އިނގިރޭސި ލީގުގައި ސްވޮންސީ ސިޓީއާ ދެކޮޅަށް މިދިޔަ ހަފްތާގައި އާސެނަލް ކުޅުނު މެޗުގައި އެޓީމުގެ މިޑްފީލްޑަރު ގްރެނިޓް ޒަކާއަށް، ސީދާ ރަތްކާޑެއް ދެއްކުމާ ގުޅިގެން އޭނާއަށް ވަނީ، ޕްރިމިއާ ލީގުގެ ތިން މެޗު ނުކުޅެ ހުންނާން ޖެހިފައެވެ.
މިއަހަރުގެ މޭ 25ގައި ޖަރުމަނުގެ ބޮރޫޝާ މޮންޗެންގްލަބަޗުން 35 މިލިއަން ޕައުންޑުގެ ފީއަކަށް އާސެނަލާ ގުޅުނު މިޑްފީލްޑަރަށް ރަތްކާޑު ދެއްކީ ސުވޮންސީގެ މޮޑޫ ބަރޯއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

އާސެނަލްގެ މިޑްފީލްޑަރު ގްރެނިޓް ޒަކާއަށް ރަތްކާޑު ދެއްކީ ސުވަންޒީގެ މޮޑޫ ބަރޯއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން -- ފޮޓޯ: ޔާހޫނިއުސް
ޗެމްޕިއަންސް ލީގުގައި ބަލްގޭރިއާގެ ލުޑޮގެރެޓްސް އަތުން 6-0 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން އާސެނަލް މޮޅުވި މެޗުގައި ވެސް ކޯޗު އާސެން ވެންގާ ޒަކާއަށް ޖާގަދިނީ އޭނާގެ ބެންޗު ޓީމުންނެވެ.
ލީގުގައި ތިން މެޗު ނުކުޅެ ހުންނާން ޖެހުމުން، ހިތަށް ލިބިދާނޭ ނުތަނަވަސްކަމުން ދުރުވުމުގެ ގޮތުން ޒަކާ ވަނީ، ބޮލީވުޑްގެ ރަސްގެފާނު ޝާޚް ރުކް ޚާންގެ ވެކްސް ސްޓެޗޫއެއްގެ ކައިރީ ފޮޓޯއެއް ނެގުމަށްފަހު، އިންސްޓަގްރާމް ކޮށްފައެވެ. އަދި އެއާއެކު ކުރި ޕޯސްޓުގައި އެކުވެރި ޝާޚް ރުކް ޚާނާއެކު ހުސްވަގުތު ހޭދަކޮށްލަނީ ކަމަށް ބުނެފައި ވެއެވެ.
ޒަކާގެ އެ ފޮޓޯއާއެކު ޝާޚް ރުކް ޚާން ކުރި ޓްވީޓެއްގައި، ދެން ފަހަރަކުން ހަގީގަތުގައި ވެސް ދެމީހުން އެކުގައި ފޮޓޯއެއް ނަގަން ވާނެ ކަމަށާއި، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށާއި ރަނގަޅަށް ކުޅުމަށް ނަސޭހަތްތެރިވެފައި ވެއެވެ.