ސުޢޫދާއި ޢަލީ ޙުސައިން ކޯޓުތަކުގައި ވަކާލާތުކުރުން މަނާކޮށްފި

ޤާނޫނީ ވަކީލު އަލްއުސްތާޛު ޙުސްނުއް ސުޢޫދާއި (ވ) އަދި އަލްއުސްތާޛު ޢަލީ ޙުސައިން (ކ): ސުޕްރީމް ކޯޓުން ވަނީ، މި ދެބޭފުޅުން ކޯޓުތަކުގައި ވަކާލާތުކުރުން ވަގުތީގޮތުން މަނާކޮށްފައި -- ސަން ފައިލް ފޮޓޯ

ޤާނޫނީ ވަކީލު އަލްއުސްތާޛު ޙުސްނުއް ސުޢޫދާއި، އަލްއުސްތާޛު ޢަލީ ޙުސައިން ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން ވަގުތީ ގޮތުން މަނާކޮށްފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ، އެ ދެބޭފުޅުންނާމެދު ފިޔަވަޅު އަޅާފައި ވަނީ، ކޯޓުތަކުގެ ޙުރުމަތް ކަނޑަމުންދާ މައްސަލަ ބަލައި، އެމައްސަލާގައި ވަކިގޮތެއް ނިމެންދެން، ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން ވަގުތީ ގޮތުން މަނާކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިއަދު ނިންމުމާ ގުޅިގެން ކަަމަށެވެ.

"މިފިޔަވަޅު އަޅާފައިމިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަވާއިދު އާއި ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމުގެ ޤަވާއިދު އާއި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާއިދުގެ ދަށުން،" ޑީޖޭއޭއިން ބުންޏެވެ.

ސުއޫދާއި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިނަށް ކޯޓުތަކުގައި ވަކާލާތުކުރުން މަނާކޮށްފައި މިވަނީ، ދިވެހި ރާއްޖޭގައި ގާނޫނީ ބާރު ހިނގާކަން ކަށަވަރު ކުރުމަށާއި ކޯޓުތަކުގެ ހުރުމަތް ހިފެހެއްޓުމަށްޓަކައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ގާނޫނާ ގަވާއިދުގެ ތެރޭން އަޅާނެ ކަމުގެ އިންޒާރު ސުޕްރީމް ކޯޓުން ދީފައި ވަނިކޮށެވެ.

މިކަމާ ގުޅޭގޮތުން ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުޢޫދު މިރޭ ސަންއަށް ވިދާޅުވީ، ކޯޓްތަކުގެ ޙުރުމަތް ރައްކާތެރިކުރެއްވުމަށް ސުޕްރީމް ކޯޓުން ކުރައްވަމުން ގެންދާ މަސައްކަތްތަކަށް ފުރިހަމައަށް އެއްބާރުލުން ދެެއްވާނޭ ކަަމަށެވެ.

"ކޯޓްތަކުގެ ޙުރުމަތް ރައްކާތެރިކުރެއްވުމަށް ސުޕްރީމް ކޯޓުން ކުރައްވަމުން ގެންދާ މަސައްކަތްތަކަށް ފަށްފަށުން މަރުހަބާކިޔަން. އެކަމުގައި އަޅުގަނޑުމެން ވަކީލުންގެ އެއްބާރުލުން ފުރިހަމައަށް ލިބޭނޭކަމުގެ ޔަގީންކަން އަރުވަން،" ސުއޫދު ވިދާޅުވިއެވެ.

މިއަދު ސުޕްރީމް ކޯޓުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ގާނޫނުގެ ހުކުމްތައް ނެގެހެއްޓުމަކީ ސުޕްރީމް ކޯޓާ މަތިކުރެވިފައިވާ މުހިންމު މަސްއޫލިއްޔަތެއް ކަމަށެވެ.

" ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ނ) އާއި (ރ) އަށް ރިއާޔަތްކޮށް ގާނޫނީގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ކޯޓުތަކުގެ ގާނޫނާއި ސުޕްރީމް ކޯޓުގެ ގަވާއިދާއި ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމުގެ ގަވާއިދާއި ކޯޓުތަކުގައި ވަކާލާތު ކުރާ ގާނޫނީ ވަކީލުންނާ ބެހޭ ގަވާއިދުގެ ދަށުން އަޅަމުން ގެންދާނެ،" ސުޕްރީމް ކޯޓުގެ ބަޔާނުގައިވެ އެވެ.

އޭގެ އިތުރުން ގާނޫނީ ވަކީލުންގެ ވަކީލުކަން ކުރުމުގެ ހުއްދަ " ވަކި މުއްދަތަކަށް ނުވަތަ ދާއިމީކޮށް ބާތިލު ކުރެވޭނެ" ކަމަށްވެސް ސުޕްރީމް ކޯޓުގެ ބަޔާނުގައި ވަނީ އަންގާފައެވެ.

ސުޕްރީމް ކޯޓުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކޯޓުން މައްސަލަތައް ނިންމައި އޮޅުން ނާރާފަދަ ސާފު ބަހުން ބުނެފައިވާ ވާހަކަތައް އޮޅުވާލައިގެން ބައެއް ފަރާތްތަކުން ދައްކަމުން ގެންދާ ކަމަށެވެ. އަދި އެއީ ބައެއް ކަހަލަ މަގްސަދުތައް ހާސިލު ކުރުމަށްޓަކައި ކުރަމުން އަންނަ ކަންކަން ކަމަށް ސުޕްރީމް ކޯޓުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

comment ކޮމެންޓް