ސިކެންސް ޕެއިންޓާ ބެހޭ ޓްރެއިނިންއަށް ރާއްޖޭގެ ނުވަ ބައިވެރިއަކު ޖަކާޓާއަށް

ސިކެންސް ޕެއިންޓް ޓްރެއިނިންގްއަށް އިންޑޮނޭޝިއާއަށް ދިޔަ ދިވެހި ޓީމު -- ފޮޓޯ/ ކޯލޯޑް މޯލްޑިވްސް

ދުނިޔޭގެ މަޝްހޫރު ކޯޓިންގް އަދި ސްޕެޝިއަލިޓީ ކެމިކަލްސް ކުންފުނި، "އެކްޒޯނޯބެލް"ގެ ސިކެންސް އޮޓޮމޯޓިވް ޕެއިންޓްސްއާ ގުޅޭ ޓްރެއިނިންގްއަކަށް، ރާއްޖޭގެ ފަރާތުން ނުވަ ބައިވެރިންގެ ވަފުދެއް އިންޑޮނޭޝިއާއަށް ފުރައިފިއެވެ.

ކޯލޯޑް މޯލްޑިވްސްއިން ހިންގާ ކަލަރ ބޭންކްގެ ފަރާތުން، އެކުންފުނީގެ މުވައްޒަފުންނާއި ބައެއް ކަސްޓަމަރުންނަށް އަމާޒުކޮށްގެން، ސިކެންސް އޮޓޮމޯޓިވްސް ޕެއިންޓްސްއާ ގުޅޭ ޓްރެއިނިންގްތަކެއް ރާއްޖެއިން ބޭރުގައި ދަނީ ބާއްވަމުންނެވެ.

މިދިޔަ ފަސް އަހަރު، އެ ޓްރެއިނިންގްތައް އިންޑިއާގެ ބެންގަލޫރުގައި ބޭއްވި ނަމަވެސް، މިއަހަރުގެ ޓްރެއިނިންގް އޮތީ އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައެވެ.

ކޯލޯޑް މޯލްޑިވްސްއިން ބުނީ، ކަލަރ ބޭންކްގެ ފަރާތުން މިފަހަރު ފޮނުވި ނުވަ މެމްބަރުންގެ ޓީމުގައި ހިމެނެނީ އެކުންފުނީގެ ދެ ސްޓާފުންގެ އިތުރުން ހަތް ކަސްޓަމަރުން ކަމަށެވެ. އަދި އޭގެ ތެރެއިން ދެ ކަސްޓަމަރުންނަކީ، މިދިޔަ އަހަރު ކަލަރ ބޭންކުން އެންމެ ރަނގަޅަށް ވިޔަފާރި ކުރި ދެ ކަސްޓަމަރުން ކަމަށާއި، އެ ދެ ކަސްޓަމަރުން ޓްރެއިނިންގައި ބައިވެރިވަނީ ކަލަރ ބޭންކްގެ ސްޕޮންސާޝިޕްގެ ފަރާތުން ކަމަށް ކޯލޯޑުން ބުނެއެވެ.

ކަލަރ ބޭންކްގެ ޓީމު ޖަކާޓާއަށް ފުރާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އަދި ސިކެންސް ޕެއިންޓްގެ ޓްރެއިނިންގްތައް އިއްޔެ ފަށާފައިވާ އިރު، ހުކުރު ދުވަހުގެ ނިޔަލަށް ކުރިޔަށް ދާނެއެވެ.

މި ތަމްރީނުތަކުގެ ބޭނުމަކީ ސިކެންސް ޕެއިންޓާ ބެހޭ މައުލޫމާތު ކަސްޓަމަރުންނަށް އޮޅުން ފިލުވައިދިނުމުގެ އިތުރުން، ޓެކްނޮލޮޖީ ބޭނުންކޮށްގެން ޕެއިންޓުގެ މަސައްކަތް ކުރާނެ ގޮތްތައް ކިޔައިދިނުމެވެ.

ސިކެންސް ޕެއިންޓާ ބެހޭ މައުލޫމާތު ރާއްޖޭގައި ހިންގާ ގަރާޖުތަކާއި ރިސޯޓުތަކަށް ދިނުމަށްޓަކައި ކޯލޯޑުން ވަނީ، މި މަހުގެ ތެރޭގައި މާލޭގައި ޚާއްސަ ސެމިނާއެއްވެސް ބާއްވައިފައެވެ.

ކޯލޯޑް މޯލްޑިވްސްއިން ކަލަރބޭންކް އިފްތިތާހުކުރީ 1994 ވަނަ އަހަރުއެވެ. ކަލަރބޭންކަކީ އެކްޒޯނޯބެލްގެ ސިކެންސް ޕެއިންޓްގެ އިތުރުން، އެކްޒޯނޯބެލް އޭރޯސްޕޭސް ކޯޓިންގްގެ އިތުރުން ޖޯޓަން މެރިން ޕެއިންޓާއި ގޭތެރެއާއި އިމާރާތްތަކުގައި ލުމަށް ޚާއްސަ ކްރައުން ޕެއިންޓްސްގެ، ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރެވެ.

comment ކޮމެންޓް