މޮޅު ކުޅުންތެރިޔާގެ އެވޯޑު ޑޮމިނޭޓް ކުރަނީ އިނގިރޭސި އަދި ސްޕެއިން ލީގުގެ ކުޅުންތެރިން

ފީފާއިން ހޮވާ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ 23 ކުޅުންތެރިން ---

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ(ފީފާ) އިން ދޭ އަހަރުގެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ 23 ކުޅުންތެރިންގެ ނަން އިއުލާންކޮށްފައިވާއިރު އޭގެ ތެރެއިން 20 ކުޅުންތެރިން ނިސްބަތް ވަނީ ސްޕެއިން ލީގަށާއި އިނގިރޭސި ލީގަށެވެ.

ފީފާއިން މިއަދު އާންމުކުރި ލިސްޓްގައި ހިމެނޭ އިނގިރޭސި ލީގަށް ނިސްބަތްވާ ދިހަ ކުޅުންތެރިންނަކީ މެންޗަސްޓާ ސިޓީގެ ސާޖިއޯ އަގުއެރޯ އާއި ކެވިން ޑެބްރޫނޭ އާއި މެންޗަސްޓާ ޔުނައިޓެޑްގެ ޕައުލް ޕޮގްބާ އާއި ޒަލްޓަން އިބްރަހިމޮވިޗު އާއި އާސެނަލްގެ އެލެކްސީ ސަންޗޭޒް އާއި މުސެޓް އޮޒިލް އާއި ލެސްޓާ ސިޓީގެ ޖެމީ ވާޑީ އާއި ރިޔާޒު މަޚްރޭޒް އާއި ޗެލްސީގެ އެންގޮލޯ ކެންޓޭގެ އިތުރުން ވެސްޓް ހޭމްގެ ޑިމިންޓްރީ ޕަޔެޓްއެވެ.

އެލިސްޓްގައި ހިމެނޭ ސްޕެއިން ލީގަށް ނިސްބަތްވާ ކުޅުންތެރިންނަކީ ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ގެރެތް ބޭލް އާއި ޓޮނީ ކްރޫސް އާއި ސާޖިއާ ރާމޯސް އާއި ލުކާ މޮޑްރިޗު އާއި ބާސެލޯނާގެ ލޮއޮނަލް މެސީ އާއި އަންދުރޭ އިނިއެސްޓާ އާއި ލުއިސް ސުއަރޭޒް އާއި ނޭމާގެ އިތުރުން އެތުލެޓިކޯ މެޑްރިޑްގެ އެންޓޮނީ ގްރިޒްމަންއެވެ.

ސްޕެއިންނާއި އިނގިރޭސި ލީގްގައި ކުޅޭ 20 ކުޅުންތެރިންގެ އިތުރުން ދެން ހިމެނެނީ އިޓަލީ ލީގަށް ނިސްބަތްވާ ތިން ކުޅުންތެރިންނެވެ. އެއީ ބަޔާން މިއުނިކްގެ ރޮބަޓް ލެވޮންޑޯސްކީ އާއި މެނުއަލް ނޯޔާގެ އިތުރުން ޔުއެންޓަސްގެ ބުފޮންއެވެ.

ފީފާއިން ހޮވާ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު އިއުލާނު ކުރާނީ އަންނަ އަހަރުގެ ޖެނުއަރީ ނުވަ ވަނަ ދުވަހުއެވެ. އޭގެ ކުރިން ޑިސެމްބަރު ދެވަނަ ދުވަހު 23 ކުޅުންތެރިންގެ ލިސްޓް ތިން ކުޅުންތެރިންނަށް ކުޑަ ކުރާނެއެވެ.

ފީފާއިން ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ހޮވަނީ ގައުމު ތަކުގެ ފުޓްބޯޅަ ޓީމުތަކުގެ ކެޕްޓަނުންނާއި ކޯޗުންގެ 50 ޕަސެންޓް ވޯޓުންނާއި ދުނިޔޭގެ ކުޅިވަރު ނޫސްވެރިންގެ 50 ޕަސެންޓް ވޯޓުންނެވެ.

comment ކޮމެންޓް