ސައުދީގެ ހިލޭ އެހީގައި ނޭކުރެންދޫގައި އިމާރާތް ކުރި މިސްކިތް ހުޅުވައިފި

ހދ. ނޭކުރެންދޫގައި އިމާރާތްކުރި މަސްޖިދުއް ތަގްވާ --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ސައުދީ ސަރުކާރުގެ ހިލޭ އެހީގައި ހދ. ނޭކުރެންދޫގައި އިމާރާތް ކުރި މިސްކިތް ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ.

ނޭކުރެންދޫގައި އިމާރާތް ކުރި މަސްޖިދުއް ތަގްވާ ހުޅުއްވައިދެއްވީ މިއަދުގެ އަސުރު ނަމާދަށްފަހު އިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު ބާގިރުގެ އިތުރުން ސައުދީ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނާއިބް މުތުރިކް އައްދައުސަރީ އެވެ.

ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މިހާތަނަށް ހަތަރު މިސްކިތެއް ބިނާކޮށް ރަސްމީކޮށް ވަނީ ހުޅުވާފައެވެ. އަދި މިއަދު ނޭކުރެންދޫގައި ރަސްމީކޮށް ހުޅުވި މިސްކިތަކީ ޖުމްލަ 5.6 މިލިއަން ރުފިޔާ ހަރަދުކޮށްގެން ޒަމާނީ ފެންވަރަށް ގާއިމްކޮށްފައިވާ 504 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ނޭކުރެންދޫ މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޑރ. ޒިޔާދު ވަނީ، ދީނީ ކަންތަކުގައި ސައޫދީ ސަރުކާރުން ދިވެހި ރާއްޖެއަށް ދެއްވާ އެހީތެރިކަން ފާހަގަކުރައްވާ އެގައުމުގެ ސަރުކާރަށް ޝުކުރުއަދާ ކުރައްވާފަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ދީނީ ފިކުރަކީ އެހެން ހުރިހާ ފިކުރުތަކަށް ވުރެ މުހިންމު ވާން ޖެހޭ ފިކުރެކެވެ. އަދި ދީނީ ފިކުރަށް ވުރެ ދުނިޔަވީ ވިސްނުންތައް އިސްކުރެވިގެން ނުވާނެ ކަމަށާއި ހަރުދަނާ ރީތި އިޖްތިމާއީ ފޭރާމެއް ހުރި ރައްޔިތެއް ބިނާ ކުރެވޭނީ ދީނީ ފިކުރު ހަރުދަނާ ކޮށްގެން ކަމަށެވެ.

"ދުނިޔޭގެ ފެންވަރުގައި ވެސް އެންމެ ރީތި ސާފު މިސްކިތް ހުރީ ރާއްޖޭގައި. ހަމައެގޮތަށް އަހަރުމެންގެ ހިތްތައް ވެސް ރީތިކޮށް ސާފު ކުރަން ޖެހޭ. އެގޮތުން ޤުރުއާނާއި ކައިރިވެ ހަދީސް ދަސްކޮށް މިސްކިތުގައި ނަމާދު ކުރުން އިތުރު ކުރަން ޖެހޭ،" މިނިސްޓަރު ވިދާލުވިއެވެ.

ހދ. އަތޮޅަށް އިސްލާމިކް މިނިސްޓަރު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހދ. ނޭކުރެންދޫއަށް ވަޑައިގަތް އެ ރަށުގައި ސައުދީ ސަރުކާރުން ގާއިމްކުރި މިސްކިތް ހުޅުއްވައިދެއްވާފައިވާއިރު، އެ އަތޮޅު ކުމުންދޫގައި ސަރުކާރުގެ އެހީގައި އިމާރާތްކުރި މިސްކިތް ވެސް މިއަދު ވަނީ މެންދުރު ނަމާދަށްފަހު ރަސްމީކޮށް ހުޅުއްވާފަ އެވެ.

comment ކޮމެންޓް