އެއާޕޯޓު ތަރައްގީކޮށް ނިމުމުން އިތުރު 3،000 ވަޒީފާ އުފެދޭނެ

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ބެހެއްޓި ބޮޑީ ސްކޭން މެޝިން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރަން ފަށާފައިވާ މަސައްކަތް ނިމުމުން، އެއާޕޯޓުން އިތުރު 3،000 ވަޒީފާގެ ފުރުސަތު އުފެދިގެން ދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލްސްގައި ގާއިމުކުރި ބޮޑީ ސްކޭނިންގް މެޝިނު އިފްތިތާހުކުރުމަށް މިއަދު އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ، މިހާތަނަށް ރާއްޖޭގެ ތާރީޚުގައި ވެސް ކުރެވޭ އެންމެ ބޮޑު އިންވެސްޓްމެންޓް މި ސަރުކާރުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ކުރަމުންދާ ކަމަށެވެ.

"2013 ނޮވެމްބަރު 17 އިން ފެށިގެން މިއަދާ ހަމައަށް މިވީ ގާތްގަނޑަކަށް ތިން އަހަރު ތެރޭގައި، 90 މިލިޔަން ޑޮލަރު މި ސަރުކާރުން މި ވަނީ އިންވެސްޓް ކޮށްފައި. މާނައަކީ ދުވާލަކަށް 1.3 މިލިޔަން ރުފިޔާ މި ސަރުކާރުން އެއާޕޯޓުގެ ތަރައްގީއަށް އިންވެސްޓު ކުރެއޭ،"

ސައީދު ވިދާޅުވީ، އެއާޕޯޓުގައި މިހާރުވެސް 2،300 ވަރަކަށް މުވައްޒަފުން ވަޒީފާ އަދާކުރާ އިރު، އެއާޕޯޓު ތަރައްގީވެގެން އަންނަ އިރު އެ އަދަދު 6،000 އަށް އިތުރުވާނެ ކަމަށެވެ.

"މި އެއާޕޯޓު ތަރައްގީވެގެން އަންނަ އިރު 6،000 މުވައްޒަފުންނާ ގާތްކުރާ ވަރަކަށް މި އެއާޕޯޓުގައި ވަޒީފާ އަދާކުރަމުން އަންނާނެ. މާނައަކީ އިތުރު 3،000 ވަޒީފާ އުފެދިގެން އަންނާނެ،" ސައީދު ވިދާޅުވިއެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން، އެއާޕޯޓުގައި ދެވަނަ ރަންވޭއެއް އެޅުމަށް ހަމަޖެހިފައިވެއެވެ. އެ ރަންވޭ އެޅުމަށްޓަކައި ހުޅުލޭގެ އުތުރު ފަރާތުން ދަނީ 65 ހެކްޓަރުގެ ބިން ހިއްކަމުންނެވެ.

އަދި އާ އިންޓަނޭޝަނަލް ޓާމިނަލެއް ވެސް އެތަނުގައި ތަރައްގީ ކުރާ އިރު، މިހާރު ބޭނުންކުރާ އިންޓަނޭޝަނަލް ޓާމިނަލް ބޭނުންކުރާނީ ޑޮމެސްޓިކް އޮޕަރޭޝަންތަކަށެވެ.

މީގެ އިތުރުން އެއާޕޯޓުގައި އާ ފިއުލް ފާމަކާއި އާ ސީޕްލޭން ޓާމިނަލެއްގެ އިތުރުން އެހެނިހެން މަސައްކަތްތައް ވެސް ކުރިޔަށް ދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ހުރިހާ މަސައްކަތެއް 2019 ވަނަ އަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެމްއޭސީއެލްއިން ލަފާކުރެއެވެ.

comment ކޮމެންޓް