ތިމާވެށި ރައްކާތެރިކުރުމަށް މީހުން ހޭލުންތެރިކުރުވުމުގެ ގޮތުން، ރާއްޖޭން އުކާލާ ޕްލާސްޓިކް ބޭނުންކޮށްގެން ހަދާފައިވާ ޖާޒީއެއް ޖަރުމަނުގެ ބަޔާން މިއުނިކް އަދި ސްޕެއިންގެ ރެއާލް މެޑްރިޑުން ބޭނުންކުރަން ނިންމައިފި އެވެ.
މަޝްހޫރު ބޫޓު ކުންފުނި "އެޑިޑާސް" އިން ކިޓް ސްޕޮންސާ ކޮށްފައިވާ ބަޔާން އަދި ރެއާލް އިން މިމަހުގެ ތެރޭގައި ކުޅޭ މެޗްތަކަށް ބޭނުންކުރާ އެ ޖާޒީއަކީ އެޑިޑާސް އާއި ދުނިޔޭގެ ކަނޑުތައް ހިމާޔަތްކުރުމަށްޓަކައި މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ "ޕާލޭ ފޮ ދަ އޯޝަން" އާ ގުޅިގެން ފުޓްބޯޅައަށް ހާއްސަކޮށްގެން އުފެއްދި ފުރަތަމަ ޕްރޮޑަކްޓެވެ.
ރާއްޖޭން އުކާލާ ޕްލާސްޓިކް ބޭނުންކޮށްގެން ހަދާފައިވާ ރެއާލް މެޑްރިޑްގެ ރަސްމީ ހުދު ޖާޒީ ގައި އެ ކުލަބު ފެނިގެންދާނީ ލަ ލީގާގައި މިމަހުގެ 26 ވަނަ ދުވަހު ސްޕޯޓިން ގިޖޮންއާ ދެކޮޅަށް ކުޅޭ މެޗުގައެވެ.
ތިމާވެއްޓާ ރަހުމަތްތެރިގޮތަކަށް ފަރުމާކޮށްފައިވާ ހާއްސަ ޖާޒީ، ބަޔާން މިއުނިކުން ލާނީ ބުންޑެސް ލީގާގައި މާދަމާ ހޮފެންހެމާއި ދެކޮޅަށް ކުޅޭ މެޗުގައެވެ. އެ މެޗުގައި ބަޔާން މިއުނިކް ފެނިގެންދާނީ ހުސް ރަތް ކުލައިގެ ޖާޒީގައެވެ.
އެ ދެ ކިޓަކީ ވެސް ކަނޑުތަކަށް އުކާލާ ޕްލާސްޓިކް ބޭނުންކޮށްގެން ހެދި ފުރަތަމަ ކިޓެވެ. ރެއާލް މެޑްރިޑާއި ބަޔާން މިއުނިކް ބޭނުންކުރާ ކިޓްގައި ކުލަބުގެ ލޯގޯ ފެންނަންހުރި ނަމަވެސް، ޖާޒީގައި އެއްވެސް ސްޕޮންސަރެއްގެ ލޯގޯ ނުހިމަނަން ކުލަބާއި ސްޕޮންސަރުން ވަނީ އެއްބަސްވެފައެވެ.
"ކަނޑުތަކަށް އުކާލާ ކުނިބުނިން އުފައްދާފައިވާ ކިޓެއް ލުމަކީ އަހަރެން ވަރަށް އުފާވާ ކަމެއް އަދި އެއީ އަހަރެމެންގެ ކަނޑުތައް ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި މީހުން ހޭލުންތެރިކުރުވުމަށް ވަރަށް ރަނގަޅު ފުރުސަތެއް. އަހަންނަށް އިނގޭ މިއީ ވަރަށް މުހިއްމު ކަމެއްގެ ފެށުމެއް ކަން،" ތިމާވެއްޓާ ރަހުމަތްތެރި ޖާޒީ ދައްކާލުމަށް ބޭއްވި ހަފްލާގައި ބަޔާން މިއުނިކްގެ މިޑްފިލްޑަރު، ޒަބީ އެލެންސޯ ބުންޏެވެ.
ހަފްލާގައި ރެއާލް މެޑްރިޑްގެ ޑިފެންޑަރު މާސެލޯ ބުނީ، ބްރެޒިލްގައި އުޅެ ބޮޑުވިއިރު ކަނޑަކީ އޭނާގެ ހިތާ ވަރަށް ގުޅިފައިވާ ތަނެއް ކަމަށެވެ. އަދި ކުޑައިރު ބީޗް ކައިރީގައި ކުޅެ އުޅުނު ހަނދާންތައް އެބަހުރި ކަމަށް އޭނާ ބުންޏެވެ.
"މި ޕްރޮޖެކްޓުގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި އަހަރެން ލޯބިވާ ކުލަބަކުން ކަނޑުތައް ސާފުކޮށް ބޭއްވުމަށް އެހީތެރިވެދޭ ކަމަކީ ފާހަގަކޮށްލަންޖެހޭ ކަމެއް،" މާސެލޯ ބުންޏެވެ.
ޖަރުމަނުގެ ސްޕޯޓްސްވެއާ ކުންފުނި، އެޑިޑާސް އިން ވަނީ ޕާލޭ އާ ގުޅިގެން ރާއްޖޭން އުކާލާ ޕްލާސްޓިކް ބޭނުންކޮށްގެން ބޫޓެއް ވެސް އުފައްދާފައެވެ. އަދި އެ ބޫޓުގެ އެއް މިލިއަން ބޫޓު އަންނަ އަހަރު ނިމުމުގެކުރިން ވިއްކަން ނިންމާފައިވާ ކަން ވެސް ވަނީ އިއުލާންކޮށްފައެވެ.
އެޑިޑާސްއިން ތައްޔާރުކޮށްފައިވާ ބޫޓަކީ 'ޑީޕް ސީ ގިލް ނެޓުތަކެއް' ކަނޑުން ނަގައިގެން ތައްޔާރުކުރާ ބޫޓެކެވެ. ގިލް ނެޓު ބޭނުން ކޮށްގެން މަސްވެރިކަން ކުރުމަކީ ގާނޫނާ ހިލާފު އަމަލަކަށް ވާއިރު އެ ގޮތަށް މަސްވެރިކަން ކޮށްގެން ގިނަ ދާތަކެއް ވަނީ ކަނޑަށް އެޅިފައެވެ.
އެޑިޑާސް އިން ބުނާ ގޮތުގައި އެ ނެޓު ބޭނުން ކޮށްގެން ތައްޔާރުކުރާ ބޫޓުތަކުގެ އަރިމަތީގައާއި މަތީގައި ބޭނުން ކޮށްފައި ހުންނާނީ ގިލް ނެޓެވެ. އަދި ބޫޓުގެ ފޫ ތައްޔާރުކޮށްފައިވަނީ ސަސްޓެއިނެބަލް ކުޝަނިން މެޓީރިއަލް އިންނެވެ.