ހަނަފަސްކަމުގެ ސަބަބުން މަޑަގަސްކަރައިގެ 1.5 މިލިއަން މީހުން ބަނޑުހައިހޫނު ކަމުގައި!

ހަނަފަސްކަމުގެ ސަބަބުން މަޑަގަސްކަރައިގެެ ދެކުނުގައި އުޅޭ ގާތްގަނޑަކަށް 1.5 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަމުންދާ ކަމަށް ޔުނައިޓެޑް ނޭޝަންސް (އދ.) އިން ބުނެފި އެވެ.

އދ. އާ ހަވާލާދީ ބީބީސީގައި ބުނެފައި ވަނީ، ކާޑުގެ ބާވައްތަކުގެ އުފެއްދުންތެރިކަން ދަށްވުމުގެ ސަބަބުން އެގައުމުގެ ކާބޯތަކެތީގެ އަގު އުފުލިފައިވާ ކަމަށެވެ. އަދި އާއްމުން ކައިބޮއެ އުޅެނީ ގޮވާމާއި ގެންގުޅޭ ޖަނަވާރު ކޮޅު ވިއްކައިގެން ލިބޭ ފައިސާ ކޮޅުން ކަމަށް ބުނެފައިވެ އެވެ.

އދ. އިން ބުނީ، މަޑަގަސްކަރައިގެ ހަނަފަސްކަން އެލް ނީނޯގެ ސަބަބުން އިތުރަށް ގޯސްވަމުންދާތީ، އެގައުމަށް އިންސާނީ ކުއްލި އެހީތެރިކަން ފޯރުކޮށްދޭންޖެހިފައިވާ ކަމަށެވެ. އެލް ނީނޯގެ ސަބަބުން އެފްރިކާގެ ގިނަ ގައުމުތަކުން ދަނީ ހަނަފަސްވެ، ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލަމުންނެވެ.

އެލް ނީނޯ އަކީ ޕެސިފިކް ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ދުނިޔޭގެ މޫސުމަށް ބަދަލުގެންނަ މޫސުމީ ނިޒާމެކެވެ. މިދިޔަ އަހަރުގެ އެލް ނީނޯ އަކީ ފާއިތުވި 15 އަހަރުތެރޭގައި ދުނިޔެ ތަޖުރިބާ ކުރި އެންމެ ވަރުގަދަ އެލްނީނޯ ކަމަށް ޔޫއެންގެ މޫސުމާ ބެހޭ އިދާރާއިން ބުނެފައިވެ އެވެ.

އދ.ގެ ފުޑް އެންޑް އެގްރިކަލްޗާ އޯގަނައިޒޭޝަން (އެފްއޭއޯ) އިން ހާމަކުރި ރިޕޯޓެއްގައި ބުނެފައި ވަނީ، މިދިޔަ އަހަރު ވެސް ދަށަށް ގޮސްފައިވާ، މަޑަގަސްކަރައިގެ ދެކުނުގައި އޮންނަ އެންޑްރޯއީގައި ހައްދާ ޒުވާރީގެ ނިސްބަތް މިއަހަރު 80 ޕަސެންޓް ދަށްވެފައިވާ ކަމަށެވެ.

އަދި މަޑަގަސްކަރައިގެ ބައެއް ސަރަހައްދުތަކުގައި ހައްދާ ހަނޑޫގެ ނިސްބަތް ވެސް 60 ޕަސެންޓަށް ދަށްވެފައިވާ ކަމަށް އެފްއޭއޯ އިން ބުނެ އެވެ. (ބީބީސީ)

comment ކޮމެންޓް