ދިވެހި ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކާ ގުޅޭ ގޮތުން ގަތަރުގެ މަޝްހޫރު ޓީވީ ޗެނަލް، އަލް ޖަޒީރާ އިން ތައްޔާރުކުރި ތަހުގީގީ ރިޕޯޓް، "ސްޓީލިން ޕެރަޑައިސް" އިނގިރޭސިވިލާތުގެ މަޝްހޫރު އެވޯޑަކަށް ޝޯޓްލިސްޓް ވެއްޖެ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު ނެރުނު އެ ޑޮކިއުމެންޓަރީ ޝޯޓް ލިސްޓްވެފައި ވަނީ ލަންޑަންގެ ފޮރިން ޕްރެސް އެސޯސިއޭޝަން (އެފްޕީއޭ) އިން ދެމުން އަންނަ، މިއަހަރުގެ "އެފްޕީއޭ މީޑިއާ އެވޯޑްސް" އަށެވެ.
ދުނިޔޭގެ މަޝްހޫރު ޓީވީ ޗެނަލްތަކުން ވާދަކުރާ އެ އެވޯޑަށް "ސްޓީލިން ޕެރަޑައިސް" ޝޯޓްލިސްޓް ވެފައި ވަނީ ޓީވީ ޑޮކިއުމަންޓަރީ/ ފީޗާ ސްޓޯރީ އޮފް ދަ އިޔާގެ ކެޓަގަރީންނެވެ.
އެ ޑޮކިއުމަންޓަރީ ޝޯޓް ލިސްޓް ވެފައިވަނީ ސީރިއާގެ ހަނގުރާމައިގެ ސަބަބުން ދިރިއުޅުން ހީނަރުވެފައިވާ އާއިލާއެއްގެ މައްޗަށް "ޗިލްޑްރަން އޮން ދަ ފްރަންޓް ލައިން: ދި އެސްކޭޕް" ގެ ނަމުގައި ޝެނަލް 4 އިން ހެދި ޑޮކިއުމަންޓްރީ އަކާއި ރެޑް ވެލްވެޓް ފިލްމް އިން ހެދި "ބޮލްޝޮއި ބޭބީލޮން" އާއެކު އެވެ.
އެވޯޑަށް ޝޯޓްލިސްޓް ވުމުން "ސްޓީލިން ޕެރަޑައިސް" އުފެއްދުމުގައި އިސްވެ ހުރެ އަލްޖަޒީރާގެ އިންވެސްޓިގޭޝަން ޕްރޮޑިއުސަރު ވިލް ޖޯޑަން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެއީ އޭނާއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މިމަހުގެ 29 ވަނަ ދުވަހު ލަންޑަންގެ ޕާލް ލޭން ހޮޓަލުގައި ބާއްވާ އެފްޕީއޭ މީޑިއާ އެވޯޑްސް އަށް 13 ކެޓަގަރީއަކުން އެވޯޑް ދޭން ވަނީ ނިންމާފަ އެވެ.
އަލްޖަޒީރާގެ ޑޮކިއުމެންޓްރީގައި އަދީބާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ތުހުމަތުތަކެއް ވަނީ ކޮށްފައެވެ. އަދި އަދީބު ވިދާޅުވެގެން ރައީސް ޔާމީންގެ އަތްޕުޅަށް ގިނަ އަދަދެއްގެ ޑޮލަރު ދީފައިވާނެ ކަމަށް އަދީބުގެ ޑްރައިވަރަކަށް އުޅުނު ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ މުހައްމަދު ހުސައިން (އޮއިއްޓޭ) ވަނީ އެ ޑޮކިއުމެންޓީގައި ބުނެފަ އެވެ.
ނަމަވެސް ރައީސް ޔާމީންގެ މައްޗަށް އެ ޑޮކިއުމެންޓްރީގައި ކޮށްފައި ވަނީ ދޮގު ތުހުމަތުތަކެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ ވަނީ ވިދާޅުވެފަ އެވެ.