އައްޑޫ ހައި ސްކޫލުގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް މަރަދޫ ފޭދޫ، ނޫމަސް، އަފާ ޖަމީލް ހޮވިއްޖެއެވެ.
މިދިޔަ އަހަރު އައްޑޫ ހައި ސްކޫލުގެ ޑެޕިއުޓީ ކެޕްޓަންގެ މަގާމު އަދާކުރި އަފާ ވަނީ މިދިޔަ އަހަރުގެ އޭލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން އޭ ފާސް ހޯދައިގެން ގައުމީ ގަދަ 10ގެ އެއްވަނަ ހޯދާފައެވެ. އޭގެ އިތުރުން އެކައުންޓިންނާއި އިސްލާމް އިން ރާއްޖޭގެ އެއްވަނަގައި ވެސް އަފާ ވަނީ ހިމެނިފައެވެ.
އަފާއަށް އިނާމު ހަވާލުކޮށްދެއްވީ ރޭގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާން އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމާއިލެވެ.
އައްޑޫ ހައި ސްކޫލުގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން ދެވަނައަށް އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ މިދިޔަ އަހަރުގެ އޭލެވެލް އިމްތިހާނުގައި ގައުމީ ގަދަ ދިހައެއްގެ ދެވަނަ ހޯދި އަދި އެކައުންޓިންނާއި ބިޒްނަސް ސްޓަޑީސް އިން ދުނިޔޭގެ އެއްވަނަ ހޯދި ހިތަދޫ، ފްރެސްކޯ، މަލްހާ މުހައްމަދު ވަހީދެވެ.
ހުރިހާ ގޮތަކުން އެންމެ މޮޅު ތިން ވަނަ ދަރިވަރަކަށް ހޮވުނީ މިދިޔަ އަހަރު އެ ސްކޫލުގެ ކެޕްޓަން ހިތަދޫ، ރޯޒީ، ފާތިމަތު ޒުރުވަތު ޒަރީރެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ އޭލެވެލް އިމްތިހާނުގައި ގައުމީ ގަދަ ދިހައެއްގެ ދެވަނަ ހޯދާފައެވެ.
މިދިޔަ އަހަރުގެ އޭލެވެލް އިމްތިހާނުގައި އައްޑޫ ހައި ސްކޫލުގެ 113 ދަރިވަރަކު އިމްތިހާނުގައި ބައިވެރިވިއިރު، 74.3 ޕަސެންޓް ދަރިވަރުން ވަނީ ތިން މާއްދާއަށްވުރެ މަތިން ފާސްވެފައެވެ. އޭގެ ތެރެއިން 20 ދަރިވަރުން ވަނީ ގައުމީ ގަދަ 10އެއްގެ އެއްވަނަ ހޯދާފައެވެ.
އައްޑޫ ހައި ސްކޫލުގައި ރޭ ބޭއްވި އެ ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ބީޓެކް ލެވެލް ތިނެއް ޕްރޮގްރާމް ފުރިހަމަ ކުރި ރާއްޖޭގެ ފުރަތަމަ ދަރިވަރުންނަށް ވެސް ވަނީ ސެޓްފިކެޓް ދީފައެވެ.
އެގޮތުން، ބީޓެކް ލެވެލް ތިނެއްގެ ޕްރޮގްރާމުގެ ދަށުން 11 ދަރިވަރަކު ރޭގެ ރަސްމިއްޔާތުގައި ގްރެޖުއޭޓް ވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ބީޓެކް ޑިޕްލޮމާ އިން ބިޒްނަސް ފުރިހަމަ ކުރި ފަސް ދަރިވަރަކާއި ބީޓެކް ޑިޕްލޮމާ އިން އެޕްލައިޑް ސައިންސް ފުރިހަމަ ކުރި ހަ ދަރިވަރެކެވެ.
އެ ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ.
އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން މީގެ ދެ އަހަރު ކުރިން ސަރުކާރުން ފެއްޓި ބީޓެކް ޕްރޮގްރާމް އެންމެ ފުރަތަމަ ތަންފީޒު ކުރި ސްކޫލަކީ އައްޑޫ ހައި ސްކޫލެވެ.
އައްޑޫ ހައި ސްކޫލަކީ އަރަބި ބަހާއި ޒަމާނީ ތައުލީމް އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް އެ އަތޮޅުގެ ތައުލީމީ ދަރިންތަކެއް 1988 ވަނަ އަހަރު އަލް މަދަރުސަތުލް އިސްލާމިއްޔާގެ ނަމުގައި އަރަބި މީޑިއަމަށް ތަޢުލީމް ދިނުމަށް ހުޅުވި ސްކޫލެކެވެ.
އަދި 2001 ވަނަ އަހަރު އެ ސްކޫލް ސަރުކާރު ސްކޫލަކަށް ބަދަލުކޮށް 2010 ވަނަ އަހަރުގެ ނޮވެމްބަރު 10 އަކުން ފެށިގެން މަތީ ސާނަވީއަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތުގައި އެ ސްކޫލް ސަރުކާރުން ހަމަޖެއްސިއެވެ.