ރެކް.ސްޕޯޓް.ސޮކަރ ސްޓެޓިސްޓިކްސް ފައުންޑޭޝަން (އާރުއެސްއެސްއެސްއެފް)އަކީ، ބައިނަލްއަގްވާމީ ފުޓްބޯޅައިގެ ތަފާސްހިސާބުތައް އެކުލަވާލައި އެ މައުލޫތު ހިއްސާކުރާ ބައިނަލްއަގްވާމީ ފައުންޑޭޝަނެކެވެ. އާރުއެސްއެސްއެސްއެފްގެ ތަފާސްހިސާބުތައް ދައްކާގޮތުން، 13 ނޮވެމްބަރު 2016އާ ހަމައަށް، ބައިނަލްއަގްވާމީ ފެންވަރުގައި މިހާރު ފުޓްބޯޅަ ކުޅެމުން އަންނަ ކުޅުންތެރީންގެ ތެރޭން، ހަތަރުވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ ރާއްޖޭގެ ގައުމީ ޓީމުގެ ފޯވާޑް އަދި ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)އެވެ.
ބައިނަލްއަގްވާމީ ފުޓްބޯޅައިގެ ތަފާސްހިސާބުތައް ދައްކާގޮތުން، 2004 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް މިހާތަނަށް، 77 މެޗު ކުޅެފައިވާ ދަގަނޑޭ ވަނީ، ގައުމީ ޓީމަށް 52 ލަނޑު ކާމިޔާބުކޮށްދީފައެވެ. އެއީ އެވްރެޖްކޮށް އޭނާ ކުޅުނު ކޮންމެ މެޗަކަށް 0.68 ލަނޑެވެ.
ދަގަނޑޭ ވަނީ، ގޯލް.ކޮމްއިން ތައްޔާރުކޮށްފައިވާ، "ޓޮޕް ގޯލް ސްކޮރަރސް" (އެކްޓިވް އިންޓަނޭޝަނަލް ޕްލެޔަރސް)ގެ ލިސްޓް، އޭނާގެ ޓްވިޓަރ އަދި ފޭސްބުކް އެކައުންޓަށް ޕޯސްޓުކޮށްފައެވެ. އަދި އޭނާގެ އެ ކާމިޔާބީ ފާހަގަކޮށް ﷲ އަށް ހަމްދުކޮށްފައިވެއެވެ.
ސެޕްޓެމްބަރ 6، 2016: އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ޕްލޭއޯފް ފުރަތަމަ ލެގުގައި ރާއްޖެ އާއި ލާއޯސް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ފުޓްބޯޅައިގެ ތާރީޚުގައި ގައުމީ ޓީމަކަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އަދިވެސް އޮތީ، އީރާންގެ ކުރީގެ ފުޓްބޯޅަ ލެޖެންޑް ޢަލީ ދާއީއަތުގައެވެ. މިހާރު މަޝްހޫރު ވިޔަފާރިވެރިއެއްގެ އިތުރުން، ޕާޝިއަން ގަލްފް ޕްރޯ ލީގުގެ ކްލަބެއް ކަމަށްވާ ނަފްތު ތެހެރާންގެ ކޯޗުކަންވެސް ކުރަމުން އަންނަ، އީރާންގެ ކުރީގެ ފޯވާޑް ވަނީ، ގައުމީ ޓީމަށް އޭނާ ކުޅުނު 149 މެޗުން 109 ލަނޑު ކާމިޔާބުކޮށްފައެވެ.
ފުޓްބޯޅައިގެ ތާރީޚުގައި މިހާތަނަށް ގައުމީޓީމަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރީންގެ ލިސްޓުން ރާއްޖޭގެ ތަރި، އަދި ދިވެހި ޕްރިމިއަ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ފޯވާޑަކަށް ކުޅެމުން އަންނަ ދަގަނޑޭއަށް ލިބެނީ 28 ވަނައެވެ.

