ޑިޖިޓަލް ޓެރެސްޓްރިއަލް ބްރޯޑްކާސްޓިން ތަރައްގީކުރަން ޖަޕާނުން 415 މިލިޔަން ރުފިޔާގެ ހިލޭ އެހީ ދީފި

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ފޮރިން މިނިސްޓްރީ

ޑިޖިޓަލް ޓެރެސްޓްރިއަލް ބްރޯޑްކާސްޓިންގް ނެޓްވޯކު ރާއްޖޭގައި ތަރައްގީ ކުރުމަށްޓަކައި ޖަޕާނު ސަރުކާރުން ރާއްޖެއަށް 415 މިލިޔަން ރުފިޔާގެ ހިލޭ އެހީ ދީފިއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި، މި އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަޒޫމީ އެންޑޯއާއި، ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމެވެ.

ޖަޕާން އެމްބަސީން މައުލޫމާތު ދޭ ގޮތުގައި، މި މަޝްރޫއުގެ މަގްސަދަކީ ޖަޕާނުގައި ބޭނުންކުރާ އައިއެސްޑީބީ-ޓީ ނިޒާމު ބޭނުންކޮށްގެން ރާއްޖޭގައި ޑިޖިޓަލް ޓެރެސްޓްރިއަލް ބްރޯޑްކާސްޓިންގް ނިޒާމެއް ގާއިމުކުރުމެެ. މި މަޝްރޫއުގެ ދަށުން، މަސައްކަތަށް ބޭނުންވާ ތަކެތި ހޯދުމާއި، ޑިޖިޓަލް ޓެރެސްޓްރިއަލް ޓީވީ ޓްރާންސްމިޓީންގް ސިސްޓަމާއި އެންޓެނާތައް އިންސްޓޯލްކުރުމާއި ކޮންސްޓްރަކްޓް ކުރުން ހިމެނެއެވެ.

ޖަޕާނު އެމްބަސީއިން ބުނީ މި މަޝްރޫއަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ތިބި ރައްޔިތުންނަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާ، އަދި އެކަމުގެ ސަބަބުން އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީ ރައްޔިތުންނަށް ލިބޭ މަޝްރޫއަކަށް ވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

comment ކޮމެންޓް