ޖެކަލީން ބުނަނީ ދިވެހި ކެއުން މާ ކުޅި ކަމަށް!

ޖެކަލީން ފެނާންޑޭޒްއާއި އޭނާގެ މަންމަ --

މިއަހަރު އޯގަސްޓް މަހު ރާއްޖެ އައި ސްރީލަންކާގެ މަޝްހޫރު ތަރި ޖެކަލީން ފެނާންޑޭޒް އޭނާގެ މަންމައާ އެކު ވަނީ ވަރަށް ފުރިހަމަ ޗުއްޓީއެއް ހޭދަކޮށްފައެވެ. ދެމައިން އެކުގައި ގިނަ ކަންތައްތަކެއް ކޮށް، އެންޖޯއި ކުރިއެވެ.

ޖެކަލީން އޭނާގެ މަންމައާ އެކު ވަނީ، ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގައި ފޮޓޯ ނަގައި، އެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޝެއާ ކޮށްފައެވެ. ޖެކަލީންއާއި އޭނާގެ މަންމަ ވަނީ ކަނޑުމަތީގައި ވަރަށް ވަގުތު ހޭދަކޮށްފައެވެ.

ދެމައިން ތިބި ރިސޯޓުގެ ސްޕާގެ ޚިދުމަތުން އުފާ ހޯދިއެވެ. ފެހުރިހި ދެކިލުމަށް ދިޔަ ދަތުރުގައި، ޖެކަލީން ވަނީ ފެހުރިއްސަކާ އެކު ފީނަން ވެސް ފީނާފައެވެ.

އެހެން ނަމަވެސް ޖެކަލީން ބުނެފައިވާ ގޮތުން އޭނާއަށް އެންމެ ބޮޑަށް ކަމުދިޔަ އެކައްޗަކީ، ރާއްޖޭގައި ހުރި ކާނާއެވެ. ސްރީލަންކާއާ ރާއްޖެއާ ދެމެދު އެއްގޮތް އެތައް ކަމެއްގެ ތެރޭގައި ކާނާ ހިމެނެއެވެ. ދެގައުމަކީ ވެސް ކާތަކެތި ކުޅިކަން ގަދަކޮށް ކެއުމަށް ލޯބިކުރާ ރައްޔިތަކު އުޅޭ ދެގައުމެވެ.

ޖެކަލީން ބުނި ގޮތުގައި، އޭނާ ކުރިން ދެކެމުން އައީ، އެންމެ ކުޅިކޮށް ކަނީ ސްރީލަންކާ ރައްޔިތުން ކަމަށެވެ. އެހެން ނަމަވެސް ރާއްޖެއިން ވަނީ އެކަމުގައި ސްރީލަންކާ ފަހަތަށް ޖައްސާފައި ކަމަށް އޭނާ ބުންޏެވެ.

"ދިވެހީން ވަރަށް ކާ އެއްޗެއް ފެހި ކުލައިގެ މިރުހަކީ. އަހަރެންގެ ހަނދާނުން ދުވަހަކުވެސް ފިލައިގެން ނުދާނެ، އަހަރެމެން ތިބި ރިސޯޓުގައި އަހަރެމެންނަށް ކާންދިން ކުޅި ސޭންޑްވިޗުތައް. އޭގެ އެތިކޮޅެއް ކާލާ އިރަށް އަހަރެންގެ އެތެރެހަށީގައި އަލިފާން ރޯވާހެން ހީވަނީ. އެކަމަކުވެސް ވަރަށް މީރު،" މުމްބާއީ މިރަރއަށް ދިން އިންޓަވިއުއެއްގައި ޖެކަލީން ބުންޏެވެ.

ޖެކަލީން ބުނީ ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމަކީ ކުރަންޖެހޭ ކަމެއް ކަމަށާއި، ރާއްޖޭގެ ކާނާއަކީ އޭނާއަށް ވަރަށް ކަމުދިޔަ ތަކެތި ކަމަށެވެ.

"ހުރީ ހުސް ހެލްތީ އެއްޗެހި އަޅާފައި. އެހެންވެ ކެލޮރީތަކެއް އިތުރުވާނެ ކަމުގެ ބިރެއް ނެތް. އަދި ރާއްޖޭގައި ބޭނުންކުރާ އިންގްރީޑިއެންޓްތަކަކީ އަހަރެން ކުޑައިރުއްސުރެ ކައި އުޅުނު ތަކެތި،" ޖެކަލީން ބުންޏެވެ.

comment ކޮމެންޓް