ބޮޑުފަޅި އޮތީ ރައީސް ޔާމީނާއެކު، އަނެއް ފަޅިއަކީ ތޮށިގަނޑު: ކާނަލް

ޕީޕީއެމް އިން މާލޭގައި ބޭއްވި ޖަލްސާގައި މުހައްމަދު ނަޝީދު ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ

ޕީޕީއެމްގެ މުޝްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުއްގައްޔޫމްގެ ފެކްޝަނަކީ އަސްލު ބޮޑު ފަޅި ކަމަށާއި އަނެއް ފަޅީގައި އޮތީ ތޮށިގަނޑު ކަމަށް ޑީއާރްޕީގެ ވަގުތީ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ރ. ދުވާފަރުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ކާނަލް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދާއި މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަނޑައަޅާފައިވާ ކ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އުޅުނަސް އެކަމެއް ކާމިޔާބެއް ނުވާނެއެވެ.

މަޖިލީހުގެ ތެރެއިން އެކަން ކާމިޔާބު ނުވާނެ ސަބަބެއް ކަމަށް ކާނަލް ވިދާޅުވީ، އަސްލު ބޮޑު ފަޅި ޕީޕީއެމްގެ މުޝްތަޝާރު ރައީސް ޔާމީންގެ ފަހަތުގައި އޮތުމުންނެވެ.

"ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ގޮއްވާލަން އުޅޭ ބޮން ގޮއްވާލުމުގެ ކުރިން އޭގެ ފިއުޒު މިވަނީ ދަމައިގަނެވިފައި. ރައްޔިތުން މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ލާބަޔަކު ޖެހެނީ ލަދުގަންނަން. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޖޭއެސްސީ ތަމްސީލުކުރައްވާ ރިޒާގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްކުރަން އުޅޭ ބަޔަކު ޖެހޭނީ ގެއަށްދާން. ކާމިޔާބެއް ނުވާނެ،" ކާނަލް ވިދާޅުވިއެވެ.

ކާނަލް މިހެން ވިދާޅުވީ، އެ ދެބޭފުޅުންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަދި ރައީސް މައުމޫނަށް މިހާރު ތާއީދު ކުރައްވާ އެމަނިކުފާނުގެ ފެކްޝަނުގައި ހިމެނިވަޑައިގަންނަވާ މުހައްމަދު މުސްތަފާ ވިދާޅުވުމުންނެވެ.

މުސްތަފާ ވިދާޅުވެފައި ވަނީ އެއީ އެއްވެސް ސިޔާސީ ޕާޓީއަކުން ކުރާ ކަމެއް ނޫންކަމަށާއި އެކަމުގައި އުޅެނީ މަޖިލީހުގެ މެމްބަރުންތަކެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ކުރާ މަސައްކަތުގެ އަޑީގައި ތިއްބެވީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ވަނީ ވިދާޅުވެފައެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން އުޅޭ އުޅުމަކީ މައުމޫނާއި ގާސިމް އެއްވެގެން އެމްޑީޕީގެ މެމްބަރުންނަށް ހިތްވަރުދީގެން ކުރަން އުޅޭ ކަމެއް ކަމަށް އޭރު ނިހާން ތުހުމަތުކުރެއްވިއެވެ.

ނަމަވެސް މަސީހު ވަކި ކުރާކަށް ޖުމްހޫރީ ޕާޓީން ވެސް އަދި އަމިއްލަފުޅަށް ވެސް މަސައްކަތް ނުކުރައްވާ ކަމަށް ވިދާޅުވެ ރައީސް މައުމޫނަށް ބައިއަތު ހިއްޕަވައިގެން ހުންނެވި ގާސިމް އިބްރާހިމް ވަނީ ނިހާންގެ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ.

ރައީސް ޔާމީނަށް ތާއީދު ކުރައްވަންޖެހޭ ސަބަބުތައް ފާހަގަކުރައްވަމުން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ކާނަލް ވިދާޅުވީ، ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ފުލުހުންގެ އަގު ވައްޓާލާފައިވުމުގެ ސަބަބުން މާލޭގައި މާރާމާރީ ހިންގުން އާއްމުވެފައި އޮތް ކަމަށެވެ.

ނަމަވެސް މިއަދު ފުލުހުންގެ ނޫ ޔުނީފޯމަކީ މީހުން ބިރު ގަންނަ ޔުނީފޯމަކަށް ރައީސް ޔާމީން ހައްދަވާދެއްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، ރާއްޖޭގެ ޖުޑިޝަރީ ވެއްޔާ މޮޑެލުމަށްޓަކައި ކުރާ މަސައްކަތް ހުއްޓުވާލީ ވެސް ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށް ކާނަލް ވިދާޅުވި އެވެ.

comment ކޮމެންޓް