ޚިޔާނާތް ފަޅާއަރުވާލި ގާސިމް ދޫކޮށްލައިފި

ބޭންކް އޮފް މޯލްޑިވްސްގެ ފ. ނިލަންދޫގައި ހުންނަ ބްރާންޗުގެ ކުރީގެ މެނޭޖަރު، ގާސިމް އަބްދުލް ކަރީމް -- ސަން ފޮޓޯ: އަހްމަދު އާޒިފް

ކަސްޓަމަރުންތަކެއްގެ މައުލޫމާތު ހާމަކުރުމުގެ ކުށުގައި އަށް މަހާއި 12 ދުވަހަށް ޖަލަށް ލުމަށް އަންގާރަ ދުވަހު ހުކުމް ކުރި، ބީއެމްއެލްގެ ފ. ނިލަންދޫ ބްރާންޗުގެ ކުރީގެ މެނޭޖަރު ގާސިމް އަބްދުލް ކަރީމް މިއަދު ދޫކޮށްލައިފިއެވެ.

ގާސިމް ދޫކޮށްލާފައި ވަނީ އޭނާ ތަންފީޒު ކުރަންޖެހޭ ހުކުމުގެ މުއްދަތަށްވުރެ އިތުރަށް ބަންދުގައި ބަހެއްޓުމަށްފަހުއެވެ.

އޭނާގެ ގާނޫނީ ވަކީލު އަހުމަދު ނާޒިމް އަބްދުއްސައްތާރު ވިދާޅުވީ، ގާސިމް ދޫކޮށްލީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ކަމަށެވެ.

ފުލުހުން ގާސިމް ހައްޔަރުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ. އޭނާ އަށް ކުރި ހުކުމުގެ މުއްދަތު ހަމަވެފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

ހުކުމް އިއްވިފަހުން ފުލުހުން ގާސިމް ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރީ މިއަދުގެ ވަގުތެއްގައެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ ބައެއް ކަސްޓަމަރުންގެ މައުލޫމާތު ހާމަކުރީ ހެޔޮނިޔަތުގައި ކަމަށް ގާސިމް ބުނި ނަމަވެސް އެކަން އޭނާ އަށް ޝަރީއަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.

އޭނާ އާންމުކޮށްފައިވާ މައުލޫމާތަކީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އެންމެ ގިނައިން ޖަމާވި ކަމަށް ބުނާ އެސްއޯއެފްގެ އެކައުންޓުން ގިނަ އަދަދެއްގެ އެކައުންޓުތަކަށް އެ ފައިސާ ޖަމާކޮށްފައިވާ ގޮތުގެ ތަފްސީލެވެ.

comment ކޮމެންޓް