ލެޓްވިއާ ކޮޅަށް ލަނޑެއް ޖެހުމަށްފަހު، ރޮނާލްޑޯ އުފާފާޅުކުރަނީ: ވޯލްޑް ކަޕް ކޮލިފައިންގައި ލެޓްވިއާއާ ދެކޮޅަށް ކުޅުނު މެޗުން ޕޯޗުގަލް މޮޅުވީ 4-1 ލަނޑުން --- ފޮޓޯ/ ގެޓީ
މިހާރު ފުޓްބޯޅަ ކުޅެމުން އަންނަ ކުޅުންތެރީންގެ ތެރޭން، އެންމެ ގިނަ ބައިނަލްއަގްވާމީ ލަނޑު ޖެހި ކުޅުންތެރިއަކީ، ޕޯޗްގީޒް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އޭނާއަށް ލިސްޓުގެ އެންމެ ކުރި ލިބެނީ، ދަގަނޑޭއަށް ވުރެ 16 ލަނޑު އިތުރަށް ކާމިޔާބުކޮށްގެންނެވެ. އޭނާ ވަނީ، 68 ލަނޑު ކާމިޔާބުކޮށްފައެވެ. ޕޯޗްގީޒް ޓީމަށް މިހާތަނަށް 136 މެޗު ކުޅެފައިވާ ރޮނާލްޑޯގެ ލަނޑުގެ އެވްރެޖް ނިސްބަތަކީ މެޗަކަށް 0.50 ލަނޑެވެ.
ލިސްޓުގެ ތިން ވަނައިގައި އޮތީ، އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއެވެ. ގައުމީ ޓީމަށް މިހާތަނަށް 115 މެޗު ކުޅެފައިވާ މެސީ ވަނީ، 56 ލަނޑު ޖަހައިފައެވެ. އެއީ ނިސްބަތުން މެޗަކަށް 0.49 ލަނޑެވެ.

ބްރެޒިލް އަތުން 3-0 އިން ބަލިވި މެޗަށް ފަހު އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ -- ފޮޓޯ: ގޯލް
އެ ލިސްޓުގެ ތިން ވަނައިގައި އޮތީ އިނގިރޭސި ކެޕްޓަން ވޭން ރޫނީއެވެ. ގައުމީ ޓީމަށް 119 މެޗު ކުޅެދީފައިވާ ރޫނީ ވަނީ 53 ލަނޑު ކާމިޔާބުކޮށްފައެވެ. އެއީ އެވްރެޖްކޮށް މެޗަކަށް 0.44 ލަނޑެވެ.
ފުޓްބޯޅައިގެ ތާރީޚުގައި މިހާތަނަށް ގައުމީޓީމަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރީންގެ ލިސްޓުން ރޮނާލްޑޯއަށް ލިބެނީ 13 ވަނައެވެ. އެ ލިސްޓުގެ 21 ވަނައިގައި މެސީ އޮތް އިރު، ރޫނީ އޮތީ ލިސްޓުގެ 27 ވަނައިގައެވެ.
އިންގްލޭޑްން ގައުމީ ޓީމުގެ ކެޕްޓަން ވޭން ރޫނީ --
ސަރަހައްދީ ފެންވަރުގައި ދަގަނޑޭއާ އެންމެ ވާދަވެރި ކުޅުންތެރިޔާ ކަމަށްވާ އިންޑިއާގެ ތަޖްރިބާކާރު ފޯވާޑް ސުނިލް ޗެތުރީ އޮތީ، މިހާރު ކުޅޭ ކުޅުންތެރީންގެ ލަނޑު ލިސްޓުގެ ހަ ވަނައިގައެވެ. އެއީ ދަގަނޑޭއަށް ވުރެ އެއް ލަނޑު މަދުން ކާމިޔާބުކޮށްގެންނެވެ. ޗެތުރީ ވަނީ އިންޑިއާ ޓީމަށް 91 މެޗު ކުޅެފައެވެ.