ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ހުނަރުވެރި ޒުވާން ފޯވަޑް ފިލިޕޭ އެންޑްރިކް އެ ކުލަބު ދޫކޮށްލަން ބޭނުންވާކަމުގެ އިޝާރާތެއް ދީފިއެވެ.
އުމުރުން 20 އަހަރުގެ އެންޑްރިކް، މިފަދަ މޭރުމަކުން ވާހަކަ ދެއްކީ ބްރެޒިލް މި މަހު ކުޅޭ އެކުވެރިކަމުގެ މެޗުތަކަށް ޓީމަށް ނެގުމާއެކުއެވެ. ރެއާލް މެޑްރިޑްގައި އެންޑްރިކަށް ކުޅެން ފުރުސަތު ލިބެނީ ވަރަށް މަދު ފަހަރަކުއެވެ.
ރެއާލް މެޑްރިޑުގައި އޭނާއަށް ކިރިޔާވެސް ފުރުސަތެއް ދީފައިވަނީ ބްރެޒިލްގެ ގައުމީ ކޯޗުކަމުގައި މިހާރު ހުރި ކޯޗު، ކާލޯ އަންޗެލޯޓީއެވެ. ނަމަވެސް ޓީމުގެ ވާދަވެރިކަން ބޮޑުކަމުން ހުސްވި ސީޒަނުގައި އެންޑްރިކް ކުޅުނީ ލޯނެއްގައި، ފްރާންސްގެ ލިއޯނަށެވެ. އެއީ ވޯލްޑްކަޕަށްދިޔަ ބްރެޒިލްގެ ގައުމީ ޓީމުން ފުރުސަތު ބޭނުންވާނަމަ ކުޅެވޭނެ ފުރުސަތު ހޯދުމަށް އަންޗެލޯޓީ ލަފާ ދިނުމުން ގެނައި ބަދަލެކެވެ. މި މުއްދަތުގައި އޭނާ ވަނީ ރަނގަޅު ކުޅުމެއް ދައްކައި، ގިނަ ލަނޑުތަކެއް ވެސް ޖަހައިފައެވެ.
ރެއާލްގައި ކުޅެން ފުރުސަތު ނުލިބުނު ނަމަވެސް ބްރެޒިލްގެ ގައުމީ ޓީމަށް ނެގުމުން ރެއާލްގެ ކޯޗު ހޯސޭ މޮރީނިއޯ، އަންޗެލޮޓީއަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ބްރެޒިލްގެ ގައުމީ ޓީމު ކުޅޭ މެޗުތަކުގައި އެންޑްރިކަށް ކުޅެން ފުރުސަތު ލިބޭނެ ކަމަށް ކަމަށާއި އެކަން އަންޗެލޯޓީ ކޮށްދީފިނަމަ ވަރަށް އުފާވާނެ ކަމަށެވެ.
ރެއާލް މެޑްރިޑަށް މި ސީޒަނުގައި ކުޅެން ލިބިފައިވާ މަދު ފުރުސަތުތަކުގައިވެސް އެންޑްރިކް ވަނީ ފާހަގަކޮށްލެވޭވަރުގެ މޮޅު ކުޅުމެއް ކުޅެފައެވެ. އެގޮތުން ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާއާ ދެކޮޅަށް ކުޅުނު މެޗުގައި 59 ވަނަ މިނެޓުގައި ވިނީޝިއުސް ޖޫނިއާގެ ބަދަލަށް އެންޑްރިކް ކުޅެން އެރުވުމުން އޭނާގެ ލަނޑެއްގެ އިތުރުން އެސިސްޓެއްވެސް މެޗުގައި ފެނުނެވެ.