ތާވަލުގެ ފުލުގައި އޮތް ވުލްވްސް ބަލިކޮށް ޔުނައިޓެޑު ހަވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ތާވަލުގެ ފުލުގައި އޮތް ވުލްވްސް ބަލިކޮށް މެންޗެސްޓަރ ޔުނައިޓެޑުން ތާވަލުގެ ހަވަނައަށް ޖެހިލައިފިއެވެ.

ރަށުން ބޭރުގައި ޔުނައިޓެޑު ކުޅުނު މި މެޗު ކާމިޔާބުކޮށްފައިވަނީ 4-1 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު އެ ޓީމު އޮތީ ކުޅުނު 15 މެޗުން ލިބުނު 25 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައެވެ.

މެޗުން ބަލިވި ވުލްވްސްއަށް އަދިވެސް އޮތީ ތާވަލުގެ ފުލުގައެވެ. އެއީ ލިބުނު ދެ ޕޮއިންޓާއެކު އެވެ. އެންމެ ފަހުން އެ ޓީމު ކުުޅުނު 8 މެޗުންވެސް ވަނީ ބަލިވެފައެވެ.

މެޗު ފެށުމުގެ ކުރިން ވޮލްވްސްގެ ސަޕޯޓަރުން ވަނީ އެ ޓީމުގެ ޗައިނާގެ ބިލިއަނަރު މަގާމުން އިސްތިއުފާދިނުމަށް ގޮވާލާ މުޒާހަރާކޮށްފަ އެވެ.

ޔުނައިޓެޑުން މި މެޗުގައި ލީޑުނެގީ 25 ވަނަ މިނިޓުގައެވެ. މި ލަނޑު ޖެހީ ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ކުޅުމުގައި ވޮލްވްސްގެ ބެލެގާޑް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މެންޗެސްޓަރ ޔުނައިޓެޑް އިން މި މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަވަނަ މިނިޓުގައެވެ. މިއީ ބްރަޔަން އެމްބުއޭމޯ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ޔުނައިޓެޑުގެ ތިންވަނަ ލަނޑަކީ މެޗުގެ 62 ވަނަ މިނިޓުގައި މިޑްފީލްޑަރ މޭސަން މައުންޓް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. އަދި ހަތަރުވަނަ ލަނޑަކީ ބްރޫނޯ ފެނާންޑޭޒް ކާމިޔާބުކުރި ލަނޑެކެވެ. އޭނާ މި ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނިޓަށް ވެފައިވަނިކޮށެވެ.

comment ކޮމެންޓް