ލީ މިން ހޯ އާއި ސުޒީ ސިއްރުން ކައިވެނި ކުރީތަ؟

ލީ މިން ހޯ އަދި ސުޒީ: ދެ މީހުން ސިއްރުން ކައިވެނިކޮށްފައި ވާކަމަށް ޚަބަރުތައް ބުނޭ --

މިއީ ފަހަރުގައި ގިނަ ދިވެހި އަންހެން ކުދީން އަޑުއަހަން ބޭނުން ޚަބަރަކަށް ނުވެދާނެ އެވެ. ދެކުނު ކޮރެއާގެ މަޝްހޫރު އެކްޓަރު ލީ މިން ހޯ އަކީ ގިނަ ދިވެހި އަންހެން ކުދީންގެ ހިތްތަކުން ޖާގަ ހޯދައިފައިވާ ފަންނާނެކެވެ. ޑްރާމާ ސީރީޒް "ބޯއީޒް އޯވަރ ފްލާވަރޒް" އިން ވިދާލި ބަތަލަކީ މިހާރު ދުނިޔޭގެ މަޝްހޫރުކަން ވެސް ހޯދާފައިވާ ފަންނާނެކެވެ.

މިން ހޯ އާއި އޭނާގެ ލޯބިވެރިޔާ، އަދި ބަތަލާ ސުޒީ ބޭ އަކީ އެކި ސަބަބުތަކާ ހެދި އަބަދުވެސް 'ސްޕޮޓްލައިޓް'ގައި އުޅޭ ދެ މީހުންނެވެ. ދެމީހުން ލޯބީގެ ގޮތުން ގުޅުނު ހިސާބުން ފެށިގެން، އެ ދެ މީހުންގެ އަމިއްލަ ދިރިއުޅުމަށް މީޑިއާއިން އަންނަނީ ވަރަށް ބޮޑަށް ފާރަލަމުންނެވެ.

އެގޮތުން ދެމީހުންގެ ދޭތެރޭގައި ކުޑަ މައްސަލައެއް ޖެހުނު ނަމަވެސް އެކަން މީޑިއާ ތަކުން ރިޕޯޓު ކުރެއެވެ. އެންމެ ފަހުން ދެ މީހުން ވަކިވެފައިވާ ކަމަށް ވެސް ޚަބަރުތައް ވަނީ ބުނެފައެވެ. ނަމަވެސް މިން ހޯ ވަނީ އެކަން ދޮގުކޮށްފައެވެ.

އަނެއްކާ ވެސް މިއޮތީ ދެމީހުންގެ ދިރިއުޅުގެ ވާހަކަ އެކެވެ. މިފަހަރު ދެމީހުން ސިއްރުން ކައިވެނި ކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތަކެވެ. މިން ހޯ އާއި ސުޒީ ކައިވެނިކޮށްފައިވާ ކަމަށް ޚަބަރުތައް ބުނަން ފަށާފައި ވަނީ ސުޒީގެ އަތުގައި ކައިވެނީގެ އަނގޮޓިއެއް އޮއްވައި ފެނިގެންނެވެ.

ޚަބަރުތައް ބުނާ ގޮތުން، ސުޒީ ޝޫޓިންގ ތަކަށް ދަނީ ވެސް އަނގޮޓި އަޅައިގެންނެވެ.

ދެމީހުންގެ ކައިވެނީގެ ވާހަކަތަކެއް ފެންމަތިވެފައި ވާއިރު، މިން ހޯ ވަނީ ސުޒީ އާއެކު ދިރިއުޅުމެއް ފަށަން ބޭނުންވާ ކަމަށް ކުރިން ބުނެފައެވެ. އެގޮތުން ދެ އަހަރު ދުވަހަށް އަސްކަރީ ތަމްރީނަށް ފުރުމުގެ ކުރިން ސުޒީ އާ ކައިވެނި ކުރަން ބޭނުން ކަމަށް މިން ހޯ ވަނީ ބުނެފައެވެ.

ދެމީހުންގެ އަމިއްލަ ދިރިއުޅުމަށް މީޑިއާ ތަކުން އަބަދު ވެސް ކަޅި އަޅައިގެން ތިބޭ އިރު، ދެމީހުން ސިއްރުން ކައިވެނި ކުރުން އެކަށީގެންވާ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ނަމަވެސް ސުޒީގެ އަތުގައިވާ ކައިވެނީގެ އަނގޮޓީގެ ސިއްރަކީ ކެމްޕޭނެއް ކަމަށް ވުން ވެސް އެކަށީގެންވެއެވެ. ސަބަބަކީ އޭނާ އަކީ ކޮރެއާގެ ގަހަނާ ބްރޭންޑެއްގެ އެމްބެސެޑަރު ކަމުގައި ވާތީ އެވެ. އަދި އެ ބްރޭންޑުން މިހާރު ކުރިއަށް ގެންދާ ކެމްޕެއިންގެ ތީމަކީ 'ކައިވެނި' ކަމުގައި ވުމެވެ.

comment ކޮމެންޓް