އަންހެން ވޮލީބޯޅަ ލީގް މޯލްޑިވިއަނުން ކާމިޔާބުކޮށްފި

އަލް މުދިޝް ގައުމީ އަންހެން ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން މޯލްޑިވިއަން ހޯދުމަށްފަހު ޓްރޮފީ އުފުލާލަނީ -- ސަން ފޮޓޯ/ ފަޔާޒު

ޕޮލިސް ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް އަލް މުދިޝް ގައުމީ އަންހެން ވޮލީ ބޯޅަ ލީގްގެ ޗެމްޕިއަންކަން މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަން ހޯދައިފި އެވެ.

ލީގްގެ ފަހު ދެ މެޗު އިއްޔެ ކުޅު ނިމުނުއިރު މޯލްޑިވިއަން އާއި ޕޮލިސް އަދި ފުވައްމުލަކު މިސްކިތްމަގަށް ވެސް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. މޯލްޑިވިއަންއަށް ޗެމްޕިއަންކަން ލިބުނީ މެޗުތަކުގައި ހޯދި ފައިދާ ޕޮއިންޓުން ކުރި ހޯދައިގެންނެވެ.

މޯލްޑިވިއަންއަށް ނުވަ ޕޮއިންޓާއި ފައިދާ ހަ ސެޓް އަދި 55 ޕޮއިންޓް ލިބިފައިވާ އިރު މިސްކިތް މަގަށް ވެސް ވަނީ ނުވަ ޕޮއިންޓާއި ފައިދާ ހަ ސެޓް ލިބިފައެވެ. ނަމަވެސް އެޓީމަށް ދެވަނަ ލިބެނީ މޯލްޑިވިއަނަށް ވުރެން މަދުން 15 ޕޮއިންޓް ލިބިފައިވާތީ އެވެ. ޕޮލިސް ކުލަބަށް ނުވަ ޕޮއިންޓާއި ފައިދާ ހަތަރު ސެޓް ލިބިފައިވާއިރު އެޓީމަށް ލިބިފައިވަނީ 54 ޕޮއިންޓެވެ.

ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގައި ޕޮލިސް ކްލަބާއި މޯލްޑިވިއަން ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިއްޔެ ހަވީރު ކުޅުނު މެޗުގައި ފިސްޑާ އަތުން މިސްކިތްމަގު މޮޅުވެފައިވާ އިރު މޯލްޑިވިއަން ރޭގެ މެޗަށް ނިކުތީ މޮޅުވާން މަޖުބޫރު މެޗަކަށެވެ. މޯލްޑިވިއަންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ ފުރަތަމަ ސެޓު އެ ޓީމުން ކާމިޔާބުކުރީ 25-18 އިންނެވެ. ދެވަނަ ސެޓް ފޯރި ގަދަ ކުޅުމަކަށް ފަހު މޯލްޑިވިއަންއިން ކާމިޔާބް ކުރީ 25-27 އިންނެވެ. ތިން ވަނަ ސެޓްގައި ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު އެ ސެޓް މޯލްޑިވިއަން ކާމިޔާބް ކުރީ 21-25 އިންނެވެ.

ގައުމީ އަންހެން ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން މޯލްޑިވިއަން ހޯދުމަށްފަހު އުފާފާޅު ކުރަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ
މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިސް ކުލަބުގެ ހައްވާ ރާޝިދާ އެވެ. ޑްރީމް ޓީމުގައި ހިމެނުނީ ހައްވަގެ އިތުރުން ޕޮލިހުގެ ހައްވާ ސަހާ އާއި ފާތިމަތު ޖޫޒަން އާއި މޯލްޑިވިއަންގެ އާއިޝަތު މާޖިދާ އާއި އައިމިނަތު ޝައްފަ އާއި ފިސްޑާގެ އައިމިނަތު ރާޝިދާ އަދި މިސްކިތްމަގުގެ ފާތިމަތު ނިޔާޒާ އެވެ. ޑްރީމް ޓީމުގެ ކޯޗަކަށް ހޮވުނީ މޯލްޑިވިއަންގެ ކޯޗު މުޙައްމަދު އިކްލީލް އެވެ.

މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވުނީ ފިސްޑާގެ އައިމިނަތު ރިޔާޝާ އެވެ. އަދި 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ޕޮލިހުގެ އަރީޝާ އެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކަށް ހޮވުނީ މިސްކިތްމަގު ޓީމުގެ ޕްރަތީބާ މާލީ އެވެ. ފެއާޕްލޭ ޓީމަކަށް ހޮވުނީ މިސްކިތްމަގު ޓީމެވެ.

comment ކޮމެންޓް