ބިމުގެ ދަތިކަން ހައްލުކުރުމަށް ދިޔަމިގިއްޔާ މެދުފުށި ގުޅާލަދިނުމަށް އެދިއްޖެ

ކޮޅުމަޑުލު ދިޔަމިގިލި، އަދި އެރަށާ އެއްފަސްކުރުމަށް އެދިފައިވާ މެދުފުށި --

ތ. ދިޔަމިގިއްޔަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އެރަށު ފަޅުތެރޭގައި އޮންނަ މެދުފުށްޓާ ދިޔަމިގިލި ގުޅުލާލަ ދިނުމަށް އެ ރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ދަންނަވައިފިއެވެ.

ދިޔަމިގިލީ ކައުންސިލްގެ ރައީސް ނާހިދު އައްބާސް ސޮއިކުރައްވައި ރައީސް ޔާމީނަށް ފޮނުއްވި ސިޓީގައި ވަނީ 1999 ވަނަ އަހަރު ކުރިއަށް ގެންދިޔަ އެ ރަށު ބަނދަރު ފުންކުރުމުގެ މަސައްކަތުގެ ތެރޭން ތ. ތިންކޮޅުފުއްޓާއި އެރަށް ވަނީ ގުޅާލާފައި ކަމަށެވެ. ނަމަވެސް އެރަށަކީ ބިމުގެ ތަނަވަސްކަން މާބޮޑު ރަށެއް ނޫން ކަމަށް ވެސް ކައުންސިލްގެ ސިޓީގައިވެއެވެ.

ތިންކޮޅުފުށީގެ ބިމުގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑުބައެއް ބޭނުންކޮށްފައި ވަނީ އިޖުތިމާއީ އަދި ސިނާއީ އެކިއެކި މުހިންމު ބޭނުންތަކަށް ކަމަށް ދިޔަމިގިލީ ކައުންސިލުން ބުނެއެވެ. އަދި ދިރިއުޅުމަށް ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ބިމުން ގިނަ އަދަދެއްގެ ގޯތި ދޫކޮށްފައިވާތީ، ގޯތި ބޭނުންވާ ގިނަ ބަޔަކަށް ގޯތި ދޫކުރެވޭނެ ގޮތެއް އެ ރަށުގައި މިހާރު ނެތް ކަމަށްވެސް ކައުންސިލުން ބުނެއެވެ.

"އެހެންކަމުން ދިޔަމިގިއްޔަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް އެންމެ ކުޑަ ޚަރަދަކުން ހައްލަކަށް ގެނެވޭނެ އެންމެ ފަސޭހަ އަވަސްގޮތަކީ މިރަށު ފަޅުތެރޭގައި މިރަށާއި މިރަށާއި ވަރަށް ކައިރީގައި އޮންނަ ފަޅުރަށެއް ކަމުގައިވާ ތ. މެދުފުށި މިރަށާ ބިމުގެ ގޮތުން ގުޅާލައި އެއްފަސްކުރުން ކަމުގައި މި ކައުންސިލުން ދެކެމެވެ،" ދިޔަމިގިލީ ކައުންސިލުން ރައީސް ޔާމީނަށް ފޮނުވި ސިޓީގައި ވެއެވެ.

މެދުފުށްޓާ ދިޔަމިގިއްޔާ ދޭތެރޭ އެންމެ ދުރުކޮށް އޮންނަ ދިމާލުގެ ދުރުމިނަކީ 500 ފޫޓެވެ. އަދި އެންމެ ކައިރި ދިމާގައި ހުންނަނީ 75 ފޫޓެއެވެ. 4.7 ހެކްޓަރުގެ މެދުފުށްޓާ ދިޔަމިގިލި އެއްފަސް ކުރާނަމަ، އިތުރަށް ހިއްކަން ޖެހޭ ސަރަހައްދުގެ ބޮޑުމިނަކީ 3.4 ހެކްޓަރެވެ.

ދިޔަމިގިލީ ކައުންސިލްގެ ރައީސް ނާހިދު އައްބާސް ވިދާޅުވީ، އެރަށުގައި މިހާރު ދޫކުރެވެން އޮތީ، އެންމެ 30 ގޯތި ކަމަށާއި އޭގެތެރޭން 20 ގޯތި ދިރިއުޅުމަށް ދޫކުރުމަށް ސަރުކާރުން މިހާރު ހުއްދަދީފައިވާއިރު، އެ 20 ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ 94 މީހުންގެ ތެރޭން 75 އިންސައްތަ މީހުންނަކީ، 70 އަށްވުރެ މަތީން ޕޮއިންޓު ލިބިގެން ގޯތި ލިބެންޖެހޭ ފަރާތްތަކުގެ ގޮތުގައި ލިސްޓުކުރެވިފައިވާ މީހުންކަމަށެވެ.

" ގޯއްޗަށް އެދި ގިނަ ބަޔަކު ފޯމު ހުށަހެޅުއްވި ނަމަވެސް ބިމުގެ ތަނަވަސްކަން ނެތުމުން އަޅުގަނޑުމެންނަށް މިވަގުތު ދޫކުރެވެންއޮތީ އެންމެ 20 ގޯތި. ދެން ސަރުކާރުން، މެދުފުއްޓާ މިރަށް އެއްފަސްކޮށްދެއްވައިފި ނަމަ، ކުރިއަށް އޮތް 30 އަހަރަށް ބިމުގެ މައްސަލަ ހައްލުވާނެ،" ނާހިދު ވިދާޅުވިއެވެ.

ނާހިދު ވިދާޅުވީ، ދިޔަމިގިއްޔަށް ދިމާވެފައިވާ ބިމުގެ ދަތިކަން ގުޅިފައިވަނީ، ހަމަ އެކަނި ގޯތި ނުލިބިތިބި ރައްޔިތުންނާ ނޫންކަމަށާއި، އެރަށުގައި ކުނިނައްތާލުމަށްވެސް، އެކަމުގެ ސަބަބުން ވަރަށް ބޮޑަށް ދަތިވެފައިވާކަމަށެވެ.

"ވޭސްޓްމެނޭޖްމަންޓް މައްސަލައަކީ މިހާރު މުޅި މިރަށަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް. އެކަންވެސް ހައްލުކުރެވޭން އޮތީ، ބިމުގެ ދަތިކަން ހައްލުކުރެވިގެން،" 899 މީހުންގެ އާބާދީއެއް އޮންނަ ދިޔަމިގިއްޔަށް ދިމާވެފައިވާ ބިމުގެ ދަތިކަމާގުޅޭ ގޮތުން އެރަށު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް