު، އެކަން ދަނެގަނެ، ނަތީޖާތައް އޮޅުވާލާ ސޮފްޓްވެއާއެއް އޭގައި ވާކަން މިދިޔަ އަހަރު ވަނީ ފަޅާ އަރައިފައެވެ. މި ސޮފްޓްވެއާ ހުންނަ 11 މިލިޔަނަށް ވުރެ ގިނަ ކާރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެއެވެ.

އެ މައްސަލައާ ގުޅިގެން ފޯލްކްސްވާގެންއިން ވަނީ އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކަށާއި، އެކުންފުނީގެ 500،000 ވަރަކަށް ކާރު ބޭނުންކުރާ މީހުންނަށް 15 ބިލިޔަނެއްހާ ޑޮލަރު، ބަދަލުގެ ގޮތުގައި ދިނުމަށް ނިންމައިފައެވެ.

މި މައްސަލައަށް ފަހު ފޯލްކްސްވާގެންއިން މިހާރު ނިންމާފައިވަނީ ކުންފުނީގެ ބްރޭންޑު އިމޭޖު ބަދަލުކޮށް، މުޅިން އާ ޕްރޮޑަކްޓްތަކަކާއިގެން އާ ފެށުމަކުން ފަށާށެވެ. އެގޮތުން ކަރަންޓު އަދި އަމިއްލައަށް ދުއްވާ ކާރުތަކެއް ތައާރަފުކުރަން އެކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.

އެހެންކަމުން، އެކުންފުނިން ނިންމީ ދުނިޔޭގެ އެކި ގައުމުތަކުގައި ފޯލްކްސްވާގެންގެ މުވައްޒަފުންގެ ތެރެއިން 30،000 ވަރަކަށް މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށެވެ. އޭގެ ތެރެއިން 24،000 ވަޒީފާއަކީ ސީދާ ޖަރުމަނުން ކަނޑާލާ މުވައްޒަފުންނެވެ.

ފޯލްކްސްވާގެންއިން ބުނެފައިވަނީ އެކުންފުނިން ތަރައްގީކރަން އުޅޭ އާ ޕްރޮޑަކްޓްތަކަށް ޚާއްސަކޮށްގެން 9،000 ވަރަކަށް އާ ވަޒީފާ އުފައްދާނެ ކަމަށެވެ.

ފޯލްކްސްވާގެންއިން މިހާރު ގެންގުޅޭ މުވައްޒަފުންގެ އަދަދަކީ 610،000 އެވެ. އެއީ ދުނިޔޭގެ 31 ގައުމެއްގައެވެ. އޭގެ ތެރޭގައި، ކުންފުނި ނިސްބަތްވާ ޖަރުމަނުގެ މުވައްޒަފުންގެ އަދަދަކީ 120،000 އެވެ.

comment ކޮމެންޓް