މި އަހަރަކީ ބެލުންތެރިންނާ ހަމައަށް ގިނަ ފިލްމުތަކެއް އަންނަމުންދާ އަހަރެކެވެ. އޮލިމްޕަހަށް ބަލާލި ނަމަވެސް ފެންނަމުންދަނީ ތިޔާގި ކޮށެވެ. މިހާރު އޮލިމްޕަސް ތައްޔާރު ވަމުންދަނީ އާ ފިލުމެއް އެޅުވުމަށެވެ.
މީގެ ފަސް އަހަރު ކުރިން މަސައްކަތް ފެށި ފިލްމު، "ވީ ބޭވަފާ" މިހާރު މިއޮތީ ބޮޑު ސްކްރީނުގައި ޕްރިމިއާ ކުރުމަށް މަހަކާ ގާތްވެފަ އެވެ. ފިލްމުގެ ޑައިރެކްޓަރުން ބުނާ ގޮތުގައި މި ފިލްމަކީ އެތައް ގޮތަކުން ހާއްސަ ފިލްމެކެވެ.
ފިލްމު ހާއްސަވާ ފުރަތަމަ ކަމަކީ ފިލްމުގެ ކާސްޓުންނެވެ. މަޝްހޫރު އަދި ތަޖުރިބާކާރު އެތައް ތަރިންނެއް ފެނިގެންދާ މި ފިލްމުގައި ލީޑް ރޯލުން ފެނިގެންދާނީ ދިވެހި ފިލްމީ ދާއިރާގައި އެންމެ ގިނަ ބައެއްގެ ލޯބި ލިބިފައިވާ އަދި ވެސް ފަޑުކަމެއް އައިސްފައިނުވާ ފިލްމީ ޖޯޑު، ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ނިއުމާ މުހައްމަދުވެ.
މިއީ ރާއްޖޭގެ މަޝްހޫރު ޕްރޮޑިއުސަރު، ޑައިރެކްޓަރު ފާތިމަތު ނަހުލާ 2008 ވަނަ އަހަރު ނެރުނު ލޯބީގެ އަސަރުގަދަ ފިލްމު، "ޔޫސުފް" އަށް ފަހު ނިއުމާ އަދި ޔޫއްޕެ އެކުގައި ބޮޑު ސްކްރީނުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ.
އަދި މިއީ 2014 ވަނަ އަހަރުގެ "އާދޭސް" އަށް ފަހު ބޮޑު ރޯލަކުން ނިއުމާ ފެނިގެންދާ ފުރަތަމަ ފިލްމަށްވާއިރު، ޔޫއްޕެ އާއި ނިއުމާގެ ފޭނުންނަށް މިއީ ހާއްސަ ފިލްމަކަށްވާނެ އެވެ.
ފިލްމުގެ ލީޑް ރޯލުން ދެން ފެނިގެންދާ އަނެއް ތަރި އަކީ އަބްދުﷲ މުއާޒު (މުއާ) އެވެ. އޭނާ އަށް ވެސް މިއީ ހާއްސަ ފިލްމެކެވެ. މިއީ 2013 ވަނަ އަހަރު ނެރުނު، އަދި ގިނަ އެވޯޑް ތަކެއް ހޯދާފައިވާ "އިނގިލި" އަށް ފަހު މުއާ ބޮޑު ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމެވެ.
ފިލްމުގައި ފެނިގެންދާނެ އިތުރު ތަރިންގެ ތެރޭގައި ޔޫއްޕެގެ ކުރީގެ އަންހެނުން ފާތިމަތު ފަރީލާ (ފަރީ) އާއި ޒީނަތު އައްބާސް ހިމެނެ އެވެ.
ސަން ޝައިން ޕްރޮޑަކްޝަން އާއި ކިޑްސް ޕްރޮޑަކްޝަން ގުޅިގެން އުފައްދާފައިވާ "ވީ ބޭވަފާ"ގެ ކެމެރާ ފަހަތުން ވެސް މަސައްކަތް ކޮށްފައި ވަނީ ތަޖުރިބާކާރު ޓީމެކެވެ. އެގޮތުން ފިލްމުގެ ޑައިރެކްޓަރަކީ މަޝްހޫރު ކެމެރާމަން އިބްރާހިމް ވިސާން (ކަނޑި) އެވެ.
މިއީ ދިވެހި ފިލްމީ އިންޑަސްޓްރީގައި 25 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ކަނޑިގެ ފުރަތަމަ ޑައިރެކްޝަނެވެ.
ލޯބީގެ ހާދިސާތަކެއްގެ މައްޗަށް އަހުމަދު ޒަރީރު ލިޔެފައިވާ ވާހަކަ އެއްގެ މައްޗަށް އުފައްދާފައިވާ "ވީ ބޭވަފާ"ގެ ފްރޮޑިއުސަރުންނަކީ ކަނޑިގެ ކޮއްކޮ އަދި ޑައިރެކްޓަރު، ކެމެރާމަން ހުސެއިން މުނައްވަރު (ކުޑަ ފޫޅު) އާއި އަހުމަދު ޝާހު އެވެ.
އަދި ފިލްމުގެ ސްކްރީންޕުލޭ އެފަދަ ދެވަނަ އެއް ނެތް، މަހުދީ އަހުމަދާއި އަހުމަދު ޒަރީރު ލިޔެފައިވާ އިރު، ކެމެރާ ކޮށްފައި ވަނީ ވެސް ރާއްޖޭގެ މަޝްހޫރު ކޮކޯ ހަސަނެވެ.
ފިލްމުގެ އެއް ޕްރޮޑިއުސަރު ހުސެއިން މުނައްވަރު ބުނި ގޮތުގައި، މި ފިލްމު ހާއްސަވާ ކަންތައްތަކަކީ މިއީ އެވެ. ގިނަ ގައުމީ އެވޯޑްތަކެއް ހާސިލްކޮށްފައިވާ ޓީމެއް މި ފިލްމުގެ ފަހަތުގައި އޮތުމެވެ.
މުނައްވަރު ބުނީ، އެޗްޑީ ފިލްމެއްގެ ގޮތުގައި މިމަހުގެ 30 ވަނަ ދުވަހު އޮލިމްޕަހުގައި ފިލްމު އަޅުވަން ނިންމާފައިވާ އިރު މިއަދު ހެނދުނު 10:00 އިން ފެށިގެން ފިލްމުގެ ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށާނެ ކަމަށެވެ.
އަދި ވަރަށް ގިނަ ފަރާތްތަކުން ޓިކެޓް ބުކް ކުރަން ގުޅަމުންދާ ކަމަށާއި ނަމަވެސް މިފަހަރު ފިލްމުގެ ޓިކެޓް ނޯޓު ނުކުރެވޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ފިލްމު، "ވީ ބޭވަފާ"ގެ ފުރަތަމަ ޝޯގެ ޓިކެޓްތައް ވިއްކަން ހަމަޖެހިފައި ވަނީ 200 ރުފިޔާ އަށެވެ. އަދި ޖުމްލަ 10 ޝޯ އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ އެ ފިލްމުގެ ފުރަތަމަ ޝޯއަށް ފަހު ދެން އަޅުވާ ހުރިހާ ޝޯއެއްގެ ޓިކެޓް ވިއްކާނީ 100 ރުފިޔާ އަށެވެ.