ކޯޓުގެ ހުރުމަތްކެނޑޭ ފަދަ ވާހަކަ ދައްކާ ވަކީލުންގެ ހުއްދަ ބާތިލުކުރާނަން: ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓު --- ސަންފައިލް ފޮޓޯ

ދިވެހި ރާއްޖޭގައި ގާނޫނީ ބާރު ހިނގާކަން ކަށަވަރު ކުރުމަށާއި ކޯޓުތަކުގެ ހުރުމަތް ހިފެހެއްޓުމަށްޓަކައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ގާނޫނާ ގަވާއިދުގެ ތެރޭން އަޅާނެ ކަމުގެ އިންޒާރު ސުޕްރީމް ކޯޓުން ދީފި އެވެ.

މިއަދު ސުޕްރީމް ކޯޓުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ގާނޫނުގެ ހުކުމްތައް ނެގެހެއްޓުމަކީ ސުޕްރީމް ކޯޓާ މަތިކުރެވިފައިވާ މުހިންމު މަސްއޫލިއްޔަތެއް ކަމަށެވެ.

އެހެންކަމުން ދިވެހިރާއްޖެ އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ހޯދާފައިވާ ކުރިއެރުންތަކާއި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ ވެށި ހިމާޔަތް ކުރުމަށްޓަކައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ ކަަމަށް ސުޕްރީމް ކޯޓުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

" ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ނ) އާއި (ރ) އަށް ރިއާޔަތްކޮށް ގާނޫނީގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ކޯޓުތަކުގެ ގާނޫނާއި ސުޕްރީމް ކޯޓުގެ ގަވާއިދާއި ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމުގެ ގަވާއިދާއި ކޯޓުތަކުގައި ވަކާލާތު ކުރާ ގާނޫނީ ވަކީލުންނާ ބެހޭ ގަވާއިދުގެ ދަށުން އަޅަމުން ގެންދާނެ،" ސުޕްރީމް ކޯޓުގެ ބަޔާނުގައިވެ އެވެ.

އޭގެ އިތުރުން ގާނޫނީ ވަކީލުންގެ ވަކީލުކަން ކުރުމުގެ ހުއްދަ " ވަކި މުއްދަތަކަށް ނުވަތަ ދާއިމީކޮށް ބާތިލު ކުރެވޭނެ" ކަމަށްވެސް ސުޕްރީމް ކޯޓުގެ ބަޔާނުގައި ވަނީ އަންގާފައެވެ.

ސުޕްރީމް ކޯޓުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކޯޓުން މައްސަލަތައް ނިންމައި އޮޅުން ނާރާފަދަ ސާފު ބަހުން ބުނެފައިވާ ވާހަކަތައް އޮޅުވާލައިގެން ބައެއް ފަރާތްތަކުން ދައްކަމުން ގެންދާ ކަމަށެވެ. އަދި އެއީ ބައެއް ކަހަލަ މަގްސަދުތައް ހާސިލު ކުރުމަށްޓަކައި ކުރަމުން އަންނަ ކަންކަން ކަމަށް ސުޕްރީމް ކޯޓުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެކަން ކަމަކީ މުޖުތަމައުގެ ހަމަޖެހުމާއި އަމާންކަން ގެނެސްދިނުމަށް ކުރާ މަސައްކަތްތަކަށް ހުރަސްތައް ކުރިމަތިވާ ކަންކަން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް