ޕީޕީއެމް އޮފީސް ތަޅު ހަލާކުކޮށް، އޮފީސް ހުސްކުރި މައްސަލަ ބަލައި ދިނުމަށް އެދިއްޖެ

ޕީޕީއެމްގެ އޮފީހަށް ރައީސް ޔާމީނަށް ތާއީދު ކުރާ މީހުން ވަދެ އޮފީސް ހުސްކުރަނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕީޕީއެމްގެ އޮފީސް ހިންގަމުން އައި ހ. ތެމާގައި އަޅުވާފައިވާ ތަޅު ބަޔަކު މީހުން ހަލާކުކޮށްލުމަށް ފަހު އެ އޮފީހަށް ވަދެ، އެ އޮފީހުގައި ހުރި ތަކެތިތައް ގެންދިޔަ މައްސަލަ ބަލަ ފުލުހުން ބަލައިދިނުމަށް، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ފެކްޝަނުން އެދިއްޖެ އެވެ.

ރައީސް މައުމޫން ފެކްޝަނުގެ ނައިބު ރައީސް އައިމިނަތު ނާދިރާ ސޮއިކުރައްވައި ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފަށް މިދިޔަ ހޮނިހިރު ދުވަހު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ހ. ތެމާގައި ހިންގަމުން އަންނަ ޕީޕީއެމްގެ އޮފީހަކީ ޕާޓީގެ ރައީސް މައުމޫންގެ ބެއްލެވުމުގެ ދަށުން ހިންގަމުން އަންނަ އޮފީހެއް ކަމަށެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެ އޮފީހުގައި ފުލުހުން ތަޅު އަޅުވައި އެ އޮފީސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ނާދިރާ ފޮނުއްވި ސިޓީގައި ވިދާޅުވި އެވެ.

ސިޓީގައި ނާދިރާ ވިދާޅުވީ ޕީޕީއެމްގެ އޮފީސް ފުލުހުންގެ ބެލުމުގެ ދަށަށް ބުރާސްފަތި ދުވަހުގެ ރޭ ގެންގޮސްފައިވީ ނަމަވެސް އެ ސަރަހައްދުގައި އެވަގުތު ތިބި އެއްވެސް ފުލުހެއްގެ އަތުގައި ކޯޓު އަމުރެއް ނެތް ކަމަށެވެ. ނާދިރާ ވިދާޅުވީ ޕީޕީއެމްގެ އޮފީސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުން އެކަމުގެ މައުލޫމާތު ސާފު ކުރުމަށް އޭނާ ފުލުސް އޮފީހަށް ވަޑައިގެންނެވި ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ސާފުކުރުމުން، ފުލުހުންގެ މައި އިދާރާގައި އެވަގުތު އިންނެވި ފުލުސް އޮފިސަރަށް ޕީޕީއެމް އޮފީސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ސަބަބާއި އެކަން ހިނގައި ދިޔަ ގޮތް ސާފުކޮށްދެވިފައި ނުވާ ކަމަށް ނާދިރާ ވިދާޅުވި އެވެ.

ސީޕީ އަރީފަށް ނާދިރާ ފޮނުއްވި ސިޓީގައި ވިދާޅުވީ ޕާޓީ އޮފީހުގައި އަޅުވާފައިވާ ތަޅު ކީހާލުމަށް ފަހު އެ އޮފީހަށް ބަޔަކު މީހުން ވަންނަން މަސައްކަތް ކުރާ ކަމުގެ މައުލޫމާތު ލިބިގެން އެ ސަރަހައްދަށް ދިއުމުން، ޕީޕީއެމްގެ އޮފީސް ފުލުހުންގެ ބެލުމުގެ ދަށުގައި ބަލަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެވަގުތު އެ ސަރަހައްދުގައި ތިބި ފުލުހުން ދީފައިވާ ކަމަށެވެ.

"ނަމަވެސް 28 އޮކްޓޯބަރުވީ ދުވަހުގެ ހަވީރު އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބަޔަކު މީހުން އައިސް އޮފީހުގައި އަޅުވާފައި ހުރި ތަޅު ހަލާކުކޮށް އެތެރެއަށް ވަންނަން ވަނީ މަސައްކަތް ކޮށްފަ އެވެ. އަދި އެރޭގެ ވަގުތެއްގައި ބަޔަކު މީހުން އައިސް ޕާޓީ އޮފީސް ފުލުހުންގެ ބެލުމުގެ ދަށުގައި ވަނިކޮށް އޮފީހުގެ ދޮރު ހުޅުވައި އަދި އޮފީހުގެ މުދާތައް ހިފައިގެން ޕިކަޕަކަށް އަރުވައިގެން ގެންގޮސްފައި ވަނީ އޮފީހުގެ އެއްވެސް ވެރިއަކަށް ނޭނގި އެވެ." އެ ސިޓީގައި ނާދިރާ ވިދާޅުވި އެވެ.

ނާދިރާ ވިދާޅުވީ ޕީޕީއެމްގެ އޮފީހުގައި ހުރި މުދާތައް ބަޔަކު މީހުން ގެންދިޔައިރު، ޕާޓީގެ އޮފީހަށް އެއްވެސް މީހަކަށް ނުވަދެވޭނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. އަދި އެ އޮފީހުން އެއްވެސް އެއްޗެއް ބޭރު ކުރެވޭނީ ޕާޓީ އޮފީހުގެ ވެރިންނަށް އެނގިގެން ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ވެސް ނާދިރާ ވިދާޅުވި އެވެ.

"އަދި މިކަންކަން މިހެން ހިނގައިދިޔަ އިރު ކޯޓުގެ އެއްވެސް އަމުރެއް ދައްކާފައެއް ނުވެ އެވެ. އަދި ޕީޕީއެމްގެ އޮފީހުގައި ހުރި މުދާތައް އެގޮތަށް ފުލުހުން ކުރިމަތީގައި ކޯޓުގެ އަމުރެއް ނެތި އަޅުގަނޑުމެންނަށް އެނގުމަކާ ނުލާ ގެންދިއުމަކީ ވަރަށް ބޮޑު ކުށެކެވެ." ނާދިރާގެ ސިޓީގައި ވިދާޅުވި އެވެ.

ނާދިރާ ވިދާޅުވީ ޕީޕީއެމްގެ އޮފީހުގައި ތަޅު އަޅުވާފައި ވަނީ ކީއްވެގެން ކަމެއް، އަދި ފުލުހުންގެ ބެލުމުގެ ދަށުން އެ އޮފީހުގެ މުދާތައް ޕާޓީ އޮފީހުގެ އެއްވެސް ވެރިޔަކަށް ނޭނގި ބަޔަކު މީހުން ގެންގޮސްފައި ވަނީ ކިހިނެއްކަން އެނގިފައި ނުވާ ކަމަށެވެ.

ޕީޕީއެމްގެ އޮފީހުގައި ހުރި މުދާތައް ބަޔަކު މީހުން މިދިޔަ ހުކުރު ދުވަހުގެ ރޭ ގެންގޮސްފައިވާ އިރު އެ އޮފީހުގެ ބޭރުގައި ހަރުކޮށްފައިވާ ނަން ބޯޑު ވެސް އިއްޔެގެ ވަގުތެއްގައި ވަނީ ނަގާފަ އެވެ.

ޕީޕީއެމް ތެރޭގައި ގިނަ މައްސަލަތަކެއް ޖެހިފައިވާ މި ދަނޑިވަޅުގައި ރައީސް މައުމޫން ވެސް ވަނީ ސަރުކާރަށް ކުރައްވާ ތާއީދު އަނބުރާ ގެންދަވައިފަ އެވެ. އެމަނިކުފާނާ އެކު ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުގެ ބައެއް ބޭފުޅުން މިހާރު ދަނީ ވަކި ޕީޖީ ގްރޫޕެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް