މައްސަލަ ހައްލުކޮށްފި! ސެންޗޫރިއަންގެ ހިއްސާ އޮންލައިންކޮށް އަނެއްކާވެސް ގަނެވޭނެ

ސެންޗޫރިއަން ޕލކގެ ބޯޑުގެ ބައެއް ޑިރެކްޓަރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޭންކް އޮފް މޯލްޑިވްސްގެ އޮންލައިން ބޭންކިންގް ޕޯޓަލްއަށް ދިމާވި މައްސަލަ ހައްލުކޮށް، ސެންޗޫރިއަން ޕލކގެ ހިއްސާ، އޮންލައިންކޮށް ގަނެވޭނެ އިންތިޒާމު އަނެއްކާ ވެސް ހަމަޖެހިއްޖެ އެވެ.

ސެންޗޫރިއަން ޓްރާންސްޕޯޓް ސޮލިއުޝަންސްއަކީ، ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށް، އާންމުކޮށް ހިއްސާ ވިއްކަން ފެށި، 100 ޕަސަންޓު ދިވެހި ފުރަތަމަ ކުންފުންޏެވެ.

އެކުންފުނީގެ އިނީޝަލް ޕަބްލިކް އޮފަރިންގް ފެށީ އޮކްޓޫބަރު 20 ވަނަ ދުވަހު އެވެ. އަދި އެ ދުވަހުން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އެކުންފުނީގެ އައިޕީއޯ ކުރިޔަށް ދާނެއެވެ. އަދި ހިއްސާ ވިއްކާ މުއްދަތު އިތުރުކުރަން ވިސްނަމުންދާ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފަ އެވެ.

ސެންޗޫރިއަނުން އެކުންފުނީގެ ހިއްސާ ވިއްކުމަށް ހުޅުވާލި އިރު، ބޭންކް އޮފް މޯލްޑިވްސްގެ އޮންލައިން ބޭންކިންގް ޚިދުމަތް މެދުވެރިކޮށް ހިއްސާ ގަނެވޭނެ އިންތިޒާމު ވެސް ހަމަޖެއްސި އެވެ.

އެހެން ނަމަވެސް ދާދި ފަހުން ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގްއަށް ދިމާވި މައްސަލައަކާ ގުޅިގެން އެ ޚިދުމަތަށް ވަނީ ބުރޫ އަރާފަ އެވެ.

ސެންޗޫރިއަން ޕލކއިން މިއަދު ބުނި ގޮތުގައި، ބީއެމްއެލް އޮންލައިން ޕޯޓަލަށް މައްސަލަތަކެއް ދިމާވެ، ގިނަ އަދަދެއްގެ ބަޔަކު ހިއްސާ ގަތުމަށް ކުރި މަސައްކަތް ކާމިޔާބު ވާ ގޮތް ވަނީ ނުވެފަ އެވެ.

އެހެން ނަމަވެސް ދިމާވި މައްސަލަ މިހާރު ހައްލުވެފައިވާ ކަމަށް ބީއެމްއެލްއިން އަންގާފައިވާ ކަމަށް ސެންޗޫރިއަނުން ބުނެ އެވެ.

"އެހެން ކަމުން ކުރިއެކޭ ވެސް އެއް ގޮތަށް އޮންލައިން ކޮށް ހިއްސާ ގަންނަން ބޭނުނުން ފުޅުވާ ހުރިހާ ފަރާތްތަކަށް އެހިދުމަށް ލިބޭނެ ވާހަކަ ދެންނެވިން. އަދި ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ހިއްސާގަނެވޭނެ އިންތިޒާމްތަށް ހަމަޖެހިގެން ދާނެ ވާހަކަ މިފުރުސަތުގައ އަޅުގަނޑުމެން ފާހަގަ ކޮށްލަން،" އެކުންފުނިން ބުނެ އެވެ.

ސެންޗޫރިއަން ޕލކއަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޝިޕިންގް އަދި ލޮޖިސްޓިކްސްގެ ޚިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުނިން ހިއްސާ ވިއްކަނީ ހިއްސާއެއް 25 ރުފިޔާގެ މަގުން، 6.7 މިލިޔަން ހިއްސާ އެވެ. އެއީ ކުންފުނީގެ 49 ޕަސަންޓު ހިއްސާއެވެ. ހިއްސާ ގަންނަ ފަރާތަކުން މަދުވެގެން ހަތަރު ހިއްސާ ގަންނަން ޖެހެ އެވެ. އެއީ 100 ރުފިޔާގެ އިންވެސްޓްމެންޓެކެވެ.

ސެންޗޫރިއަން ޕލކގެ ޗެއާމަން ކެޕްޓަން އަހްމަދު މައުމޫން (ކެޕްޓަން މާނު) މީގެ ކުރިން "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ސެންޗޫރިއަންގެ އަމާޒަކީ ރާއްޖޭގެ ކޮންމެ ގެއެއްގައި ވެސް ސެންޗޫރިއަންގެ ހިއްސާދާރެއް ހުރުން ކަމަށެވެ.

"އަޅުގަނޑުގެ އުންމީދަކީ މީގެ 50 އަހަރު ފަހުން ވެސް ރާއްޖޭގެ ލީޑިންގް ޝިޕިންގް ލޮޖިސްޓިކްސް ކުންފުނީގެ ގޮތުގައި އޮވެ، ރާއްޖެ ސަރަހައްދުގައި ރިކޮގްނައިޒަބަލް ފުޓްޕްރިންޓެއް އޮންނާނެ ވަރުގެ ކުންފުންޏަކަށް ވުން،" އޭނާ ވިދާޅުވި އެވެ.

ސެންޗޫރިއަން ޕލކއިން ހިއްސާ ވިއްކައިގެން ހޯދާ 168 މިލިޔަން ރުފިޔާ ހޭދަކުރުމަށް ނިންމާފައި ވަނީ ކުންފުންޏަށް ހަރު މުދާ ނުވަތަ ކެޕިޓަލް އެސެޓްސް ހޯދުމަށެވެ.

އެކުންފުނީގެ ހިއްސާ ގަތުމުގެ ކަންކަން މާލޭގެ 12 ތަނަކާއި، ހުޅުމާލެއާއި ވިލިމާލޭގެ އިތުރުން ހދ. ހަނިމާދޫ، ހދ. ކުޅުދުއްފުށި، ނ. މަނަދޫ، ނ. ވެލިދޫ، ލ. ފޮނަދޫ، ގދ. ތިނަދޫ، ޅ. ނައިފަރު، އއ. ރަސްދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ޕޯސްޓް އޮފީސްތަކުގައި ހަމަޖެހިފައި ހުންނާނެ އެވެ.

comment ކޮމެންޓް