މެމްބަރު އަލީ އާޒިމް ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގައިފި

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް --- ސަން ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގައިފިއެވެ.

ފުލުހުން މިއަދު އޭނާ އަށް އަންގާފައި ވަނީ މާދަމާ 12:00 ގައި ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށެވެ.

ފުލުހުން އާޒިމަށް ފޮނުވި ޗިޓްގައި ވަނީ އޭނާ ހާޒިރުކުރަނީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ސިފައިންގެ ގާނޫނީ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ސިފައިންނާ މެދު މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ.

އާޒިމް މާދަމާ ހާޒިރުކުރަނީ އެ މައްސަލައިގެ ތަހުގީގަށް އޭނާގެ ބަޔާނެއް ނެގުމަށެވެ.

އާޒިމް ވިދާޅުވީ އޭނާއާ ގުޅޭގޮތުން މައްސަލައެއް ތަހުގީގު ކުރަނީ ހުކުމް އިއްވުމަށްފަހު ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ކަމަށެވެ.

މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ހިނގި ކަންތައްތައް ތަހުގީގުކޮށްދިނުމަށް ފުލުހުންގެ އިދާރާ އަށް ހުށަހެޅީ ޑިފެންސް މިނިސްޓްރީންނެވެ.

އާޒިމް މާދަމާ ފުލުހުންގެ އިދާރާ އަށް ހާޒިރުކުރާއިރު، ފުލުހުންގެ ސަފު ފަޅާލި ކަމަށް ތުހުމަތުކޮށް 12 މަޖިލިސް މެމްބަރެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.

comment ކޮމެންޓް