ހުޅުމާލޭގެ ކުނި މެނޭޖު ކުރުމަށް 30 އަހަރަށް ވެމްކޯއާ ހަވާލުކޮށްފި

ހުޅުމާލޭ ކުނިކޮށި މެނޭޖްކޮށް، ކުނި މެނޭޖްކުރުމުގެ މާސްޓާ ޕްލޭނެއް އެކުލަވާލުމަށް އެޗްޑީސީގެ ފަރާތުން ވެމްކޯއާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އެޗްޑީސީ

ހުޅުމާލޭ ކުނިކޮށި މެނޭޖު ކުރުމަށާއި އެ އަވަށުގެ ކުނި މެނޭޖުކުރުމުގެ މާސްޓާ ޕްލޭނެއް އެކުލަވާލުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އާ ހަވާލުކޮށްފި އެވެ.

ހުޅުމާލޭގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް އެޗްޑީސީގެ ފަރާތުން ވެމްކޯއާ ހަވާލުކޮށްފައި ވަނީ 30 އަހަރު ދުވަހަށެވެ.

އެޗްޑީސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅުން ހުރި އެއްބަސްވުންތަކުގައި ދެ ފަރާތުން ވަނީ މިއަދު ސޮއިކޮށްފަ އެވެ.

އެގޮތުން ވެމްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފުއާދެވެ. އަދި އެޗްޑީސީގެ ފަރާތުން އެއްބަސްވެ ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ.

ވެމްކޯއާއެކު އެޗްޑީސީން މިއަދު އެއްބަސްވި އެއްބަސްވުމުގައި ހުޅުމާލޭގައި އުފެދޭ ކުނި ރަނގަޅު ގޮތެއްގައި މެނޭޖްކޮށް ނައްތާލެވޭނެ ނިޒާމެއް ގާއިމްކުރުމަށް ވަނީ ނިންމާފަ އެވެ. އަދި މިހާރު ކުނިކޮށި ހުރި ތަނުން އެހެން ތަނަކަށް އެތަން ބަދަލުކުރުމަށް ވެސް އެއްބަސްވެފައިވެ އެވެ.

ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދަމުން އަންނަ މިހާރު އާބާދީގެ ގާތްގަނޑަކަށް 30،000 މީހުން ދިރިއުޅެމުން އަންނަ ހުޅުމާލޭގައި މިހާރު އޮތް ކުނި ކޮށި ބަލަހައްޓަމުން ގެންދަނީ އެޗްޑީސީންނެވެ.

ނަމަވެސް މާލެ ސަރަހައްދުގެ ކުނި މެނޭޖުކުރުމުގެ މަސައްކަތް މަތިކޮށްފައިވާ ވެމްކޯއިން މިހާރު ވެސް އަންނަނީ ހަފްތާއަކު އެއް ފަހަރު ހުޅުމާލޭ ކުނިކޮށި ސާފުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ވެމްކޯގެ އެމްޑީ ފުއާދު މިއަދު ވިދާޅުވީ، ހުޅުމާލޭގެ ކުނި މެނޭޖްކުރުމުގެ މާސްޓާ ޕްލޭންގެ ދަށުން ކުރިއަށް އޮތް ދޮޅު މަސް ދުވަހުގެ ތެރޭގައި ގޭގެއިން ކުނި ނެގުމުގެ ސާވޭ ފުރިހަމަކޮށް ނިމޭނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު އެ ހިދުމަތް ދޭން ފަށާނެ ކަމަށް ވިދާޅުވި އެވެ.

އަދި ވިދާޅުވީ، މިހާރު ހުރި ކުނިކޮށި އެހެންތަނަކަށް ބަދަލުކޮށް ނިމޭއިރު، އެތަން ވެގެންދާނީ ކުނި ރިސައިކަލްކޮށް މެނޭޖްކުރުމުގެ މައި ސަރަހައްދަށް ކަމަށާއި ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ހުޅުމާލޭ ކުނި މެނޭޖްކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

comment ކޮމެންޓް