ޕީޕީއެމް ރައީސްގެ އޮފީސް، ހ. ތެމާއަށް ފުލުހުން ވަދެ ބަލައި ފާސް ކުރުމުގައި ފުލުހުން އަމަލުކުރި ގޮތް މުޅިން ރަނގަޅު ނޫން ކަމަށް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް ރައީސްގެ އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔުމްނާ ވިދާޅުވީ، މިދިޔަ މަހުގެ 27 އަދި 28 ވަނަ ދުވަހު ފުލުހުން އަމަލު ކުރީ މުޅިން ރަނގަޅަށް ނޫން ކަމަށާއި، ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާ ސުވާލުކުރުމުގެ ބަދަލުގައި ސުވާލު ކުރަނީ އޮފީހުގެ އާދައިގެ މުވައްޒަފުންނާ ކަމަށެވެ.
އަދި އޭގެ އިތުރުން ސިވިލް ކޯޓުން ކުރި ހުކުމުގައި، އޮފީހުގަ ހުރި މުދާތައް ހަވާލުކުރުމަށް ނެތް ކަމަށާއި، އެ ހުކުމުގައި އޮތީ މުސްތަޝާރުގެ މައްޗަށް 24 ގަޑިއިރު ތެރޭގައި ޕާޓީ ކައުންސިލް ބައްދަލުވުމެއް ބާއްވާ ޕާޓީ ހިންގާނެ ފަރާތެއް ކަނޑައަޅަން އަމުރުކޮށްފައި ކަމަށެވެ.
"ހަގީގަތުގަ ކަންތައްތައް ރަނގަޅަށް ދާ ކަމުގަ ވަންޏާ ވާން ޖެހޭނެ ގޮތަކީ ފުލުހުންނަށް ކޯޓު އަމުރެއް އައީމަ ފުލުހުން އައިސް އަޅުގަނޑުމެން ކައިރީ ބުނަން ޖެހޭނީ، އެތާ ހުރި ތަކެތި ހަވާލު ކުރާށޭ. އޭރުން ދެފަރާތުގެ ހާޒިރުގަ އިންވެންޓްރީ ލިސްޓެއް އޮވެގެން ހަވާލު ކުރަންޖެހޭ ގޮތަކަށް އެއްފަރާތުން އަނެއް ފަރާތަށް އެތާ ހުރީ ކޮން އެއްޗެއްސެއްކަން ރަނގަޅަށް ބަލައި އެތަކެތި ހަވާލު ކުރަން ޖެހޭނީ. އެކަމަކު އެހެންނެއް ނޫން ހަގީގަތުގަ ކަން ހިނގައި ދިޔައީކީ،" ޔުމްނާ ވިދާޅުވި އެވެ.
ޔުމްނާ ވިދާޅުވީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ޕީޕީއެމްގެ އޮފީހަށް ބަޔަކު ވަންނަން އުޅޭ ހަބަރު ލިބިގެން އެތަނަށް ގޮސް އެތާ ތިބި ފުލުހުންނާ ވާހަކަ ދައްކާފައިވާނެ ކަމަށާއި، ނަމަވެސް އެ ބޭފުޅުން އެކި ފަހަރު ވިދާޅުވަނީ އެކި ވާހަކަ ކަމަށެވެ.
"އަޅުގަނޑުމެން ސުވާލު ކުރިން މިތަން މިހުރީ ފުލުހުންގެ ބެލުމުގެ ދަށުގަތޯ. އެބޭފުޅުން އެކި ފަހަރު އެކި ގޮތަށް ވިދާޅުވަނީ. އެއްފަހަރު ވިދާޅުވީ މިތަނަށް ގެއްލުމެއް ލިބިދާނެތީއޭ ތިމަންނަމެން މިތާ މިތިބީ. އިމާރާތަށް ގެއްލުމެއް ވެދާނެތީ ކޮންމެވެސް ފަރާތަކުން އެކަހަލަ މައުލޫމާތެއް ލިބިގެން، އެހެން ވެގެންނޭ މިތާ މިތިބީ. ދެން ސުވާލު ކުރީމަ ޔަގީން ކަމާއެކު ވިދާޅެއް ނުވޭ މިތަން ހުރީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެކޭ،" އޭނާ ވިދާޅުވި އެވެ.
ޔުމްނާގެ ވާހަކަފުޅުގައި ފުލުހުންގެ މުޅި މުއައްސަސާ ކުށްވެރި ނުކުރާ ކަމަށް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މައުމޫނު ފެކްޝަނުގެ ނައިބު ރައީސް އާމިނަތު ނާދިރާ ވަނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް ޕާޓީގެ މެމްބަރުން ހުށަހަޅާފައިވާ ފޯމްތައް ގެންގޮސްފައިވާތީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
ނާދިރާ ވިދާޅުވީ، ޕާޓީގެ ޓިކެޓުގައި ބައެއް ދާއިރާ ތަކުގެ ބޭފުޅުން މިހާރު ވާދަ ކުރައްވަން ބޭނުންފުޅު ނުވާ ކަމަށެވެ. ނަމަވެސް ޕާޓީ ޓިކެޓުގައި ވާދަ ކުރައްވަން ބޭނުންފުޅުވާ ބޭފުޅުން އެޕާޓީގެ ޓިކެޓުގައި ވާދަކުރެއްވުމަށް ނާދިރާ އެދިލައްވާފައިވެ އެވެ.